ޚަބަރު

އުތުރު ޕޮލިސް ކްލަސްޓަރ : ހއ.ދިއްދޫން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ


ހއ.ދިއްދޫއިން އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެރަށުން ޕޮޒިޓިވްވެފައިވަނީ މިމަހުގެ 7ވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވީ 3 ފުލުހުންގެތެރެއިން ފުލުހެއްގެ އަންހެނުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ޢުމުރުން 27 އަހަރުގެ މީހެކެވެ. މިއީ މި ކްލަސްޓަރގައި ދިއްދޫއިން ޕޮޒިޓިވްވި 4ވަނަ މީހާއެވެ.

ހއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެފައިވަނީ މިއަދު ނަތީޖާ ލިބުނު 5 ސާމްޕަލްގެ ތެރެއިން ޕޮލިސް ކްލަސްޓަރއާ ގުޅޭ ސާންޕަލެއް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އުތުރު ޕޮލިސް ކްލަސްޓަރއާ ގުޅިގެން ބުރާސްފަތިދުވަހުގެ ހެނދުނާއ ހަމައަށް ހއ، ހދ، އަދި ށ، އަތޮޅުން 137 ސާމްޕަލެއް ނަގާފައިވާ ކަމަށާ، އޭގެ ތެރެއިން 7 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ދާވޫދުވަނީ ވިދާޅުވެފައެވެ.

މިކްލަސްޓަރގައި ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ، ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ އެ ފުލުސް އޮފިސަރު ޕޮޒިޓިވްވެފައިވާކަން އެނގުނީ ބަލީގެ ޢަލާމަތްތައް ހުރެގެން މިމަހުގެ ހަތަރުވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުންނެވެ.