ތިމާވެށި

ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް ހަކަތައިގެ ޔަޤީންކަން މުހިއްމު


"ވޯލްޑް އެނަރޖީ ޑޭ" ނުވަތަ ދުނިޔޭގެ ހަކަތައިގެ ދުވަހުގެ ގޮތުގައި ޚާއްސަ ދުވަހެއް ފާހަގަކުރަން ނިންމާފައިވަނީ 2012 ވަނަ އަހަރު ދުބާއީގައި ބޭއްވި ވޯލްޑް އެނަރޖީ ފޯރަމްގައެވެ. އެގޮތުން ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަސް ދުނިޔޭގެ ހަކަތައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ތަރުހީބު ދިނުމުގެގޮތުން " ދަ ދުބާއީ ޑެކްލަރޭޝަން އޮފް އެނަރޖީ ފޯރ އޯލް" ޤަރާރުގައި ދުނިޔޭގެ 60 ޤައުމަކުންނާއި ބައިނަލްއަޤްވާމީ ބައެއް ޖަމާޢަތްތަކުން ވަނީ ސޮއިކޮށްފައެވެ.

ހަކަތައިގެ ދުވަހެއް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރަމުންދާއިރު، ހަކަތައިގެ މުހިއްމުކަމާއި، އެކަމުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ލިބޭ ފަސޭހަތަކާއި، ޤައުމުތަކުގެ ތަރައްޤީއާއި އިޤްތިޞާދީ ދުވެލި ހަލުވިވެގެންދާ މިންވަރުގެ ވާހަކަދައްކާލުމަކީ މުހިއްމުކަމެކެވެ.

21 ވަނަ ޤަރުނުގެ ބަވަނަވެފައިވާ މި ދުނިޔޭގައި ޓެކްނޮލޮޖީއާއި ތަރައްޤީގެ ފޮނިމީރުކަން އިންސާނުން ހޯދަމުންދާއިރު، މިކަންކަން ފުރިހަމަވަނީ ހަކަތައާވެސް އެކުގައެވެ. ފަހުގެ ޒަމާނީ އުފެއްދުންތައް ވަކިން ޚާއްސަކޮށް ގޭތެރޭގެ މަސައްކަތްތަކަށާއި، އޮފީސް މާޙައުލާއި، އާއްމު ދިރިއުޅުމުގެ ކަންކަން ފުއްދުމަށް އުފައްދާތަކެތީގެ ބޮޑުބައެއް ހިއްސާކުރަނީ ކަރަންޓް ބޭނުންކުރާ އާލަތްތަކެވެ. ކާރުޚާނާތަކުގައި ބޭނުންކުރާ ބޮޑެތި މެޝިންތަކުން ފެށިގެންގޮސް އަތުގައި އޮންނަ ސްމާޓްފޯނަށް ބަލާލިކަމުގައިވިޔަސް ހަކަތައިގެ މުހިއްމުކަމާއި ބޭނުންތެރިކަން ވަޒަންކޮށްލެވެއެވެ. އެހެންކަމުން އިންސާނުން ދިރިހުރުމަށް ނޭވާލުން މުހިއްމުވާފަދައިން، ހަކަތައަކީވެސް މިއަދު އެއާނުލައި އިންސާނުންނަށް ނޫޅެވޭވަރުގެ އެއްޗެކޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.

ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމެއްކަމުން، ހަކަތައިގެ ޔަޤީންކަން ހޯދުމަކީ ހަރުދަނާ އިޤްތިޞާދެއް ޤާއިމުކުރުމަށް މުހިއްމު އަދި އެހާމެ ބޭނުންތެރިކަމެކެވެ. ކަރަންޓު އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތު ތަންފީޒުކޮށް، ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.

