ރާއްޖޭގެ 22 ސްކޫލެއްގައި 44 ހޭންޑްވޮޝިންގް ސްޓޭޝަން ޔުނިސެފުން ޤާއިމުކޮށްދީފިއެވެ.
ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އަތްދޮންނަ ދުވަހާގުޅުވައިގެން ވަރޗުއަަލްކޮށް ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔުނިސެފުން ރާއްޖޭގެ 22 ސްކޫލެއްގައި ޤާއިމުކޮށްފައިވާ ހޭންޑްވޮޝިންގ ސްޓޭޝަންތައް ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ.
މި ހޭންޑްވޮޝިންގް ސްޓޭޝަންތައް ބޭނުންކުރުން ރަސްމީކޮށް ފަށްޓަވާދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއާއި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު މުޙައްމަދު އަލް-މުނީރެވެ. މި ރަސްމިއްޔާތުގައި ޔުނިސެފުން ވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކާ ސްކޫލްތަކަށް ބޭނުންވާ އިންފެކްޝަން ކޮންޓްރޯލް ސާމާނުތައް ހަދިޔާކޮށްފައެވެ. އަދި ސްކޫލް ދަރިވަރުންގެ މެދުގައި އަތްދޮވުމުގެ އާދަ އަށަގަންނުވާ، އެކަން ޕްރޮމޯޓްކުރުމަށްޓަކާ ބޭނުންކުރާނެ ޚާއްސަ 2 ޕޯސްޓަރެއްވެސް މި ރަސްމިއްޔާތުގައި ވަނީ ލޯންޗްކޮށްފައެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލާ، މި ޙާލަތުގައިވެސް ދަރިވަރުންނަށް ބޭނުންވާ ތަޢުލީމުގެ ކަންކަން ފުރިިހަމަކޮށްދިނުމުގައި އެޑިއުކޭޝަން މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ޔުނިސެފުން އަންނަނީ ފޯރުކޮށްދެމުންނެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަމުންދަނީ "ގްލޯބަލް ހޭންޑް ވޮޝިންގް ޑޭ" ނުވަތަ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އަތްދޮންނަ ދުވަހުގެ ގޮތުގައެވެ.
މި ދުވަސް ދުނިިޔޭގެ ފެންވަރުގައި ފާހަގަކުރަން ފަށާފައިވަނީ 2008 ވަނަ އަހަރުން ފެށިގެންނެވެ. މިއީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށާއި، ސާފުތާޙިރު ދިރިއުޅުމަކަށް މަގުފަހިކުރުމަށް އަތްދޮވުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ ޚާއްސަ ކެމްޕޭނެކެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ސާފު އަތްތައް، ފުރާނަ ސަލާމަތްކޮށްދޭ" އެވެ.
ދުނިޔެ މިހާރު ކުރިމަތިލާފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ޞިއްޙީ ތަޖުރިބާކާރުން އެންމެ ބޮޑަށް ބާރު އަޅަމުންދާ އެއްކަމަކީ ގިނަގިނައިން އަތްދޮވުމެވެ. އެގޮތުން ގިނަގިނައިން ރައްކާތެރިކަމާއެކު ސައިބޯނިލައިގެން އަތްދޮންނަނަމަ ކޯވިޑް-19އާއި ގާތްގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް އެހީވެދޭކަމަށާއި، އެފަދަ ބަލިތައް ފެތުރުން ހުއްޓުވުމަށްވެސް އެހީވެދޭކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ސައިބޯންޏާއި ފެނުން އަތްދޮންނަނަމަ އަތުގައި ހަރުލާފައި ހުންނަ ވައިރަސްތަކާއި، ޖަރާސީމުތައް ނެތި ދިއުމަށް އެހީތެރިވެދޭކަމަށް ކަމުގެ ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެއެވެ.