ޚަބަރު

ގަވައިދާ ޚިލާފަށް ރުއްގަސް ނެގުމުން ބާރަށު ކައުންސިލަށް ބޮޑު ޖޫރިމަނާއެއް


ގަވައިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި އުފުރުމާއި، އަދި ރަށުން ރުއްގަސް ބޭރުކުރުމާ ގުޅިގެން، ބާރަށު ކައުންސިލް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ބުނެފައި ވަނީ ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަނުކުރުމާއި، ނަގަންޖެހޭ ހުދަތައް ނެތި ތިމާވެއްޓަށް ގެއްލުންވާގޮތަށް ރުއްގަސް ނަގާފައިވާތީ ބާރަށު ކައުންސިލް 191،250(އެއްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކޮށްފަވާކަމަށެވެ.

ބާރަށު ގްރީން ބެލްޓް(ހޭޅިފަށް) ހިމެނޭ ސަރަޙައްދުން އަދި ރަށުގެ އެހެނިހެން ސަރަޙައްދުތަކުން ރުއްގަސް ނެގުމާއި ކެނޑުމުގެ ސަބަބުން ޖޫރިމަނާކޮށްފައި ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ، ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައަޅުމާއި ބަދަލުހޯދުމުގެ ޤަވާއިދުގެ ދަށުންނެވެ.

މި ޤާނޫނުގެދަށުން ބާރަށު ކައުންސިލް ޖޫރިމަނާކޮށްފައި ވަނީ މިއަދުއެވެ. ޖޫރިމަނާ ފައިސާ 30 ދުވަހުގެ މުއްދަތުގެތެރޭގައި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސިއަށް ދެއްކުމަށް ވަނީ ކައުންސިލަށް އަންގާފައެވެ.

ބަންޑާރަ ސަރަޙައްދުތަކުގައި ހުންނަ ރުއްގަސް ހުއްދަ ނެތި ނެގުމަކީ ޤާނޫނުން މަނާކަމެކެވެ. މިއީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި، އަދި ރަށްރަށުގެ ގުދުރަތީ ވެށި ޙިމާޔަތްކުރުމަށް ކުރާ މަސައްކަތެކެވެ. ހުއްދަ ނުނަގައި ޤަވައިދާ ޚިލާފައި ރުއްގަސް ނެގުމާއި، ރަށްރަށުގެ ގޮނޑުދޮށްތަކުން ވެލިނެގުންފަދަ ކަންކަމުގެ ސަބަބުން މީގެކުރިންވެސް ރަށްރަށާއި ވަކިވަކި މީހުން ޖޫރިމަނާކޮށްފައި ވެއެވެ.