ދުނިޔެ

ޙަރަމްފުޅު ސްޓެރަލައިޒްކުރުމަށް ޚާއްޞަ ރޮބަޓެއް


ޙަރަމްފުޅު ސްޓެރެލައިޒްކުރުމަށް ޚާއްޞަ ރޮބަޓެއްގެ ބޭނުންކުރަން ފަށައިފިއެވެ.

ސައިމަލްޓޭނިއަސް ލޯކަލައިޒޭޝަން އެންޑް މެޕިންގ (ސްލޭމް) ޓެކްނޮލޮޖީ ބޭނުންކުރާ އެ ސްމާޓު ރޮބަޓުން މިސްކިތުގައި ހުންނަ ޖަރާސީމު ފިލުވުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށާއި މިސްކިތުގެ އެތެރޭގައި ބަލިފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

މިސްކިތުގެ ބޭނުމަށް އެ ރޮބޮޓު ބޭނުންކުރަން ފެށުން އިފްތިތާހުކޮށްދެއްވީ މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީ ބަލަހައްޓާ އިދާރާގެ އިސްވެރިޔާ ޝައިޚު އަބްދުލް ރަޙްމާން އަލްސުދައިސްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝައިޚު އަލްސުދައިސް ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ކުރިއަރާފައިވާ އެ ރޮބޮޓުގެ ބޭނުންކުރުމުން ކޯވިޑް-19އާއި އެފަދަ އެހެން ބަލިތައް ފެތުރުނަ ނުދިނުމުގައި ބޮޑު ދަޢުރެއް ޢަދާކުރާނެކަމަށެވެ.

އެ ރޮބަޓުން ޖަރާސީމު ފިލުވުމުގެ މަސައްކަތްކުރާނީ ހަ މަރުޚަލާއެއްގައިކަމަށާއި އޭގެ ސަބަބުން ތިމާވެއްޓާއި ވައިގެ ފެންވަރު ރަނގަޅުކޮށްދީ މާހައުލު ރައްކާތެރިކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެ ރޮބޮޓަށް ސާފުކުރަންޖެހެނީ ކޮން ސަރަޙައްދުތަކެއްކަން ދެނެގަނެވޭނެކަމަށާއި އެ ތަންތަނުން ޖަރާސީމު ފިލުވުމަށް ހޭދަވާނެ ވަގުތު އަމިއްލައަށް ހިސާބުކޮށް އެ މަސައްކަތްކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްލޭމް ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރާ ރޮބަޓު އެއްވެސް މާހައުލެއްގައި މަސައްކަތްކުރުމަށް އިންސާނުންގެ އެހީތެރިކަން ބޭނުމެއް ނުވެއެވެ. ހުރެވޭ ތަނާއި މަގުޗާޓާއި އެފަދަ ހުރިހާ މަޢުލޫމާތެއް ރޮބަޓުން އަމިއްލައަށް ދެނެގަންނާނެއެވެ. ނުރައްކަލެއްވާނަމަ އެކަން އަންގައިދޭނޭ ނިޒާމެއްވެސް އެ ރޮބަޓުގައި ހުރެއެވެ.

ފަސް ގަޑިއިރާއި އަށް ގަޑިއިރުގެ ވަގުތަކަށް މަސައްކަތްކުރެވޭ އެ ރޮބަޓަށް 23.8 ލީޓަރުގެ ޖަރާސީމު ފިލުވާ ކެމިލަކާއި މާއްދާ ރައްކާކުރެވެއެވެ. ދެ ލީޓަރުގެ ކެމިކަލް ޖެހުމަށް ހޭދަވަނީ ގާތްގަނޑަކަށް އެއް ގަޑިއިރެވެ. ބަންދުކޮށްފައި ހުންނަ ތަނެއްގައި ކޮންމެ ފަހަރަކު 600 އަކަ މީޓަރުގެ ޖާގައެއް އެ ރޮބޮޓުން ސާފުކޮށްދެއެވެ.

ޒަމާނީ ޓެކުނޮލޮޖީ ބޭނުންކުރާ ބާރުގަދަ ކެމެރާއަކާއި ރާޑަރުވެސް އެ ރޮބަޓުގައި ހަރުކޮށްފައި ހުރެއެވެ. ޔޫރަޕިއަން ސީއީ ހިމެނޭގޮތަށް ބައިނަލްއަޤްވާމީ ސެޓުފިކެޓުތައްވެސް އެ ރޮބަޓަށްވަނީ ލިބިފައެވެ.

ކޯވިޑް-19ގެ ސަބަބުން ހަތް މަސް ދުވަސްވަންދެން ބަންދުކޮށްފައި އޮތުމަށްފަހު އުމްރާގެ އަޅުކަމަށް ޙަރަމުފުޅު އާއްމުކޮށް ހުޅުވާލައިފައިވަނީ މި މަހުގެ 4ވަނަ ދުވަހުގައެވެ. އުމްރާއަށް ހުޅުވާލިނަމަވެސް ތަވާފްކުރާ މީހުން ތަވާފްކުރަން ޖެހޭނީ ކައުބަތުﷲ ގެފުޅުގެ ވަށައިގެން ހަރުކޮށްފައިވާ ރިންގުގެ ބޭރުންނެވެ. އަދި އެއްވެސް މީހަކަށް ގެފުޅުގައި ބޮސްދީ އަތްބީއްސާ ނެހެދޭނެކަމަށާއި ދުވާލަކު 10 ފަހަރަށް ޚަރަމްފުޅު ސްޓެރެލައިޒްކުރާނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ޙަަރަމްފުޅަށް ވަންނަ މީހުން ސްކޭންކޮށް، ވައިރަސްތަކާއި ޖަރާސީމުތައް ނައްތާލާ ސްޓެރަލައިޒޭޝަން ގޭޓުތައް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ބަހައްޓާފައެވެ.