އިއާދަކުރަނިވި ހަކަތައާއި، ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް އިސްރާފު ކުޑަކުރުމާގުޅޭ މަޝްރޫޢުތަކަށް 275.8 މިލިޔަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވެއެވެ. އިއާދަ ކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ އިތުރުން، ތެލަށްކުރާ ޚަރަދު ކުޑަކުރެވި ރާއްޖެއިން ބޭރުވާ ފައިސާގެ މިންވަރު ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކަށް ބަލާލާއިރު، ރާއްޖޭގެ 48 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ބޭނުންކުރަން ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށްވަނީ 48 ރަށެއްގައި 7.5 މެގަވޮޓުގެ ހައިބްރިޑް ނިޒާމުތައް ޤާއިމުކޮށް ނިންމާފައެވެ. މިއާއެކު މުޅި ރާއްޖޭގައި ޖުމްލަ އިއާދަކުރަނިވި ހަކަތަ ޤާއިމުކޮށްފައިވާ މިންވަރު ވަނީ 21.5 މެގަވޮޓަށް އިތުރުވެފައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ ގއ. ވިލިގިލި، ބ.ގޮއިދޫ، ތ.ބުރުނި، ޅ.ކުރެންދޫ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައާއި ހއ.އަތޮޅުގެ 14 ރަށް، ށ.އަތޮޅުގެ 13 ރަށް އަދި ނ.އަތޮޅުގެ 13 ރަށުގައި ހައިބްރިޑް ނިޒާމުތައް ޤާއިމުކޮށްފައެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުގެ ނިޔަލަށް ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި ސ އަތޮޅުގައި އިތުރު 25 މެގަވޮޓުގެ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން އަންނަނީ ކުރައްވަމުންނެވެ. އަދި ކުންޏަކީ ފައިސާ ލިބޭ ވަސީލަތަކަށް ހެދުމަށް ސަރުކާރުންވެފައިވާ ވަޢުދުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓް އުފެއްދުމުގެ މަސައްކަތް ރ. ވަންދޫގައި ވަނީ ފަށާފައެވެ. މިއީ ހަކަތައިގެ ދާއިރާއަކީ ތިމާވެއްޓާ ރަށްޓެހި ދާއިރާއަކަށް ހެދުމަށް ކުރާ މަސައްކަތަށް އިތުރުވި މުހިއްމު ބޮޅެކެވެ.

އަސާސީ ޚިދުމަތްތައް ދިނުމުގައި، މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަޤު ނައްތާލުމުގެ ސިޔާސަތުގެ ދަށުންނާއި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން 2019 ވަނަ އަހަރުގެ މާރިޗުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ވަނީ ހެޔޮކޮށްފައެވެ. ކަރަންޓުގެ އަގު ހެޔޮކޮށްފައިވަނީ، ތިން ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ، ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަޤު ވަނީ ނައްތާލާފައެވެ. މި ބަދަލާއެކު، ކަރަންޓު އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތާލެވި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު ވަނީ އެއްހަމަ ކޮށްފައެވެ.

ކަރަންޓުގެ އަގަށް މި ގެނައި ހެޔޮ ބަދަލުގެ ތެރޭގައި، އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް، ވަނީ އެއްހަމަ ކޮށްފައެވެ. އެގޮތުން އައްޑުއާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާއި އެއްވަރަށް، އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައްވެސް ވާނީ ކުޑަކުކޮށްފައެވެ.

މި ބަދަލުތައް ގެނައުމުން ރަށްރަށުގައި، ވިޔަފާރިތަކުން ކަރަންޓު ބިލަށް ދައްކަންޖެހޭ މިންވަރު ކުޑަވެ، ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މަންފާ، ސީދާ ރައްޔިތުންނަށް ލިބެމުންދާކަން ސަރުކާރުން ފާހަގަކުރައްވައެވެ. އަދި ވިޔަފާރިތަކުން ހަކަތައަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ލިބޭ ފައިދާ އިތުރުވެ، ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ފުރުޞަތު ހުޅުވިފައިވާކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.