ދުނިޔެ

ކޯވިޑް ޖެހިގެން ބްރެޒިލުގައި މަރުވި މީހުންގެ ޢަދަދު 150،000އަށް


ކޯވިޑް-19 ޖެހިގެން ބްރެޒިލުގައި މަރުވި މީހުންގެ ޢަދަދު 150،000އަށްވުރެ އިތުރުވެއްޖެއެވެ. އެމެރިކާއާއި އިންޑިޔާއަށްފަހު ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ ބްރެޒިލެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދުވަނީ ފަސް މިލިއަން ހުރަސްކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން ޙާލަތު އެންމެ ގޯސްވެފައިވާ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީވެސް ބްރެޒިލުގައެވެ. ދަފްތަރުކޮށްފައިވާ ޢަދަދަށްވުރެ ބަލީގައި މަރުވި މީހުންގެ ހަޤީޤީ ޢަދަދު މާ ބޮޑަށް އިތުރުވާނެކަމަށް ކަމާބެހޭ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ދެކުނު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ޙާލަތު އެންމެ ގޯސްވެފައިވާ ބްރެޒިލުގައި އެންމެ ބޮޑަށް ބަލި ފެތުރުނީ މިދިޔަ ހޫނު މޫސުމުގެ ތެރޭގައެވެ. އެދުވަސްވަރު ޖެހިޖެހިގެން ދެމަސް ދުވަސް ވަންދެން ކޯވިޑް-19ގެ ސަބަބުން ދުވާލަކު އެއްހާހަށްވުރެ ގިނަ މީހުން ދިޔައީ މަރުވަމުންނެވެ. ނަމަވެސް އެ ޢަދަދުތައް މިހާރުދަނީ މަޑުމަޑުން ދަށްވަމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން ބްރެޒިލުގައި މަރުވެފައިވަނީ 544 މީހުންނެވެ. ނަމަވެސް ޞިއްޙީ މާހިރުންވަނީ ބުރެޒިލުގައި ބަލި ފެތުރުން މަދުވާ ނިސްބަތް އެހެން ޤައުމުތަކަށްވުރެ ލަސްކަން ފާހަގަކޮށްފައެވެ. އެހެންކަމުން ބްރެޒިލުން އަދިވެސް ކުރިމަތިލަމުންދަނީ ކޯވިޑް-19ގެ ފުރަތަމަ ރާޅުކަމަށްވުން އެކަށީގެންވެއެވެ.

ބްރެޒިލުގައި ކޯވިޑް-19 ފެތުރެން ފެށުމުން އެ ޤައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި މެދު ގިނަ ބަޔަކުވަނީ ހިތްހަމަނުޖެހިފައެވެ. ބްރެޒިލުގެ ރައީސް ޖައިޚް ބޮލްސޮނާރޯވަނީ ކޯވިޑް-19އަކީ އާދައިގެ ރޯގަލެއްކަމަށް ސިފަކުރައްވާ ބަލިން ރައްކާތެރިވުމަށް އަޅައި ފިޔަވަޅުތައް އުވާލައި ކުރީގެ ޙާލަތަށް ރުޖޫޢަވާންޖެހޭކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސް ބޮލްސޮނާރޯއަށް ކޯވިޑް-19 ޖެހުމުންވެސް ބައްޔާމެދު ދެކިލައްވާގޮތް ބަދަލުކުރައްވާފައެއް ނުވެއެވެ. ބްރެޒިލުގެ ޙާލަތު ގޯސްވެގެން ދިޔައީ އެދެވޭ ފިޔަވަޅު ނޭޅުމުގެ ސަބަބުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރި ނަމަވެސް ސަރުކާރުން ބުނަނީ ބައްޔާއި މެދު ސަރުކާރުން ޢަމަލުކުރަމުންދާ ސިޔާސަތު ރަނގަޅުކަމަށާއި ހަޤީޤީ މައްސަލައަކީ ފިޔަވަޅުތަކަށް އަމަލުކުރުމުގައި އާންމުންގެ އެއްބާރުލުން ނުލިބުންކަމަށެވެ.

މައި ސަރުކާރުގެ ސިޔާސަތާ ޚިލާފަށް ބުރެޒިލުގެ ސްޓޭޓުތަކުގެ ސަރުކާރުތަކުންވަނީ އިޖުތިމާޢީ ގައި ދުރުކުރުމުގެ ފިޔަވަޅުތައް ޤާއިމްކޮށްފައެވެ. ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައިވަނީ ގިނަ ލުއިތަކެއް ދީފައެވެ.