ޓުއަރިޒަމް

ގެސްޓްހައުސްތަައް އަލުން ހުޅުވުން : 9 ރަށެއްގެ 16 ތަނެއް ތައްޔާރު!


ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް ރަށު ފެންވަރުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކޮށް، 9 ރަށަކުން 16 ތަނެއް މިހާރުވެސް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރިތައް އަލުން ހުޅުވާލުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، 22 ގެސްޓް ހައުސްއަކުން ސްޓޭޑަޑް އޮޕަރޭޓިންގް ޕްރޮސިޖަރ، އެސް.އޯ.ޕީތައް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 16 ތަނެއް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އަލުން ހުޅުވާލުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާކަމަށް ރައްޒާން ވިދާޅުވިއެވެ.

ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެ 9 ރަށަކީ ހދ. ހަނިމާދޫ، ށ. ނަރުދޫ، ނ. ފޮއްދޫ، ކ. ހުރާ، ކ. މާފުށި، އއ. މަތިވެރި، ވ. ތިނަދޫ، އަދި ވ. ފުލިދޫގެ އިތުރުން ތ. ގާދިއްފުއްޓެވެ.

ރައްޒާން ވިދާޅުވީ، ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯކަމަށެވެ.

އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހޭނެކަމަށް ރައްޒާން ވިދާޅުވިއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއްނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ކުރިއަށް އޮތްތާ މިނިސްޓްރީން ދެމުންދާނެކަމަށް ރައްޒާން ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކޮޅަށްޖެހުމަށްކުރާ މަސައްކަތުގައި މާދަމާއަކީ ތާރީޚީ ދުވަހެއްގެގޮތުގައި ރައްޒާން ވަނީ ސިފަކުރައްވާފައެވެ.

"ރަށްރަށުގައި ހުރި އެސްކަރޝަންގެ ޚިދުމަތްދޭ ތަންތަން، ޑައިވް ސެންޓަރުތައް، ލޯންޑްރީގެ ޚިދުމަތްދޭ ތަންތަން، ބަނދަރުމަތީގައި ތަރުކާރީއާއި މޭވާ ވިއްކާ ގާޑިޔާތައް އަދި ރަށުގައި މި ހުންނަ ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކަކީވެސް ޓޫރިސްޓުން ރަށަށް އައިސް މުޅި ވިޔަފަރީގައި ބައިވެރިވުމުން އެ ރަށެއްގެ ލޯކަލް އިކޮނޮމީއަށް އިތުރު އާމްދަނީ ވަނުމަށް ހުޅުވޭ ވަރަސް މުހިއްމު ދޮރަކަށް ވެގެންދާނީ" ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެސްޓް ހައުސްތައް ހުޅުވާލުމުގެ ހުއްދަ މިނިސްޓްރީން ދޭން ފަށާއިރު، މިކަމާގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް އަހުލުވެރިކުރުވުމަށް، ރާއްޖޭގައި ގެސްޓް ހައުސްތައް ޤާއިމުވެފައިހުރި ހުރިހާ ރަށެއްގެ ކައުންސިލްތަކާއި، ގެސްޓް ހައުސް ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ބައްދަލުވުންތައް ވަކިވަކިން ބާއްވާފައިވާކަމަށެވެ. އަދި މި ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ފަތުރުވެރިންނާއި، ރަށްރަށުގެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމުން، މި ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކަކުންވެސް އިޙްތިރާމްކޮށް، އެއާއެއްގޮތަށް ޢަމަލުކުރުމަށް ރައްޒާން ވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލާ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސްފަހުން މާދަމާ އަލުން ގެސްޓް ހައުސްތައް ހުޅުވާލަން ފަށާއިރު، ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައްޔާއި، އާއްމު ތަންތަނުގައި އުޅޭއިރު، އަނގައާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.