ޚަބަރު

ރައީސް އިއުލާންކުރެއްވީ ނ. އަތޮޅަށް އިތުރު އެއަރޕޯޓެއް، އަންނަ އަހަރު މަސައްކަތް ފަށާނެ


  • މަސައްކަތް ފަށާނީ އަންނަ އަހަރު ކުރީކޮޅު

  • ދެ އަހަރުތެރޭގައި މަޝްރޫޢު ނިންމާނެ

ނ. އަތޮޅުގައި އިތުރު އެއަރޕޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މިހާރު ނ. އަތޮޅުގައ އޮތް ބައިނަލްއަޤްވާމީ އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެބައޮތްކަމަށެވެ. ނ. އަތޮޅަކީ ޓޫރިޒަމް ކާމިޔާބުކަމާއެކު ކުރިއަށްދާ އަތޮޅެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ޓަރމިނަލާއި، އިތުރު ވަސީލަތް ޤާއިމްކޮށް، އަދި ސިޓީ ހޮޓާ ތަރައްޤީކުރުމާއެކު ވަރަށް މަތީ ފެންވަރުގެ އެއަރޕޯޓަކަށް މާފަރު އެ އެއަރޕޯޓް ހަދާނެކަމަށް ވިދާޅުވިއެވެ.

މިއާއެކު ރައީސް ވަނީ ނ. އަތޮޅަށް އިތުރު އެއަރޕޯޓެއް މުހިންމުކަމަށް ވިދާޅުވެފައެވެ. ހޮޅުދޫ، ވެލިދޫ، ފޮއްދޫ ހިމެނޭ ސަރަހައްދަށް ޑޮމެސްޓިކް އެއަރޕޯޓެއް މުހިންމުވާކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މިންގަޑުތަކުގައިވެސް އެ ސަރަހައްދަށް އެއަރޕޯޓެއް އަންނަން ޖެހޭކަމަށެވެ. ސިޔާސަތަކީ ގާތްގަނޑަކަށް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއަރޕޯޓުތައް ތަރައްޤީކުރުންކަމަށާއި، އެހެންކަމުން ވެލިދޫ ކައިރީގައިި އޮންނަ ވިހަފަރުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގަ އެއަރޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަޅުގަނޑު ނިންމާފައިވާކަން ތިބޭފުޅުންނަށް މި ޖަލްސާގައި އަޅުގަނޑު އިއުލާންކުރަން. އޭގެ ފައިދާ މިރަށާ، ވެލިދޫ، ފޮއްދޫ ދެން މިތާކައިރި ރިސޯޓްތައް ހުރުމާއެކު އިޤްތިޞާދީ ފައިދާކުރާނެ." ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫޢަކީ މެދު އަދި ދުރު ރާސްތާގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއްކަމަށާއި، ނ. އަތޮޅުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އިތުރު ތަރައްޤީގެ މަޝްރޫޢުތަކަށްވެސް މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެސްއީޒެޑް ޕާމިޓެއްވެސް ޓައުންޝިޕް މަޝްރޫޢުއަކަށް ދީފައިވާތީ، އިޤްތިޞާދު ސިންދަފާތުވާއިރު އެއަރޕޯޓު ޤާއިމްވާންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެއީ މުޅި އަތޮޅަށާއި ރާއްޖެއަށް ފައިދާވާނެ މަޝްރޫޢުއެއްކަން ފާހަގަކުރައްވަމުން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާއި ގިނަވެގެން 2 އަހަރުތެރޭގައި އެ މަޝްރޫޢު ނިންމަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.