ޚަބަރު

ރާއްޖެއިން އިތުރު 35 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 35 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް ޕޮޒިޓިވްވި 35 މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 27ދިވެހިންނާއި، 8 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 10894އަށް އަރާފައެވެ. މިމަހުގެ މިހާތަނަށް 601 މީހުން މިވަނީ ބައްޔަށް ޕޮސިޓިވްވެފައެވެ. މިދިޔަ ސެޕްޓެމްބަރުމަހު މި މުއްދަތުގައި ޕޮޒިޓިވް ވެފައިވަނީ 1886 މީހުންނެވެ.

އެޗްޕީއޭއިން ޢައްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް 59 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑް19އަށް ފަރުވާ ހޯދަމުންދަނީ 1110މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދަނި 368މީހުންނެވެ. އެޗްޕީއޭއިން ވިދާޅުވީ މިވަގުތު ފެސިލިޓީތަކުގައި 72 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު 10894 މީހުންގެ ތެރެއިން 6958 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ 3936 އެވެ. ރާއްޖެއިން މި ބަލިޖެހުނު މީހުންތެރެއިން މިހާތަނަށް 9742 މީހުންވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުނު ފަހުން 218 ދުވަސް ވެފައިވާއިރު މިހާތަނަށް ރާޢްޖެއިން މި ބަލީގައި 35 މީހުން ވަނީ ނިޔާވެފައެވެ. އެއީ 28 ދިވެހިންނާއި، 7 ބިދޭސީންނެވެ.

އަތޮޅުތަކުގެ ރަށްތަކުން ކޯވިޑް-19 ޖެހުނު މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަތޮޅުތަކުގައި މި ބަލި ޖެހިފައިވާ 151 މީހުން އެބަތިއްބެވެ. އެއީ އަލާމާތްތައް ފެނިގެން ޓެސްޓުކުރިއިރު ބައްޔަށް ޕޮޒިޓިވްވި 3 މީހުންނާއި، ހޯމް ކަރަންޓީންގައި ތިބި 116 މީހުންނާއި، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ބައްޔަށް ޕޮޒިޓިވްވެފައިވާ 33 މީހުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި، 63 ބިދޭސީންނެވެ.

މިވަގުތު އަތޮޅުތަކުގެ ތެރެއިން ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ ގއ.ވިލިނގިލި ފެސިލިޓީގައި އެކަންޏެވެ. އެ ފެސިލިޓީގައި 6 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.