ޚަބަރު

ކޯވިޑް-19 : މޮނީޓަރިންގެ ޙާލަަތުގައި ޢަމަލުކުރާނީ ކިހިނެއް؟


ކޯވިޑް-19އާ ގުޅިގެން ރަށެއް މޮނީޓަރިންގެ ޙާލަތަށް ގެންދިއުމާއެކު އެރަށުގެ އެންމެހައި ޙަރަކާތްތައް ހުންނަންޖެހެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ ޚާއްސަ އުސޫލަކަށެވެ.

ރަށެއް މޮނީޓަރިންގެ ޙާލަތަށް ގެންދަނީ ކޯވިޑް-19އާ ގުޅިގެން ކަރަންޓީނުގައި އެރަށުގައި ނެތް މީހަކު މިބައްޔަށް ޕޮޒިޓިވްވުމުންނާއި ޕޮޒިޓިވް މީހަކާ ސީދާ ދިމާވި ބަޔަކު އެރަށެއްގައި ތިބުމާއި އެހެންވެސް ޙާލަތަކާ ގުޅިގެން ކޯވިޑް-19 އެރަށެެއްގައި ފެތުރުމުގެ ފުރުޞަތު އޮތްނަމައެވެ.

މޮނީޓަރިންގެ ޙާލަތަށް ގެންދިއުމުން އެރަށަކަށް މީހުން ދަތުރުކުރުމާއި ރަށުގައި ހުރި މީހަކު އެހެން ރަށަކަށް ދިއުންވެސް މަނާވީއެެވެ. އެޗްޕީއޭއިން ވިދާޅުވާގޮތުގައި ރަށެއް މޮނީޓަރިންއަށް ލާފައި އޮންނައިރު އެރަށަކަށް ދަތުރުކުރެވޭނީ 2 ޙާލަތެއްގައެވެ.

އެއީ ސިއްޙީ ޚިދުމަތެއް ހޯދުމަށް އެރަށަކަށް ކޮންމެހެން ދާންޖެހޭ ޙާލަތާއި އެރަށަކަށް ބޭނުންވާ ޒަރޫރީ އެއްޗެއް އެރަށަކަށް ގެންދިއުމަށް ދަތުރުކުރަން ޖެހޭ ޙާލަތެވެ. މި ޙާލަތުގައިވެސް ދަތަރުކުރާ އެއްވެސް ބޯޓަކުން ދަތުރުކުރާ މީހަކު މޮނީޓަރިންގެ ޙާލަތުގައި އޮތް ރަށަކަށް ފޭބުމާއި އެރަށެއްގެ މީހުންނާ ބައްދަލުވެ އުޅުމަކީ މަނާކަމެކެވެ. އެފަދަ އުޅަނދެއްގެ ފަޅުވެރިން ބޭނުންވާ ތަކެތި އުޅަނދަށް އަރުވައި ބޭލުމުގައިވެސް ރަށުގެ އެހެން މީހުންނާ އެކުވެގެން މަސައްކަތްކުރުމަކީ މަނާކަމެކެވެ.

ރަށެއް މޮނީޓަރިންގެ ޙާލަތަށް ގެންދިއުމަށްފަހު ޒަރޫރީ ބޭނުންތަކުގައި ފިޔަވައި އެހެންކަމަކު އެރަށުގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުކުމެ ނޫޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި މިގޮތަށް ނުކުންނައިރުވެސް މާސްކުބޭނުންކުރުމާއި ގައިދުރުކަން އިސްކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

މި ޙާލަތުގައި ޢާއްމުކޮށް އެއްވެގެން ބާއްވާ ޙަރަކާތްތައްވެސް ހުއްޓާލަންޖެހެއެވެ. އެގޮތުން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމާއި ކެފޭ، ރެސްޓޯރަންޓްތަކުގައި ތިބެގެން ކެއުމުގެ ޚިދުމަތް މެދުކަނޑާލުންފަދަ ކަންކަން ހިމެނެއެވެ. އަދި އޮފީސްއޮފީހާއި އެހެނިހެން ތަންތަނުގައިވެސް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ މީހުން މަސައްކަތުގެ މާޙައުލުގައި މާސްކު ބޭނުންކޮށް ގައިދުރުކަން އިސްކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

މޮނިޓަރިންގެ ޙަލަތަށް ރަށްރަށް ގެންދަނީ ބަލި ފެތުރުން ކޮންޓްރޯލްކުރުމާއި ކޮންޓެކްޓުންގެ ސާމްޕަލް ޓެސްޓުކުރުމާއި ކޭސް އިންވެސްޓިގޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ.