ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ކާބަން ނިއުޓްރަލް ޕްލޭން: އެޤައުމަށް ލިބޭނީ އިތުރު މުއްސަނދިކަމެއް


ދުނިޔޭގެ އެންމެ އާބާދީބޮޑު އަދި އެންމެ ކުރިއަރަމުން އަންނަ އިޤްތިޞާދުކަމުގައިވާ ޗައިނާ ދާދި ފަހުން ވަނީ 2060 ވަނަ އަހަރުގެ ކުރިން އެ ޤައުމަކީ ކާބަން ނިއުޓްރަލް ޤައުމަކަށްވާނޭކަން އިޢުލާންކޮށްފައެވެ. މުޅި ދުނިޔެވެސް ހައިރާންކޮށްލި މި ނިންމުން އިއުލާންކުރައްވާފައިވަނީ އދގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ރައީސް ޝީ ޖިންގ ޕިންއެވެ. ރައީސް ޝީ ވަނީ މި މަސައްކަތަކީ ޚަރަދުބޮޑު މަޝްރޫޢެއްކަމުގައި ވީނަމަވެސް، މިކަން މެދުނުކެނޑި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޝީގެ މި ނިންމުމާއެކު ކާބަން ނިއުޓްރަލް ކުރުމުގެ މަސައްކަތަށް ލިބިގެންދިޔައީ ބޮޑު ކުރިއެރުމެއްކަމަށް އދ އިން ވަނީ ސިފަކޮށްފައެވެ. ދުނިޔޭގެ އާބާދީގެ ހަ ބައިކުޅަ އެއްބައި ހިއްސާކުރާ ޗައިނާގެ މި ނިންމުމާއެކު ވިހަ ގޭސްތައް ޖައްވަށް ބޭރުކުރުން މަދަކުރުމުގައި މީގެ ކުރިން ލިބޭނެކަމަށް އުންމީދުނުކުރާފަދަ ކުރިއެރުންތަކެއް ލިބޭނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މި ނިންމުމުގެ ސަބަބުން ކުރާނެ އަސަރުތައް ބެލުމަށް ކެމްބްރިޖް ޔުނިވަރސިޓީގެ ތަޖުރިބާކާރުން ހެދި ދިރާސާއެއް މިހާރު ވަނީ އާންމުކޮށްފައެވެ. މި ދިރާސާ ދައްކަގޮތުން ޗައިނާގެ ނިންމުމުގެ ސަބަބުން ޗައިނާގެ އިޤްތިޞާދު ބާރު ސްޕީޑެއްގައި ކުރިއަރާ، މި ޕްލޭންގެ ތަރައްޤީއަށް ކުރާ މަސައްކަތުން ޖީޑީޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަމަށް 5 އިންސައްތައިގެ ކުރިއެރުމެއް ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ލިބޭނެއެވެ.

ކެމްބްރިޖް އިކޮނޮމެޓްރިކްސް މެކްރޯ އިކޮނޮމިކް މޮޑެލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން \ކުރިއަށް އޮތް 40 އަހަރުގެ ތެރޭގައި ހާސިލްކުރަން އަމާޒުހިފާފައިވާ ކާބަން ނިއުޓްރަލްވުމުގެ އާމާޒް ހާސިލްކުރަން ޗައިނާއިން އުމްރާނީގޮތުން ގިނަ ތަރައްޤީތަކެއް ގެންނަން ޖެހޭނެއެވެ. މީގެ އިތުރުން މިދާއިރާގައި ޓެކްނޮލޮޖީގެ އައު އީޖާދުތައް ތަޢާރަފްކުރުމަށްވެސް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރިއަށްގެންދިއުމަކީ ޖީޑީޕީގައި މިފަދަ ކުރިއެރިއެރުމެއް ހޯދާނެކަމަށް ބެލެވޭ އެންމެ ބޮޑު އެއް ސަބަބުކަމަށް ދިރާސާގައި ބުނެފައިވެއެވެ. ޗައިނާގެ މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ފައިދާވާނީ އެ ޤައުމަށް އެކަނި ނޫންކަންވެސް މި ދިރާސާގައި ވަނީ ބުނެފައެވެ. އެގޮތުން ޗައިނާގެ މި ފަދަ ބޮޑު އިންވެސްޓްމެންޓެއްގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މާރކެޓްގެ އުފެއްދުންތަކުގެ އަގު ތިރިވާނެކަމަށްވެސް ދިރާސާއިން ދައްކައެވެ.

ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީކަމުން މިފަދަ އާބާދީއަކުން ކާބަން ނިއުޓްރަލްވުމުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ފެށުމުން، އެމަސައްކަތަށް ދުނިޔެއިން ކަނޑައަޅާފައިވާ އަމާޒަށް ކުރިން ލަފާކުރި ވަރަށްވުރެ އަވަހަށް ވާސިލުވެވޭނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.