ތަޢުލީމު

ފެނަކައިން އަނެއްކާވެސް އިތުރު ހަރުފަތަކަށް، މިފަހަރު އަމިއްލަ ޓްރެއިނިންގ އިންސްޓިޓިއުޓެއް


"ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް" ގެ ނަމުގައި ތަޢުލީމާއި ތަމްރީންދޭ މަރުކަޒެއް ފެނަކަ ކޯޕަރޭޝަނުން ރަޖިސްޓްރީކޮށްފިއެވެ.

މި އިންސްޓިޓިއުޓްގެ މަޤްޞަދަކީ ކުންފުނީގެ ވަޒީފާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވޮކޭޝަނަލް ޓްރޭނިންގ ދިނުމާއި، ދެވޭ ޚިދުމަތްތަކާއި ގުޅޭ ދާއިރާއިން މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި މި އިންސްޓިޓިއުޓުން ރިނިއުބަލް އެނާރޖީ ނުވަތަ އިޔާދަރަކުރަނިވި ހަކަތާއާއި، ފެނާއި ނަރުދަމާއާއި ގުޅުންހުރި ތަފާތު ދިރާސާތައް ކުރެވިގެން ދާނެކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.

މި އިންސްޓިޓިއުޓާއެކު 3300 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާ ފެނަކައިގެ ހިންގުން ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ މޭސްތިރިންގެ ގޮތުގައި ޤާބިލު މުވައްޒަފުން އުފެއްދިގެންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، މި އިންސްޓިޓިއުޓުން ތަޢުލީމް ޙާޞިލްކޮށް ދަސްވެނިވާ މީހުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ސެޓްފިކެޓެއް ދެވޭނެކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަން އައި.އޯ.އެސް އަށް ސާރޓިފައިވެފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރެވި މުވައްޒަފުންގެ ހީވާގި މަސައްކަތާއެކު ދެވޭ ޚިދުމަތް ބައިނަލްއަޤްވާމީ ފެންވަރަށް ފެތޭތީކަމަށް އެކުންފުނިން ވިދާޅުވެއެވެ. ފެނަކަ ކުންފުނީގެ މިސްރާބު ހުރީ ރާއްޖޭގެ ނިސްބަތުން އެންމެ ހަރުދަނާ އަދި ޚިދުމަތުގައި އެންމެ އުސްކުންނަށް ވާޞިލުވުމަށްކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ފެނަކަ ކޯޕަރޭޝަނަކީ ފެނާއި ނަރުދަމާ އާއި ކަރަންޓް އަސާސީ އަދި ދެމެހެއްޓެނިވި ޚިދުމަތުގެ ގޮތުގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު، މި ޚިދުމަތްތަކާއި ގުޅުންހުރި އެންމެހާ ޚިދުމަތްތަކެއް ވިލަރެސްކުރުމަށް އުފައްދަވާފައިވާ އަދި އެ ޚިދުމަތުގައި ހުއްޓުމެންނެތި މަސައްކަތް ކުރާ ކުންފުންޏެކެވެ. ކުންފުނިން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެއިރަކު ދިމާވާ ގޮންޖެހުންތަކާއިއެކު ކުރިމަތި ލުމަކީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް އިސްކަންދެއްވާކަމެއްކަން އެކުންފުނިން ފާހަގަކުރައްވައެވެ.

ޚިދުމަތް ދޭ ކޮންމެ ދާއިރާއެއްގައިވެސް ކަމަށް ޤާބިލު ހުނަރުވެރި ޒުވާނުން އުފެއްދުމަކީ މިސަރުކާރުގެ ވަޢުދެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ލަފަޔާއި އިރުޝާދުގެ ތެރެއިން، އަސާސީ ޚިދުމަތުން އެއްވެސް ރައްޔިތަކު މަހްރޫމް ވިޔަނުދިނުމާއިއެކު އެ ޚިދުމަތް ކުޑަހިނދުކޮޅަކަށްވެސް މެދުކެނޑުނަ ނުދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ފެނަކައިން އަންނަނީ ކުރަމުންނެވެ.

ޚިދުމަތެއް އޭގެ އެންމެފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެވޭނީ ޚިދުމަތް ދިނުމުގައި ސާބިތުވެ ތިބި މުވައްޒަފުންނަކީ ކަންކަމަށް ލޯހުޅުވިފައިވާ ބަޔަކަށްވެގެން ކަމަށްވާތީ، މުވައްޒަފުން ޢަމަލީ މައިދާނުގައި މަސައްކަތް ކުރުމަށް ނުކުމެ ތިބިނަމަވެސް، އެ މުވައްޒަފުންގެ ކުރިއެރުމަށް އެކި ހުނަރުތަކާއި ތަމްރީނު ހޯދުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވެއެވެ.

މުވައްޒަފުންނަށް ޚިދުމަތުގައި ތިބެ، ޢާއިލާއާއިއެކު އެއްފަސްގަނޑެއްގައި ފަސޭހަކަމާއިއެކު ވާޞިލުވޭވޭނެ ހިސާބެއްގައި ތިބެ އުނގެނުމަށް ފުރުޞަތު ތަނަވަސްކޮށްދީ، ޒަމާނީ ތަޢުލީމާއި ތަމްރީނު ދިނުމާއިއެކު ޒިންމާދާރު ނަޒާޙަތްތެރި މުވައްޒަފުންތަކެއް ބިނާކުރުމަކީ ކުންފުނީގެ މިހާރުގެ އަމާޒުކަމަށް އެކުންފުނިން ވިދާޅުވެއެވެ.