ކޯވިޑް-19

ކޯވިޑް-19 : ފިޔަވަތިން ޕޮޒިޓިވްވި ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު - ޖެންޑަރ މިނިސްޓްރީ


ފިޔަވަތިން ކޯވިޑް-19އަށް ޕޮޒިޓިވްވި ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅުކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.

ފިޔަވަތިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެޗް.ޕީ.އޭގެ އިރުޝާދާއެކު، އެތަނުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިދިޔަމަހުގެ 30 ވަނަ ދުވަހު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފިޔަވަތީގެ މުވައްޒަފަކީ އެތަނުގެ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފެއްކަމުން އެ ފަންގިފިލާގެ ކުދިން ކުރަންޓީން ކޮށްފައިވާކަމަށެވެ. އަދި އެކުދިން ކޯވިޑް-19 އަށް ޓެސްޓްކުރުމުން އޭގެ ތެރެއިން 8 ކުއްޖަކު ޕޮޒިޓިވްވެފައިވާކަމަށާއި، ޕޮޒިޓިވްވި ކުދިންގެ ތެރޭގައި ރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖެއް ހިމެނޭތީ، އެ ކުއްޖާ ފިޔަވަތިން ޕޮޒިޓިވްވި މުވައްޒަފާއެކު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކުރި ކުއްޖާގެ ޙާލަތު މޮނިޓަރކޮށް، އެދެވޭ ފަރުވާ ދެމުންދާކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވިދާޅުވެއެވެ. އަދި ޕޮޒިޓިވްވި އެހެންކުދިން އެޗް.ޕީ.އޭއާއި، ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދުގެ ދަށުން ފެސިލިޓީއަކަށް ބަދަލުކޮށްފައިވާކަމަށާއި، އެކުދިންގެ ހާލުވެސް ރަނގަޅުކަމަށް އެ ސަރވިސްއިން ވިދާޅުވެއެވެ.

ފިޔަވަތިއަކީ ގިނަ އަދަދެއްގެ ކުދިން އެތަނެއްގައި ތިބޭ ޖާގައިގެ ދަތިކަން ހުރިތަނެއް ކަމުގައިވުމުން ކުދިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗް.ޕީ.އޭ އާއި އެޗް.އޯ.އީ.ސީ އިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް އިރުޝާދުދީފައިވާކަމަށާއި، އެ އިރުޝާދުގެ ދަށުން ކަމާއި ގުޅުން ހުރި އިދާރާތަކާއި، މޮނިޓަރކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށްފަހު، ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއަރވޯކަރުންނާއިއެކު އިތުރު ތަނަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް އެ ސަރވިސްއިން ވިދާޅުވެފައިވެއެވެ.

ފިޔަވަތިއަކީ 3 ފަންގިފިލާއަށް ހުރި 12 ކޮޓަރި ހިމެނޭ ތަނެކެވެ. އެތަނުގައި ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އެ ސަރވިސްއިން ވަނީ ދެއްވާފައެވެ. އަދި ކުދިންގެ ތަޢުލީމީ ކަންކަންވެސް އެ ތަނުގައި ކަށަވަރުކުރެވޭނެކަމަށް އެ ސަރވިސްއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.