މުނިފޫހިފިލުވުން

ތިނަދޫ ބަހުރުވައިން ހެއްވާ މަޖާ، ނަމަވެސް އިބުރަތުން ފުރިގެންވާ މެސެޖެއް


ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން އަޅުގަނޑުމެން އިންސާނުންނަށް ދަސްކޮށްދިން އެންމެ މުހިއްމު އެއް ފިލާވަޅަކީ އާއްމު ސާފުތާހިރުކަމުގެ މުހިއްމުކަމެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބެން ބޭނުންނަމަ އާއްމު ސާފުތާހިރުކަމުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ ބައްޔާމެދު އާއްމުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތެވެ. އެގޮތުން ކޯވިޑް-19ގެ އެކި މަޢުލޫމާތުތަކާއި، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާގުޅޭ މަޢުލޫމާތުތައް އެކި ގޮތްގޮތުން ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ސަރުކާރުގެ އެންމެ މަތިން ފެށިގެންގޮސް، މީޑިއާތަކާއި، ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކުންވެސް އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޓީވީއާއި ރޭޑިއޯ، އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހޭލުންތެރިކުރުމަށް ތަފާތު ވީޑިއޯ ސްޕޮޓްތައް އަބަދުހެން އަންނަނީ ދައްކަމުންނެވެ.

އާއްމު ސާފުތާހިރުކަމަށް ހޭލުންތެރިކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. ތިނަދޫގެ ޒުވާނުންތަކެއް މިވަނީ ނަމޫނާ މަސައްކަތެއް އާއްމުންނާއި ހަމައަށްގެނެސްދީފައެވެ. މިއީ ކޯވިޑް-19އާއި ސީދާ ގުޅުމެއްނެތްކަމެއްނަމަވެސް، އާއްމު ސާފުތާހިރުކަމުގެ މުހިއްމުކަން އަންގައިދޭ މުހިއްމު މެސެޖްތަކެއް ގެނެސްދޭ މަސައްކަތެކެވެ.

"މެންސާ މަދުއްރާ" މި ނަމުގައި ތިނަދޫ ބަހުރުވައިން ނެރެފައިވާ މި ލަވައަކީ ހެއްވާ މަޖާ ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. ލަވައިގެ ވީޑިއޯއިން ބެލުންތެރިން ހެއްވާލާ ކިތަންމެކަމެއް ފެނިގެންދެއެވެ. ނަމަވެސް ލަވައިގެ ލިރިކްސް ނުވަތަ ޅެމަށް ވިސްނާލުމުން، އެއިން އަންގައިދޭ މެސެޖް ކިތަންމެހާވެސް ފުރިހަމައެވެ. އެހާމެ ބޭނުންތެރިއެވެ.

ތިނަދޫއަށް ނިސްބަތްވާ ބުންނަރު ސްޓޫޑިއޯ އާއި ޗައްޕަލާ ސްޓޫޑިއޯގެ ފަރާތުން ގެނެސްދީފައިވާ މި ލަވައިގެ ޅެން ހަދާފައިވަނީ ޅެމާއި ލަވަ ހެދުމަށް ތިނަދޫގައި މަޝްހޫރު ފަރާތެއްކަމަށްވާ ޢަބްދުﷲ އަފީފް އާއްމު ނަމުންނަމަ އަފީފްބެއެވެ. މި ލަވައިގެ މިއުޒިކް ކޮމްޕޯސްކުރުމާއި، ވީޑިއޯ އެޑިޓިންގެ މަސައްކަތް ނިންމާލާފައިވަނީ ގާތްގަނޑަކަށް 2 ހަފްތާގެ ތެރޭގައެވެ.

ލަވައާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން ބުންނަރު ސްޓޫޑިއޯގެ ވެރިޔާ ޢަބްދުލް ބާތިން މުޙައްމަދު ބުނީ މި ލަވައިގެ ޅެމަކީ ވަރަށް ކުރިން ހަދާފައިވާ ޅެމެއްކަމަށެވެ. އަދި ރަށުގެ މިހާރުގެ ޙާލަތާވެސް ގުޅޭ ޅެމަކަށް މި ޅެންވާތީ، އައު މިއުޒިކަކާއެކު ވީޑިއޯ ލަވައެއް ތައްޔާރުކުރަން ބޭނުންވީކަމަށް ބާތިން ބުންޏެވެ.

ލަވަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަށް އާއްމުކުރުމާއެކު، ތިނަދޫގެ ވަރަށް ގިނަ ބަޔަކަށް ލަވަ ކަމުދިޔަކަމަށާއި، ނަމަވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން އެހާ ބޮޑު ސަމާލުކަމެއް މި ލަވައަށް ލިބިގެންދިއުން އެއީ އެއްވެސް ވަރަކަށް އުއްމީދުކުރިކަމެއް ނޫންކަމަށް ބާތިން ބުންޏެވެ. މި ލަވަ އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ބާތިން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

"އަސްލު އެކްސްޕެކްޓެއް ނުކުރަން އެއްވެސް ވަރަކަށް މިލަވަ އެހާ ބޮޑަށް ވައިރަލްވެގެންދާނެކަމަކަށް. އަސްލު ހީކުރީ ހުވަދޫގައި މީތި ހިނގާނެކަމަށް. ހުވަދޫ ބަހުރުވައިން ހަދާފައި އިނީމަ. އެކަމު މުޅި ރާއްޖެއަށް ވައިރަލްވެދާނެކަމަށް ހިއެއްނުކުރަން. ލަވަ އަޕްލޯޑްކޮށްފައި ގަޑިއެއްހާއިރުގެ ތެރޭގައި ވިއުސް އަރައިގެންދިޔަ ގޮތުން ހައިރާންވެފައި އެންމެންވެސް ތިބީ" ބާތިން ބުންޏެވެ.

ލަވައިން ދޭހަކޮށްދޭ ބައެއް މުހިއްމު މެސެޖްތަކަށް ބަލާއިރު، ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މުހިއްމުކަމާއި، ފެން ހަރުލާފަދަ ގޮތްގޮތަށް ތަންތަން ނުބެހެއްޓުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުރައްކާގެ އިތުރުން، ސާފުތާހިރުކަން އިސްކުރުމުގެ މުހިއްމުކަން ހިމެނެއެވެ. ނޫންނަމަ ލަވައިގައި ބުނާގޮތަށް މެއްސާއި، މަދަރި ރަށު ތެރޭ އާލާވުމާއި، ރޯގާއާއި ބޭރަށް ހިންގުންފަދަ ކަންކަން އާއްމުވެ، ބަލިމަޑުކަން އިތުރުވެގެންގޮސްދާނެއެވެ.

މި ލަވަ ކިޔާފައިވަނީ ތިނަދޫގެ 2 ލަވަކިޔުންތެރިންކަމަށްވާ ޝަފީޤާއި، މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން މަޤުބޫލުކަން ހޯދި މުޙައްމަދު ޒަލީފެވެ. ލަވައިގެ ވީޑިއޯއިން ފެންނަ ބައެއް މޫނުތަކަކީ ޓިކްޓޮކުން މަޝްހޫރުކަން ހޯދާފައިވާ ބައެއް މޫނުތަކެވެ.

އާއްމު ސާފުތާހިރުކަން އިސްކުރުމަށް ނަސޭހަތްތެރިވާ މި ލަވަ ތިނަދޫ ބަހުރުވައިން ތައްޔާރުކުރުމުގެ އެންމެ ބޮޑު ބޭނުމަކަށްވީ ހުވަދޫ ބަހުރުވައަކީ ގިނަބައެއްގެ މެދުގައި އެހާ ފަރިތަ ބަހުރުވައަކަށްނުވެފައި، ވަކިން ޚާއްސަކޮށް ތިނަދޫ ބަހުރުވަ ދިރުވާއާލާކޮށް، އެއަށް އޮންނަ ލޯތްބާއި މަޤުބޫލުކަން އިތުރުކުރުންކަމަށްވެސް ބާތިން ބުންޏެވެ.

ބާތިން ބުނިގޮތުގައި ބުންނަރު ސްޓޫޑިއޯއަކީ ފެށުނީއްސުރެއް އަބަދުވެސް ތިނަދޫ ބަހުރުވައަށް އިސްކަންދީގެން، ބަސް ކުރިއެރުވުމަށް ތަފާތު އުފެއްދުންތައް އުފައްދާ ސްޓޫޑިއޯއެއްކަމަށެވެ. މީގެ ކުރިންވެސް ތިނަދޫ ބަހުރުވައިން ލަވަތައް ތައްޔާރުކޮށްފައިވާކަމަށާއި، ކުރިއަށްއޮތްތާނގައިވެސް އެ މަސައްކަތް ކުރަމުންދާނެކަން ބާތިން ވަނީ ފާހަކޮށްފައެވެ. އަދި ތިނަދޫއަކީ ހުނަރުވެރި ޒުވާނުންތަކެއް އުޅޭ ރަށަކަށްވެފައި، ލަވައާއި މިއުޒިކަށް ލޯބިކުރާ ފަރާތްތަކާއި އެކްޓްކުރުން ފަދަ ކަންކަމަށް ޝަޢުގުހުރި ޒުވާނުންނަށް އެކި ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް އެ ސްޓޫޑިއޯގެ ވަރަށް ބޮޑު އަމާޒެއްކަމަށް ބާތިން ބުންޏެވެ.