ކޯވިޑް-19

މަަރިޔަބު ހެން އުޅެބަލަ، ގިނަ ގިނައިން އަތް ދޮވެބަލަ!


މިއަދު މުޅި ދުނިޔެ އެކަމަކާ ދެކޮޅަށް ހަނގުރަމާ ކުރަމުންދާ ކޯވިޑް-19ގެ ބަލިމަޑުކަމާއިއެކު އެތައް ގިނަ ފިލާވަޅުތަކެއްވެސް މިވަނީ ދަސްވެފައެވެ. އިންސާނުންގެ އާއްމު ދިރިއުޅުމުގައި ހަނދާނުން ކައްސާލައިގެންދާ ވަރަށް އާދައިގެ ކުދިކުދި ކަންތައްތަކުން ފެށިގެން، މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރުން މުހިއްމު އެތައްކަމެއް މި ބަލިމަޑުކަމުގެ ތެރެއިން މިވަނީ ދަސްވެފައެވެ.

މަގުމައްޗަށް ކުޅު ނުޖެހުން، ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން ފަދަ ކަންކަމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އާއްމު ދިރިއުޅުމުގައި ސަމާލުކަންދޭންޖެހޭ މުހިއްމު ކަމެކެވެ. ހަމައެހެންމެ އާއްމު ސާފުތާޙިރުކަން އިސްކުރުމަކީވެސް އެކި ބަލިބަލިން އިންސާނާ ހަށިގަނޑު ސަލާމަތްކޮށްދޭ ކަމެކެވެ. ނަމަވެސް ހަލަބޮލި ދިރިއުޅުމުގެ ތެރޭގައި މިފަދަ ކަންކަމަކީ ބައެއް ފަހަރު ހަނދާނުން ކައްސާލައިގެން ދިއުން ނުވަތަ އެހާ ބޮޑަށް ސަމާލުކަން ނުދެވޭ ކަންކަމަށްވުން އެކަށީގެންވެއެވެ. ކޯވިޑް-19އާއެކު އަހަރުމެން އިންސާނުންނަށް ދަސްކޮށްދިން އަނެއް މުހިއްމު ކަމަކީ އަތް ދޮވުމެވެ. ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެންނަން ފެށުމާއިގުޅިގެން މި ބަލިން ރައްކާތެރިވެތިބުމަށް ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ދެމުންދާ އިރުޝާދުތަކުގެ ތެރޭގައިވެސް އަބަދާ އަބަދުހެން އިވޭ އެއް ވާހަކައަކީ އަތްދޮވުމުގެ މުހިއްމުކަމުގެ ވާހަކައެވެ. މިކަމަށް ހޭލުންތެރިކުރުމަށް ތަފާތު އެކި ޕޯސްޓަރުތަކާއި، އެޑްތައް ޓީވީ އާއި ރޭޑިއޯ އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދައްކަމުންދެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާއިގުޅޭ މަޢުލޫމާތު އާއްމުންނާއި ހަމައަށް ގެނެސްދީ، ބަލިން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން މިވަނީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ އަތްދޮވުމުގެ ދުވަހާއި ގުޅުވައިގެން ޚާއްސަ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. މި ވީޑިއޯ ކްލިޕުން ދޭހަކޮށްދޭ މެސެޖު ސާދާވެފައި ވަރަށް ކުރެވެ.

"ބީ ލައިކް މަރިޔަބު" މި ހޭޝްޓެގާއެކު ދޫކޮށްލާފައިވާ ވީޑިއޯ ކްލިޕުން ދައްކުވައިދެނީ އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ގެންގުޅޭ ބައެއް އާދަތަކާއި، ކޯވިޑް-19ގެ މި ޙާލަތާއި ހުރި ގުޅުމެވެ. ގޭތެރޭގައި އުޅޭއިރު އެކަކު އަނެކަކު އާއްމުކޮށް ބޭނުންކޮށް އުޅޭ އެއްޗެއްސާއި، އާއްމުކޮށް އަތްލައިއުޅޭ ތަންތަން ސާފުތާހިރުކަންމަތީ ބެހެއްޓުމުގެ މުހިއްމުކަމެވެ. އެންމެ މުހިއްމުކަމަކަށް އަތްދޮވުމެވެ.

މި ވީޑިއޯގައި މަރިޔަބުގެ ރޯލުން ފެނިގެން ދަނީ ފިލްމީ ދުނިޔޭގައި އެތައް ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ، އައިމިނަތު ރަޝީދާ އާއްމު ނަމުންނަމަ އައިންތުއެވެ.

ވީޑިއޯގައި އޮތްނުދޮވެ އެކިތަންތާ އަތްލުމަށް މީހުން މަސައްކަތްކުރުމުން އައިންތު އެމީހުން ހުއްޓުވައި، އަތްދޮވުމަށް އިރުޝާދުދެއެވެ. އަދި އެއަށްފަހު ސެނިޓައިޒަރ ފުޅިއަކުން އަތް ސާފުކުރާތަން ފެނެއެވެ. 1 މިނެޓް 44 ސިކުންތުގެ މި ވީޑިއޯ ކްލިޕުން އައިންތުގެ ފަރާތުން އިވޭ ހަމައެކަނި ޑައިލޮގް ކޮޅަކީ "އަތްދޮވޭ" މިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަމުންދަނީ "ގްލޯބަލް ހޭންޑް ވޮޝިންގް ޑޭ" ނުވަތަ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އަތްދޮންނަ ދުވަހުގެ ގޮތުގައެވެ. މިއީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށާއި، ސާފުތާޙިރު ދިރިއުޅުމަކަށް މަގުފަހިކުރުމަށް އަތްދޮވުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ ޚާއްސަ ކެމްޕޭނެކެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ސާފު އަތްތައް، ފުރާނަ ސަލާމަތްކޮށްދޭ" މި ޝިއާރެވެ.

އަތްދޮވުމުގައިވެސް ސަމާލުކަންދޭންޖެހޭ މުހިއްމުކަންކަން ހުރެއެވެ. އަތުގައި ހަރުލާފައި ހުންނަ ޖަރާސީމުތައް ނައްތާލުމަށްޓަކާ ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން އަތްދޮވުމަށް ޞިއްޙީ ތަޖުރިބާކާރުން އިރުޝާދު ދެއްވައެވެ. އަދި އަތްދޮންނައިރު، ދެ އިނގިލި ދޭތެރެއާއި، ނިޔަފަތި އެތެރެ އަދި އަތުގެ މަތިފުށް ރަނގަޅަށް ދޮވުމަކީ މުހިއްމުކަމެވެ. މިއީ ގައިންގައިން އަރާ ބަލިތައް ފެތުރުން ހުއްޓުވުމަށްވެސް ލިބޭ ބާރެކެވެ.

އެހެންކަމުން އެޗް.ޕީ.އޭގެ މި ވީޑިއޯ ކްލިޕުގައި މަރިޔަބު ބުނާހެން އެންމެންވެސް ގިނަ ގިނައިން އަތްދޮންނަން އެބަޖެހެއެވެ. ކޯވިޑް-19 އިން ރައްކާތެރިވުމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މި އާދަ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކިބައިގައި ހަރުލައްވަން އެބަޖެހެއެވެ.