ރާއްޖެއިން އިތުރު 49 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 10،943އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00އިން ހޯމަ ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް މާލޭ ސަރަޙައްދުން 34 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކާއި ރިސޯޓުތަކުން 6 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެޗް.ޕީ.އޭއިން ޢާއްމުކުރައްވާފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 49 މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. އަދި މިއަދު ޕޮޒިޓިވްވީ 16 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،943 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 41 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9783އަށް އިތުރުވެފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 28 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 35 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1118ގައި އުޅޭއިރު 389 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. މިބަލި ޖެހިގެން އެޑްމިޓްކޮށްގެން މިހާރު ފަރުވާދެމުންދަނީ 68 މީހުންނަށެވެ. މީގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި 4 މީހުންނަށްދަނީ ފަރުވާދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި 5 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1303 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއިއެކު މިބަލި ދެނެގަތުމަށް ރާއްޖޭގައި ނެގި ސާމްޕަލްތަކުގެ ޢަދަދުވަނީ 170،757އަށް މަތިވެފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި، 20 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުން 88 ދިވެހިންނާއި، 63 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައި ވެއެވެ. އަދި ރިސޯޓުތަކުން 12 ފަތުރުވެރިއަކާއި، 19 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.