ޚަބަރު

ކޯވިޑް-19 : ދިވެހި މީޑިއާ ދައްކައިދެނީ ޕްރޮފެޝަނަލިޒަމްގެ ނަމޫނާ - މަރިޔަމް ވަޙީދާ


ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގައި ދިވެހި މީޑިއާތަކުން ދައްކުވައިދެނީ ޕްރޮފެޝަނަލިޒަމްގެ ރީތި ނަމޫނާއެއް ކަމަށް ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައިސާ މަރިޔަމް ވަޙީދާ ވިދާޅުވެއްޖެއެވެ.

ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅުދައްކަވަމުން މަރިޔަމް ވަޙީދާ ވިދާޅުވީ މިފަދަ ކޮންމެ ކާރިޘާއެއްގައިވެސް ދިވެހި މީޑިއާއިން އަބަދުވެސް ސާބިތުކަމާއެކު ދެމިތިބޭކަމަށެވެ. މުޅި ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށގެންވެސް ރާއްޖޭގެ ހުރިހާ މީޑއާއެއް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންގެންދާކަން މަރިޔަމް ވަޙީދާ ވަނީ ފާހަގަކުރައްވާފައެވެ.

މިޙާލަތުގައި ގިނަ މީޑިއާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި މަރިޔަމް ވަޙީދާ ވިދާޅުވީ ދަތިތައް ޙައްލުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް މާލީ ގޮތުން އެހީތެރިވެވެން ނެތްނަމަވެސް މިދަނޑިވަޅުގައި ކުރެވޭނެކަންކަން އެކި ސްޓޭޝަންތަކާ މަޝްވަރާކޮށްގެން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

"ރާއްޖޭގެ ހުރިހާ މީޑިއާއެއް ވަރަށް ބުރަކޮށް މަސައްކަތްކުރަނީ ކޯވިޑް-19ގެ މިޙާލަތުގަ. ލޮކްޑައުންގަ ތިބެގެން އަމިއްލަ ޢާއިލާއާއި ދުރުގައި ތިބެގެން ކޮށްދިން މަސައްކަތްތަކަށް ތަޢުރީފު ޙައްގު. ދިވެހި މީޑިއާއިން މިފަދަ ކޮންމެ ފަދަ ކާރިސާއެއްގައިވެސް ޕްރޮފެޝަނިލިޒަމް ވަރަށް ބޮޑަށް ފެނިގެންދޭ." މަރިޔަމް ވަޙީދާ ވިދާޅުވިއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިންގއާއި ރީބްރޯޑްކާސްޓިންގ ދާއިރާ ކުރިއެރުވޭނީ ކުރީގައި ހެދިފައިހުރި ޤާނޫނުތަކާއި ގަވާއިދުތައް އިސްލާޙުކޮށް މިދާއިރާގައި ޙަރަކާތްތެރިވާ މީހުން ތަމްރީނުކުރެވިގެންކަމަށް މަރިޔަމް ވަޙީދާ ވިދާޅުވިއެވެ. އެފަދަ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ކޮމިޝަން މަސައްކަތްކުރަނީ އެއްވެސް ފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު. ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ހަމައެކަނި ފިޔަވަޅު އަޅާ ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަން މިދަނީ މަސައްކަތްކުރަމުން. އެގޮތުން ޑިސްޕިއުޓް ރިޒޮލިއުޝަން އެކުލަވާލައި މައްސަލަތައް ވީހާވެސް އަވަހަށް ޙައްލުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އަޅުގަނޑުމެން ޤަބޫލުކުރަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ އެހެން ލެވެލަކަށް ގެންދެވޭނީ ތަމްރީނުގެ ތެރެއިންކަމަށް. އަދި ދިރާސީ ދާއިރާއިން ބްރޯޑްކާސްޓިންގ ދާއިރާ ހަރުދަނާކުރުމަށް މިދަނީ މަސައްކަތްކުރަމުން." މަރިޔަމް ވަޙީދާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ މީހުން ތަމްރީނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއެކު އެއްބަސްވުމެއް އެކުލަވާލައި ތަމްރީން ޕްރޮގްރާމްތައް އަންނަނީ މިހާރުވެސް ހިންގަމުންނެވެ.

ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި ދިވެހި މީޑިއާ ކުރިއެރުވުމަކީ މުހިއްމުކަމެއްކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ދެކޭކަމަށް މަރިޔަމް ވަޙީދާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިންގެ ޚިދުމަތް ހަރުދަނާކޮށް މިދާއިރާގައި ކުރެވޭ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބްރޯޑްކާސްޓިންގ އެވޯޑް ތަޢާރަފްކުރުމަށް އެކޮމިޝަނުންވަނީ ނިންމަވާފައެވެ. އަދި މިދާއިރާ އިތުރަށް ފުޅާކުރުމުގެގޮތުން ދާދިފަހުންވަނީ ރާއްޖެއަށް މުޅިން އަލަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ތަޢާރަފްކުރައްވައި އެކަމުގެ ހުއްދަ ރ.ދުވާފަރު ސްކޫލަށް ދެއްވާފައެވެ. މިފަދަ އިތުރު ފުރުސަތުތައް ރާއްޖޭގެ އެހެން ރަށްރަށަށްވެސް ދެއްވުމަށް މަސައްކަތްކުރައްވާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނެއް އެކުލަވާލާފައިވަނީ 2010ވަނަ އަހަރުގައެވެ. މިޤާނޫނުގެ ދަށުން ބްރޯޑްކާސްޓިންގ ކޮމިޝަނެއް އެކުލަވާލާފައިވަނީ 2011ވަނަ އަހަރުގައެވެ.

ސަންތިމަރިޔަނބު

ޗެނަލް 13 އާ ވާހަކަދެއްކެވިންތޯ، މަރިޔަމް ވަޙީދާ-ކަމިޝަނަރ؟