ވިޔަފާރި

ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނަށް ޙާއްސަކޮށްގެން ކޮންޕްލަޔަންސް އޮފިސަރ ތަމްރީން ޕްރޮގްރާމެއް ލޯންޗުކޮށްފި


ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަން ސިއްހީ މިންގަނޑުތަކަށް ފެއްތުމަށް ކޮންޕްލަޔަންސް އޮފިސަރ ތަމްރީން ޕްރޮގުރާމެއް ލޯންޗްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގުރާމް ކުރިއަށްގެންދަނީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮންޕްލަޔަންސް، އެއިފެކް ގުޅިގެން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމް ލޯންޗްކޮށްފައިވަނީ ވަރޗުއަލްކޮށް މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައެވެ. މި ޕްރޮގުރާމްގެ ތެރެއިން 830 ކޮންޕްލަޔަންސް އޮފިސަރުން ތަމްރީން ވެގެންދާނެއެވެ. އެއީ ގެސްޓްހައުސްތަކުން 630 ބޭފުޅުންނާއި ކައުންސިލްތަކުން 200 ބޭފުޅުންނެވެ.

އެމްއެންޔޫއިން ވިދާޅުވީ، 5 ދުވަހަށް ކުރިއަށްގެންދާ މި ޓްރެއިނިންގ ޕްރޮގުރާމް އޮކްޓޯބަރުމަހުގެ ފަހު ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

ތަމްރީން ޕްރޮގްރާމް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި ސެޓްފިކެޓް ލިބުން ވެގެންދާނީ ޓޫރިސްޓް ފެސިލިޓީއަށް ލިބޭ ބޮޑު ކުރިއެރުމަކަށެވެ. އަދި މި ސެޓްފިކެޓް ލިބުމަކީ ރާއްޖެއިންން ބޭރުގެ ފަތުރުވެރިންގެ މެދުގައި އެތަންތަނާއިމެދު އޮންނަ ޔަޤީންކަން އިތުރުވެގެންދާނެ ކަމެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގައި މަޤްބޫލު ނަންހިނގާ ފަތުރުވެރިކަމެއް. އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ތަންތަނުގެ ކޮލެޓީއާއި މެދު މީހުން ޝައްކެއްނުކުރޭ. މިދަނޑިވަޅުގައި ޔޫރަޕްގެ އިންސްޓިޓިއުޓަކާއި ގުޅިގެން މިކަންތައްކޮށްފައި ފަތުރުވެރިކަމުގެ ތަންތަނަށް މި ސްޓޭންޑަރޑް ހިފަހައްޓާކަމުގެ ކޮލެޓީ ސެޓްފިކެޓް ލިބުމަކީ ވަރަށް މުހިންމު ކަމެއް." ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މި ތަމްރީން ކުރިއަށްދާނީ އޮންލައިންކޮށްނެވެ. މި ތަމްރީން ލިބިފައި ހުންނަ ފަރާތަކަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ކޮންޕްލަޔަންސް އޮޑިޓް ހެދޭނެއެވެ. އަދި ކޮންޕްލަޔަންސް އޮފިސަރުން ތަމްރީންކުރުމަށްފަހު އެއިފެކްގެ ސްޓޭންޑަރއަށް އެޕްލައިކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.