އަތޮޅުތައް

ގދ. ވާދޫ ކުނިކޮށީގެ ބިންގާއަޅައިފި


ހުވަދު އަތޮޅު ދެކުނުބުރީ ވާދޫގައި އެޅުމަށް ހަމަޖެހިފައިވާ ކުނިކޮށީގެ ބިންގާ އަޅައިފިއެވެ. ވާދޫ ކުނިކޮށްޓަކީ، އެރަށު ކައުންސިލާއި، ރައްޔިތުންގެ އިތުރުން، ބައެއް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އިމާރާތްކުރާ ކުނިކޮށްޓެއްކަމަށް ވާދޫ ކައުންސިލުން ހާމަކުރެއެވެ. ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ގދ. ވާދޫ ކައުންސިލް އިދާރާގެ ރައީސް އަހުމަދު އަބްދުލްކަރީމް ވިދާޅުވީ، ވާދޫއަކީ ކުނީގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެއް ކަމަށާއި، އަލަށް އެޅޭ މި ކުނިކޮށީގެ ސަބަބުން، އެރަށުގެ އެކި ސަރަހައްދުތަކަށް ކުނި އުކުމުގެ ބަދަލުގައި ރަށުތެރެ ސާފުކޮށް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އަދި ވާދޫގެ އާބާދީގެ %90 މީހުންނަކީ ދަނޑުވެރިކަން ކުރާ ބައެއްކަމަށާއި، އެރަށުގެ ދަނޑުވެރިން ގަސްކާނާ އެތެރެކުރަނީ ރާއްޖެއިން ބޭރުން ކަމަށްވެފައި، މި ކުނިކޮށީގެ ސަބަބުން، ތިމާވެއްޓާ ރައްޓެހިގޮތެއްގައި ކުނި ނައްތާލައިގެން ގަސްކާނާ އުފެއްދުމުގެ ދޮރު ދަނޑުވެރިންނަށް ހުޅުވިގެންދާނެކަމަށްވެސް އަބްދުލްކަރީމް ވިދާޅުވިއެވެ.ދިހަ ހާސް އަކަފޫޓުގެ ބިމެއްގައި އެޅުމަށް ހަމަޖެހިފައިވާ މި ކުނިކޮށި އެޅުމަށްޓަކައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މީގެ މަހެއްހާ ދުވަސްކުރިން ކޮށްފައިވާކަމަށް ވާދޫ ކައުންސިލުން މައުލޫމާތުދެއެވެ. މީގެ އިތުރުން ޔޫ.އެން.ޑީ.ޕީއާއި، ތިމާވެއްޓާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ އެކިކަހަލަ ޕްރޮގްރާމްތައް ހިންގަމުން އަންނަ ބައިނަލްއަޤްވާމީ ޖަމިއްޔާއެއްކަމަށްވާ މެންގޫރްވްސް ފޯރ ދަ ފިއުޗަރ އާއި އެމް.އެމް.އެފް ގުޅިގެންދަނީ އެރަށުގެ ރައްޔިތުންނަށް ތިމާވެއްޓާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ. މި ޕްރޮގްރާމްގެ ދަށުން، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އެކިކަހަލަ ނޭދެވޭ އަސަރުތަކާއި، ރަށްގިރުމާއި، މޫސުމީބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި، އެފަދަ އަސަރު ކުޑަކުރުމަށް ރަށުފެންވަރުގައާއި، ފަރުދީގޮތުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެމުންދާކަމަށްވެސް ޔޫ.އެން.ޑީ.ޕީން މައުލޫމާތުދެއެވެ.