ރާއްޖެއިން އިތުރު 86 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު ދިވެހިންގެ ޢަދަދު 6800އިން މައްޗަށްއަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ބުދަ ދުވަހުގެ އިރުއޮއްސި 18:00އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 57 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުން 29 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.
އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 86 މީހުންގެ ތެރެއިން 72 މީހުންނަކީ ދިވެހިންނެވެ. މިއަދު ޕޮޒިޓިވްވީ 14 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،742މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 6856 ދިވެހިންނާއި 3900 ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 42 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9589އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1112ގައި އުޅޭއިރު 384 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 67 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި 6 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1123 ސާމްޕަލެއް ވަނީ ނަގާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށަކުންނާއި، 20 ރިސޯޓެއްގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުން 82 ދިވެއްސަކަށާއި، 64 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 20 ފަތުރުވެރިއަކާއި، 15 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.