ސިއްހަތު

ނަފްސާނީ ބަލީގެ މީހުން ދައްކާ ވާހަކަ ޤަބޫލުކުރޭ، ފަރުވާ ދެވޭނީ އޭރުން: ފަޒްނާ


ނަފްސާނީ ބަލީގެ މީހުންނަަށް ފަރުވާއަކާއި ހިސާބަށް ވާސިލުވެވޭނެ އެންމެ މުހިއްމުކަމަކީ އެމީހުން ދައްކާ ވާހަކަ ޤަބޫލުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ވޯލްޑް މެންޓަލް ޑޭ ނުވަތަ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން "މޫވް ފޮރ މެންޓަލް ހެލްތް - ލެޓްސް އިންވެސްޓް" މިނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ވެބިނަރއެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޒޫމް މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ވެބިނަރގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، ކުރިއާއި އަޅާބަލާއިރު، ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަދައްކާ މިންވަރު އިތުރުވެފައިވީ ނަމަވެސް، ނަފްސާނީ ބައްޔެއް ހުންނަކަމަށް ބުނަން ކެރެނީ މަދު ބަޔަކަށް ކަމަށެވެ. އަދި އެކަމަށް ފަރުވާ ހޯދަން އުޅެން ކެރެނީވެސް މަދުބަޔަކަށް ކަމަށާއި، އެހެން އެކަންވަނީ ނަފްސާނީ ބަލިތަކާމެދު މުޅި މުޖުތަމަޢު އަދިވެސް ދެކޭގޮތަށް ބަދަލު އައިސްފައި ނުވާތީކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ ވިދާޅުވީ، ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތައް ސްޓިގްމަޓައިޒް ކުރުން ނުވަތަ ހަވާސާކޮށް ބާކީކޮށްލުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ، އެމީހުންގެ އިންސާނީ ހައްޤުތައް، ކަށަވަރު ނުކޮށްދެވުން ކަމަށެވެ. އަދި އެންމެ އެދެވޭގޮތުގައި ތަޢުލީމު އުނގެނުމާއި، ވަޒީފާ އަދާކުރުމާއި، ކުޅިވަރުކުޅުމާއި، މުނިފޫހިފިލުވުމާއި، އަދި ޚާއްސަކޮށް ބޭސްފަރުވާ ލިބިގަތުމަށް އެފަދަ ފަރާތްތަކަށް ދަތިވުމާއި ފަރުވާ ހޯދުން ލަސްވުންކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

"ބައެއް މީހުން ތިބޭ އެހެން މީހުންނަށް އެނގިދާނޭތީ، ރާއްޖޭގެ މީހަކަށް ނުދައްކަން. ނޫނީ ކްލިނަކަށް ނުދާން ތިބޭ މީހުންވެސް އުޅޭ. ވީމާ މިކަހަލަ ކަންކަމުން އަރައިގަނެވޭނީ ސްޓިގްމަޓައިޒޭޝަން ގޮތެއް ހޯދިގެން. އެހެން ބަލިތަކަށް ފަރުވާ ހޯދުމަށްދާގޮތަށް ކްލިނިކްގެ ފެންޑާގައި އިތުބާރާއެކު މަޑުކޮށްލެވޭނެ ފެންވަރަަށް ކަންކަން ގެންދެވޭނީ އޭރުން" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޝަޢުގުހުރި ދާއިރާއެއް ކަމުން، ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ބައެއް މީހުންނާއި ބައެއް ސުވާލުކޮށްލާ އުޅޭކަން ފާހަގަކުރައްވާ، އޭގެތެރެއިން ތަޖުރިބާކުރެވުނުކަމެއް އެކަމަނާ ވަނީ މި ވެބިނަރގައި ހިއްސާކުރައްވާފައެވެ.

އެގޮތުން އެފަދަ ބައްޔެއް ތަހައްމަލުކުރާ މީހެއްކައިރިން އޭނާއަށް ވާގޮތް އެކަމަނާއަށް ފަހުމު ވާނެހެން އޮޅުންފިލުވައި ދިނުމަށް އެދުމުން، އޭނާ ޖަވާބެއްގެގޮތުގައި ދިނީ މިކަން ފަހުމްކުރަން ނޫޅެ، މިއީވެސް ބައްޔެއްކަމަށް ޤަބޫލުކުރާށޭކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ވެބިނަރއަށް ތައްޔާރުވުމުގެ ގޮތުން އިތުރު މީހަކާއި ދެކެވުނު ވާހަކައެއްގައި، މާގިނަ ދުވަސް ނުވަނީސް، ނޫނީ މާބޮޑުވަރު ނުވަނީސް ފަރުވާ ހޯދުމުގެ މުހިއްމުކަން ފާހަގަކުރެވުނުކަމަށް ފަޒްނާ ވިދާޅުވިއެވެ.

"މި ދެމީހުންގެ ޖަވާބު ވީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފިލާވަޅަކަށް. ފުރަތަމަކަމަށް ނަފްސާނީ ބަލީގެ މީހުން ތަހައްމަލުކުރާކަންކަން އެހެން މީހުން ޤަބޫލުކުރުން. އެއީ ތިމާހުރި ސިފައަކުން އުޅޭގޮތަކުން ނޫނީ އެހެންވެސްކަމެއް ކޮށްގެން ނޫނީ ނުކޮށްގެންވާކަމެއް ނޫން. ވީމާ ތީ މިވެނިކަމެއް ވީމައޭ، އެވެނިކަމެއް ވީމާ ވާކަމެކޭ އެފަދަ މީހަކާއި ދިމާލަށް ބުނުމަކީ ރަނގަޅުކަމެއްނޫން. އޭގެ ބަދަލުގައި އަވަސް ޝިފާއަކަށް އެދޭކަމާއި، ތިމަނަށް އޭނާއާއެކީ ވާކަން ބުނެވިދާނެ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، ނަފްސާނީ ބަލީގެ މީހުން އަވަސް ފަރުވާ ހޯދުމާއި، މިއީ ބައްޔެއްކަން ޤަބޫލުކުރުމާއި ވަރަށް ބޮޑު ގުޅުމެއްވާކަމަށެވެ. އަދި ނަފްސާނި ބަލި ތަހައްމަލުކުރާ މީހުންގެ އިތުރުން އޭނާގެ ގާތްތިމާގެ މީހުންނާއި، އެކުވެރި ރަހުމަތްތެރިންނަށް ނަފްސާނީ ބަލި ޤަބޫލުކުރެވުމަކީ އެމީހަކު ފަރުވާއަކާއި ދިމާލަށް ވާސިލުވުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. ފަޒްނާ ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ވީހާ އަވަހަކަށް ފަރުވާ ހޯދުން މުހިއްމުވަނީ އެކަމުގެ ސަބަބުން އެމީހެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވާނެތީކަމަށެވެ.

ސައިކޭރިސްޓުންނާއި ތެރެޕިސްޓުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ބައެއް މީހުން ބައްޔަށް ޑައިގްނޯސްކުރެވޭއިރު އެމީހުންގެ އުމުރުގެ ބޮޑުބައި ފާއިތުވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ފަރުވާ ހޯދުމުގެ އަނެއް މުހިއްމު ބޭނުމަކީ ބަލި މެނޭޖުކުރަން ދަސްކުރުންކަމަށާއި، ބަލި މެނޭޖްކުރެއްވިއްޖެނަމަ އެމީހަކަށް ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ. މިކަމަށް ބޭނުންވަނީ މުޖުތަމަޢުގެ އަޅާލުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، ވީހާވެސް އަވަހަށް ފަރުވާ ހޯދުންކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.

މި ދާއިރާއިން ފަރުވާދޭ ސްޕެޝަލިސްޓުންގެ އަދަދު އަދިވެސް ރާއްޖޭގައި މަދުކަން ފާހަގަކުރައްވާ ފަޒްނާ ވިދާޅުވީ، އެންމެ ފުރަތަމަ ސައިކޭރިސްޓެއް ކައިރިއަށް ދިއުމުގެ ބަދަލުގައި ދިވެހި ރެޑް ކްރެސެންޓް ނުވަތަ އެނޫންވެސް އިޖްތިމާއީ ޕްރޮގްރާމެއް ހިންގާ ބައެއްގެ އެހީތެރިކަން ހޯދުން އެއީވެސް ކުރެވިދާނެކަމެއްކަމަށެވެ. އަދި މުޖުތަމަޢުއެއް ބިނާކޮށް އާރާސްތުކުރުމުގައި ނަފްސާނީ ދުޅަހެޔޮކަމަކީ ވަރަށް މުހިއްމުކަމެއްކަމަށާއި، ޙާއްސަކޮށް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން މިއިން ދުވަހަކު މުހިއްމުނުވާހާ މުހިއްމުވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވިއެވެ.

ކޯވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ނުދެވިއްޖެނަމަ ދޭދޭ ފަރުދުންނަށާއި މުޖުތަމަޢުއަށް ކުރާ ފައިދާއިން ބައެއް އުނިވެގެންދާނެކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ނަފްސާނީ ބަލީގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދިޔަ ވެބިނަރއަކީ ދިވެހި ރެޑް ކްރެސެންޓާއި، އެޗް.ޕީ.އޭ އަދި ސެންޓަފޯރ މެންޓަލް ހެލްތުގެ އިތުރުން ކަމާގުޅޭ އެހެން އިދާރާތަކާއިއެކު ކުރިއަށްގެންދިޔަ ވެބިނަރއެކެވެ. ވެބިނަރގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވި ބޭފުޅުންވަނީ ނަފްސާނީ ބަލީގެ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށްގެންދިއުމާއި، އެފަދަ މީހުންނަށް މުޖުތަމަޢުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.