ކޯވިޑް-19ގެ ހާލަތުގައި ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ އެޗްޕީއޭއިން މެޑްޓެކް މޯލްޑިވްސްއަށް ދީފިއެވެ.
މެޑްޓެކްއިން ބުނީ ކޯވިޑް-19ގެ އެންޓިޖެން ޓެސްޓު ހެދުމުގެ އުޞޫލާއި އެއްގޮތަށް މެޑްޓެކްއިން ފޯރުކޮށްދޭ އެބޮޓް މަރުކާގެ ޕެންބިއޯ އެންޓިޖެން ޓެސްޓް ހަދައިގެން 15 މިނެޓް ތެރޭގައި ނަތީޖާ ލިބޭނެކަމަށެވެ.
މެޑްޓެކްއިން ބުނީ އެ އުޞޫލާ އެއްގޮތަށް މި ޓެސްޓް ހަދަންވާނީ ކޯވިޑްގެ އަލާމާތްތައް ފެންނަތާ 7 ދުވަސްތެރޭގައި ކަމަށެވެ. އަދި އަލާމަތްތައް ފެންނަތާ 5 ދުވަސްފަހުން މި ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވި ނަމަވެސް ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ކަށަވަރުކުރަންވާނެ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްޙީ ޚިދުމަތްދޭތަނެއްގައި ތަމްރީންވެފަިއވާ ސިއްޙީ ޚިދުމަތްތެރިން އިންފެކްޝަން ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަށް ފިޔަވަޅު އަޅަންވާނެކަމަށްވެސް މެޑްޓެކްއިން ބުނެއެވެ.
ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމާ ގުޅޭގޮތުން އެޗްޕީއޭއިން އާމުކޮށްފައިވާ އުޞޫލުގައި ބުނާގޮތުން ކޯވިޑް-19 ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި އެ ޓެސްޓް ބޭނުންކުރަން ވާނީ އެތަނެއްގައި ހުންނަ ޞިއްޙީ ޚިދުމަތްދޭ ތަނަށް އަންނަ ކޯވިޑް-19ގެ އަލާމާތްތައް ފެންނަ ބަލިމީހުން ޓެސްޓްކުރުމަށް ކަމަށެވެ. މީގެ ތެރޭގައި ފްލޫ ކްލިނިކަށާއި، ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒަށް ދައްކާ ބަލި މީހުން ހިމެނެއެވެ. ޞިއްޙީ ޚިދުމަތްދޭ މިފަދަ ތަނަކީ އެންޓިޖެން ޓެސްޓް ހަދަން ހެލްތް މިނިސްޓްރީން ހުއްދަ ލިބިފައިވާތަނެއްކަމުގައި ވާނަމަ މި ޓެސްޓް ބޭނުންކޮށްގެން ޓެސްޓް ހެދުމަށް އިތުރު ހުއްދައެއް ބޭނުމެއްނުވާނެއެވެ.
ގިނަމީހުން އެއްކޮށް އުޅޭ މާހައުލުތަކުގައި ބަލި އުޅޭކަމަށް ބެލެވިގެން ބަލި އަވަހަށް ދެނެގަންނަން ޖެހިފައިވާނަމަ އަދި މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ޙާލަތުގައި މުހިއްމު ބައެއް ފަރާތްތަކުގެ މެދުގައި ބަލިފެތުރިފައިވާ މިންވަރު އަވަހަށް ދެނެގަނެ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޙާލަތުގައި މި ޓެސްޓް ބޭނުންކުރެވޭނެއެވެ. އަދި މިފަދަ ހާލަތްތަކުގައި އެންޓިޖެން ޓެސްޓް ބޭނުންކޮށްގެން ޓެސްޓްކުރުމުގެ ކަންތައްތައް ހަމަޖައްސާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީންނެވެ.
އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އުޞޫލުގައި އެންޓިޖެން ޓެސްޓް ކޮށްގެން ނުވާނެ ޙާލަތްތައްވެސް ވަނީ ބަޔާންކޮށްފައެެވެ. އެގޮތުން ބަލީގެ އަލާމާތް ނުފެންނަ މީހަކަށް ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ކޮންޓެކްޓަކަށް ނުވާކަން ކަށަވަރުވާ މީހަކަށާއި، ބަލި އުޅޭކަން ނޭނގޭ ނުވަތަ ބަލި މަދުމަދުން ފެންނަ ޙާލަތުގައި ބަލިދެނެގަނެ ފަރުވާ ދިނުމުގެ ބޭނުމުގައި މި ޓެސްޓްކޮށްގެން ނުވާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ޓެސްޓްކުރާތަނުގައި އެންމެ އެކަށީގެންވާ ބަޔޯ ސޭފްޓީ އަދި އިންފެކްޝަން ޕްރިވެންޝަން ކޮންޓޯލު ފިޔަވަޅުތައް ނެތްނަމަވެސް މި ޓެސްޓް ކޮށްގެން ނުވާނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.
މީގެ އިތުރުން މީހުން އެތެރެވާ ބަދަރުތަކުގައި ބޯރޑަރ ސްކްރީނިންގގެ ބޭނުމުގައި އަދި ލޭ ހަދިޔާކުރުމުގެ ކުރިން ބައްޔަށް ސްކްރީންކުރުމުގެ ބޭނުމުގައިވެސް އެންޓިޖެން ޓެސްޓް ކޮށްގެން ނުވާނެކަމަށް އެޗް.ޕީ.އޭއިން އަންގާފައިވެއެވެ.