ތަރައްްޤީ

3 އަހަރު ފަހުން މަހާޖައްރާފުގެ ފަޅުވެރިންނަށް ހުސް ދިވެހިން


އެމް.ޓީ.ސީ.ސީގެ ބިން ހިއްކާ އެންމެ ބޮޑު ޑްރެޖަރ، މަހާ ޖައްރާފުގައި މަސައްކަތް ކުރާ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކޮށްފިއެވެ.

އޭޝިއާ ސަރަޙައްދުގައިވެސް އޮތް އެންމެ ބޮޑު ބިޔަ ޑްރެޖަރ އުޅަނދުކަމަށްވާ "މަހާ ޖައްރާފު"ގައި މަސައްކަތް ކުރުމަށް 17 ދިވެހިން އެމް.ޓީ.ސީ.ސީން ވަނީ ތަމްރީންކޮށްފައެވެ.

އެޗް.ސީގެ އީޒީ ޑްރެޖް ހޮޕަރ ސަކްޝަން ޑްރެޖަރ "މަހާ ޖައްރާފު"، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ރާއްޖެގެނެސްފައިވަނީ 25 އޮކްޓޯބަރ 2017 ގައެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގައި އެމް.ޓީ.ސީ.ސީން ދަނީ މަހާ ޖައްރާފު ބޭނުންކުރަމުންނެވެ. ނަމަވެސް މިހާތަނަށްވެސް އެ އުޅަނދުގައި މަސައްކަތް ކުރަމުންދިޔައީ ހުސް ބިދޭސީ ފަޅުވެރިންނެވެ.

މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމާގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް ޢާޒިމް ވިދާޅުވީ، މިއީ އެކުންފުންޏާއި ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެވެސް ވަރަށް ބޮޑު ހުވަފެނެއްކަމަށެވެ. އަދި އެމް.ޓީ.ސީ.ސީއަކީ އަބަދުވެސް ދިވެހިންނާއި، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތް ކުރާ ކުންފުންޏަކަށްވެފައި، ރާއްޖޭގައި އޮތް އެންމެ ބޮޑު ބޯޓުގެ ފަޅުވެރިންނަށް ހުސް ދިވެހިން ހަމަޖެހިގެންދިއުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ޢާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވިސްނި ވިސްނުމަކީ މުޅި ބޯޓުގައި ތިބި ހުރިހާ އެންމެން ކެޕްޓަނުން ފެށިގެން ހުރިހާ އެންމެން ދިވެހިންނަށް ބަދަލުކުރުން. މިއަދު އެ މަޤްޞަދު މިވަނީ ޙާޞިލުވެފައި. އަޅުގަނޑުމެން މީގެ ދެތިން މަސްކުރިން އޮންނާނީ މިކަން ކުރާނެ ވާހަކަ އިޢުލާންކޮށްފައި. މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައީ އަޅުގަނޑުމެންގެ އެޗް.އާރް ޓީމާއި ލޮޖިސްޓިކް ޓީމުން. ކުންފުނީގެ ބޯޑަށްވެސް ޙާއްސަ ޝުކުރެއް އަދާކުރަން ބޭނުން. އަޅުގަނޑުމެންނަށް އިތުބާރުކޮށް މިކަން ކުރަން ހުއްދެއްވީތީ" ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ، މަހާ ޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި ހުސް ދިވެހިން ހަމަޖެހިގެންދިއުމަކީ ކުންފުނީގެ ހިންގުމުގެ ޚަރަދުތައްވެސް އެތައްގޮތަކުން ލުއިވެގެންދިޔަ ކަމެއްކަމަށެވެ.

އެގޮތުން މީގެކުރިން މަހާ ޖައްރާފުގައި މަސައްކަތް ކުރި ބިދޭސީންގެ މުސާރައަށް އަހަރަކު 6.5 މިލިއަން ރުފިޔާ ޚަރަދުކުރަންޖެހޭކަމަށާއި، މި ބަދަލާއެކު އެ ޚަރަދު ސަލާމަތްކުރެވިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޭރު ފައިސާއިން ބަލާނަމަ އެއީ އަހަރަކު 1 މިލިއަން ޑޮލަރުކަމަށެވެ. އެހެންކަމުން ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ވަޒީފާ ލިބިގެންދިއުމުން ޤައުމުގެ އިޤްތިޞާދަށްވެސް އެކަމުގެ ހެޔޮ އަސަރުކުރާނެކަމަށް ޢާޒިމް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 1 މިލިއަން ޑޮލަރު އަޅުގަނޑުމެން ފޮރިން ކަރަންސީގެ ގޮތުގައި މިއަދު ދިވެހިންނަށް ބަދަލުވެގެންދިއުމުން އަޅުގަނޑުމެންނަށް ސަލާމަތްވެގެންދާނެ. މިކަމުން އަޅުގަނޑުމެންގެ އިޤްތިޞާދަށް ލިބިގެންދާ ފައިދާއަކީ 1 މިލިއަން ޑޮލަރު އަޅުގަނޑުމެންގެ އިޤްތިޞާދުގެ ތެރޭގައި ހިފެހެއްޓިގެންދާނެ" ޢާޒިމް ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީގެ މި ބަދަލާއެކު މަހާ ޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި 17 ދިވެހިން މަސައްކަތްކުރާނެއެވެ. އޭގެ ތެރޭގައި ބޯޓުގެ ކެޕްޓަނާއި، 2 ޗީފް އޮފިސަރުންނާއި، ޗީފް އިންޖިނިއަރާއި، ސެކަންޑް އިންޖިނިއަރާއި، 4 ޕައިޕް އޮޕަރޭޓަރުންނާއި، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރާއި، ބޯޓުގެ ކްރޫއިންނާއި ކައްކާ ހިމެނެއެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، ކުރިއަށްއޮތްތާގައި މަހާ ޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރުމަށް އިތުރު ދިވެހިން ތަމްރީނުކުރާނެކަމަށެވެ.

ކަނޑުގެ 50 މީޓަރު އަޑިން ވެލިނެގުމުގެ ޤާބިލުކަން ލިބިފައިވާ މަހާ ޖައްރާފަކީ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16.25 މީޓަރު ހުންނަ އުޅަނދެކެވެ. މި އުޅަނދަށް އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެއެވެ. އަދި މިއީ ތިމާވެއްޓަށް ގެއްލުން ނުވާފަދަ ގޮތަކަށް ބިން ހިއްކުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އެމް.ޓީ.ސީ.ސީން ވަނީ 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަހާ ޖައްރާފު ބޭނުންކޮށްގެން ޖުމްލަ 13 މަޝްރޫޢެއް ހިންގާފައެވެ. އެގޮތުން ކުޅުދުއްފުއްޓާއި ހޯރަފުއްޓާއި ށ.ފުނަދޫގެ އެއަރޕޯޓު އެޅުމަށް ބިން ހިއްކާފައިވަނީވެސް މަހާ ޖައްރާފު ބޭނުންކޮށްގެންނެވެ.