ތިމާވެށި

މީހުން ބިނާކޮށްގެން ނޫނީ ފެނާއި ނަރުދަމާގެ ޚިދުމަތް ފުރިހަމައެއް ނުވާނެ - ޑރ. ހުސައިން


ރާއްޖޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމު އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވޭނީ އެ ދާއިރާއިން މީހުން ބިނާކޮށް، އެމީހުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ފަހިކޮށްދީގެންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ މިހެން ވިދާޅުވީ، ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުމަށް، މިނިސްޓްރީ އޮފް އެންވަރަޔަރަންމަންޓާއި މޯލްޑިވްސް އިންސްޓިޓިޔުޓް އޮފް ޓެކްނޮލޮޖީ، އެމް.އައި.ޓީއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުމަށް، މިނިސްޓްރީ އޮފް އެންވަރަޔަރަންމަންޓާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ދެމެދު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ޙަސަނެވެ. އަދި އެމް.އައި.ޓީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވީ، ރާއްޖޭގައި ފެނާއި ނަރުދަމާގެ ދާއިރާގައި ސިލަބަސްތަކެއް ތައްޔާރުކުރެވި އެކަމާބެހޭ ސަނަދެއް ނުވަތަ ސެޓިފިކެޓެއް އުފައްދައި އޭގެ މައްޗަށް މީހުންނަށް ތަމްރީން ދިނުމުގެ މަސައްކަތަކީ މިހާތަނަށް ކުރެވިފައިނުވާ މަސައްކަތެއްކަމަށެވެ. އަދި މި ދާއިރާއަކީ ތަރައްޤީކުރަންޖެހޭ ދާއިރާއެއްކަމަށާއި، ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފި، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭނީ އޭރުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ތަނެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްދޭއިރުގައި އެތަންތަނަށް އެ ރަށްރަށަށް އެކަށީގެންވާގޮތުގައި އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ބޭނުންވާ މީހުން ތަމްރީންކޮށް އެމީހުން އެ ވަޒީފާތަކުގައި ދެމިތިބޭކަން ކަށަވަރުކުރަން އަޅުގަނޑުމެން ޖެހޭ. އެހެންކަމުން މި ދާއިރާ ރެގިއުލޭޓްކުރާ މިނިސްޓްރީގެ ހައިސިއްޔަތުން އަޅުގަނޑުމެން ވިސްނީ، ހަމައެކަނި ފެނާއި ނަރުދަމާގެ ވިއުގަރތައް ރަށްރަށުގައި ޤާއިމުކުރުމަކުން މިކަން ހައްލެއް ނުވެއޭ. އެ މައްސަލަ ހައްލުވަނީ އެކަންކަން ހިންގާ ބަލަހައްޓާނެ މީހުންވެސް ރަށްރަށުގައި ތިބެގެންނޭ" މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިންސްޓިޓިޔުޓް އޮފް ޓެކްނޮލޮޖީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމް ވިދާޅުވީ، ފެނާއި ނަރުދަމާގެ ދާއިރާއިން ރާއްޖޭގައި ކިޔަވައިގެން ތިބި މީހުންގެ އަދަދު މަދުކަމަށެވެ. އަދި މި ދާއިރާއިން އެކުލަވާލާ ކޯސްތަކަކީ ރާއްޖޭގެ މާޙައުލާގުޅޭ ފަހުގެ ޓެކްނޮލޮޖީތަކަށް ރިޢާއަތްކޮށް ތައްޔާރުކުރާ ކޯސްތަކެއްކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

"ފެނާއި ނަރުދަމާގެ ދާއިރާއަކީ ރާއްޖޭގައި ފޯމަލް އެޑިއުކޭޝަން މަދު، އެ ދާއިރާއިން ކިޔަވައިގެން ތިއްބެވި ބޭފުޅުން މަދު ދިމާއެއް. މި ކޯސްތައް ފަރުމާކުރުމުގައި ދިވެހި ވަންތައް މިހާރުގެ ޓެކްނޮލޮޖީތަކަށް ރިޢާއަތްކޮށް ޕްރޮގްރާމްތައް ޑިވެލޮޕްކޮށްގެން ކުރިއަށްގެންދާނަން" ހަލީމް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ދާއިރާއިން ލެވަލް 3 އަދި 4 ގެ ސެޓްފިކެޓް ކޯހަށް ބޭނުންވާ ސްޓެންޑަޑް އަދި ކޯސް މެޓީރިއަލް ތައްޔާރުކުރުމަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، ތައްޔާރުކުރުމަށް ރޭވިފައިވާ ފެނާއި ނަރުދަމާގެ ދާއިރާގެ ކޯސްތަކަކީ؛ ޕްލަމިންގ، ސްވަރޭޖް ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް، ވޯޓާ ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް އަދި ފެން ޓެސްޓްކުރާ ލެބޯޓްރީ ޓެކްނީޝަންސް އެވެ. މި މަސައްކަތް ކުރިއަށްދާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަނަޓާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް) އާއި ގުޅިގެންނެވެ.

މިކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާއި އެއްގޮތަށް ފަރުމާކުރެވޭ ކޯސްތަކެއްކަމަށްވުމުން، މިއީ މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި އެއްބަސްވުމުގެ ދަށުން ކޯސްތަކުގެ ސްޓޭންޑަރޑް އެކުލަވާލައި، ކޯސް މެޓީރިއަލްއަސް ތައްޔާރުކުރެވިގެން ދާނެއެވެ. މި ކޯސްތައް އެކުލަވާލުމަށްފަހު، ފެނާއި ނަރުދަމާގެ ޔޫޓިލިޓީ ޚިދުމަތްދޭ ރަށްތަކަށް މަތީގައި ދެންނެވިފައިވާ ފެނާއި ނަރުދަމާގެ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.