 
										
			އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްގެ އިތުބާރުނެތިގެން މަޖިލީހަށް މައްސަލަވެއްދުމަށް އެއްވެސް ބޭފުޅަކު މިހާތަނަށް ސޮއިކުރައްވާފައި ނުވާކަމަށާ އެކަމާގުޅިގެން ކުރިއަށްދަނީ އެމްޑީޕީގެ އެތެރޭގެ މަސައްކަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި އެފަދަ މަސައްކަތެއް މިހާތަނަށް ހިނގާފައިނުވާކަމަށެވެ.
މަޖިލީހުގެ 10 މެންބަރުން ސޮއިކޮށް ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅުމުން އެމައްސަލަ ކުރިއަށްދާނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެޕާޓީގެ މެންބަރުންނާއި ވަޒީރުންނާ ގުޅޭގޮތުންވެސް އެޕާޓީގެ އެތެރޭގައި އަބަދުވެސް އެކި ނިންމުންތައް މަޝްވަރާއާއެއްގޮތަށް ނިންމަމުންދާ ޕާޓީއެއްކަމަށެވެ. 
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޖަލުތަކުގެ އަނިޔާއިން ދިވެހިން ސަލާމަތް ކުރުމަށާއި، ކޮރަޕްޝަނާއި ދުރުވެ ހެޔޮވެރިކަމެއް ކުރުމަށް ވަކާލާތުކޮށް އެގޮތުގައި މަސައްކަތްކުރާ ޕާޓީއެއްކަމަށެވެ. 
"ޕާޓީގެ ނަޒަރުގައި ކޮރަޕްޝަނަށް ފަހިވާގޮތަށް ކަންކަން ހިނގަން ފެށުމުން އެމްޑީޕީން އަބަދުވެސް އެކަމާދެކޮޅަށް އަޑުއުފުލާތަން އަޅުގަނޑުމެންނަށް އެބަފެނޭ. މިއަށްވުރެ އިތުރަށް މި ޕޯޑިއަމުގައި ހުރެގެން އަޅުގަނޑަށް ތިސުވާލަށް ޖަވާބުއެރުވޭކަށްނެތް. ދެންހަމަ ތަކުރާރުކޮށް ދަންނަވާނަން ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުމަކަށް އެއެއްވެސް ބޭފުޅަކު ސޮއިކުރައްވާފައިނުވޭ. އެމްޑީޕީގެ އެތެރޭގެ މަސައްކަތެއް ހިނގަމުންދޭ" ރައީސް ނަޝީދު ވިދާޅުވިއެވެ. 
މިނިސްޓަރ ފައްޔާޟު އިސްމާޢީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފައިވޭތޯ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައިސް ޞާލިޙްއަކީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކަންކަން ހުއްޓާލުމަށާއި ފެށުމަށް ބުނަންޖެހޭ ބައެއް ނޫންކަމަށެވެ. ދެ ބޭފުޅުންވެސް ކަންކަން ކުރައްވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކުރައްވާކަންކަން ވަރަށް ބޮޑަށް އެނގިތިބެކަމަށް ރައީސް ނަޝީދުވިދާޅުވިއެވެ. 
އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ބައެއް މެންބަރުންގެ ސޮއި ހޯދަން ފަށާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ މެދުތެރޭގައެވެ. އޭރު ސޮއިކުރި މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ހިމެނިވަޑައިގަންނަވާކަމަށް ޚަބަރުފެތުރިފައިވާއިރު، މިނިސްޓަރ ފައްޔާޟަށް ފުރިހަމަ އިތުރުބާރު އޮތްކަމަށާއި، ވަޒީރު ދިފާއު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، މަޖިލީހުގެ ބައެއް މެންބަރުންވަނީ ވިދާޅުވެ، މިނިސްޓަރ ފައްޔާޟްގެ ދިފާޢުގައި ވާހަކަފުޅުދައްކަވާފައެވެ.