ރިޕޯޓް

ދޮށީ އުމުރުގެ މީހުންގެ ދުޅަހެޔޮކަމަށް ސަމާލުކަންދީގެން ސިޔާސަތުތައް ބައްޓަންކުރުން މުހިއްމު: އެޗް.އާރް.ސީ.އެމް


މުޖުތަމަޢުގެ އެކިކަންކަމުގައި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދީގެން ސިޔާސަތުތައް ބައްޓަންކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރް.ސީ.އެމުން ގޮވާލައްވައިފިއެވެ.

އެޗް.އާރް.ސީ.އެމުން މިކަމަށް ގޮވާލާފައި ވަނީ މިއަދު ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚާއްސަ ބަޔާނެއްގައެވެ. މިއަހަރުގެ ދޮށީ އުމުރުގެ މީހުންގެ ދުވަހުގެ ޝީޢާރަކީ "ޕެންޑަމިކްސް: އާލަމީ ވަބާ ގެ ސަބަބުން، އުމުރުން ދުވަސްވުމާއި، ދޮށީ އުމުރުގެ މީހުންނާއި މެދު އަމަލު ކުރެވޭގޮތް ބަދަލުވޭތަ؟" އެވެ.

ބައިނަލްއަޤްވާމީ ދޮށީއުމުރުގެ މީހުންގެ ދުވަހާއި ގުޅިގެން އެޗް.އާރް.ސީ.އެމުން ނެރުނު ބަޔާނުގައި އެކަނިވެރިކަމާއި، އެހެން މީހުންގެ ފަރާތުން ލިބޭ އަޅާލުމާއި އެކުގައި ހޭދަކުރެވޭ ވަގުތު މަޑުމަޑުން މަދުވަމުން، ހިނދެމުން ނެތިގެންދާކަމުގެ ފިކުރާއި އިޙްސާސްތައް ކުރެވޭ މިންވަރު، ކޯވިޑް-19ގެ މިފަދަ ބަލިމަޑުކަމެއްގެ ހާލަތުގައި، ދޮށީ އުމުރުގެ ފަރާތްތަކަށް އެތައް ގުނައެއް އިތުރުވެގެން ދާނެކަމީ، ހަމަ ކޮންމެ މީހަކުވެސް ވިސްނަން ޖެހޭ ކަމެއްކަމަށެވެ.

ދޮށީއުމުރުގެ މީހުންގެ ޙައްޤުތަކާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފާހަގަކުރެވިފައިވާ މައްސަލަތަކަށް ބަލާއިރު، އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި އޯގާތެރިކަން ނުލިބުމާއި، ދޮށީ އުމުރުގެ މީހުންނާ މެދު އިހުމާލުވުމާއި، މުޖުތަމަޢުގައި ދޮށީއުމުރުގެ މީހުންނަށް އިޙްތިރާމާއި ރައްކާތެރިކަން ނުލިބުމުގެ މައްސަލަތައް ހިމެނޭކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ދޮށީ އުމުރުގެ މީހުން ތިބޭ މަރުކަޒުގެ ޙާލަތާއި ވަސީލަތުގެ ގިނަ ދަތިތަކެއް ހުރިކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން، އެ މަރުކަޒުގައި ބަލިމީހުނަށް ޚިދުމަތްދޭން ތިބި ކެއާ ވޯކަރުން މަދުވުމުގެ ސަބަބުން އެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް އެޗް.އާރް.ސީ.އެމުން ވިދާޅުވެފައިވެއެވެ. އަދި މިކަންކަން ވީއެންމެ އަވަސް މުއްދަތެއްގައި ހައްލުކޮށްދިނުމަށް ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައިވީނަމަވެސް މި ހުށަހެޅުންތައް ތަންފީޒުވެފައި ނުވާކަމީ ކޮމިޝަންގެ ނުހަނު ބޮޑު ކަންބޮޑުވާ ކަމެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެޗް.އާރް.ސީ.އެމްގެ ބަޔާނުގައި ޢާއިލާ އާއި މުޖްތަމަޢުގެ ފަރާތުން ދޮށީ އުމުރުގެ މީހުންނަށްދޭ ލޯތްބާއި އަޅާލުން އިތުރުކޮށް، އެފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އިހުނަށްވުރެ ބޮޑަށް މަސައްކަތްކުރުމަށް އިލްތިމާސްކުރަމެވެ. ކޯވިޑް19 ގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުން ކަމަށްވީ ހިނދު، އެފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްސަ އަހައްމިޔަތު ކަމެއްދީ، ކަމާ ގުޅުންހުރި އިދާރާތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން، މުޖުތަމަޢުގެ އެކިކަންކަމުގައި ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދީގެން ސިޔާސަތުތައް ބައްޓަންކުރުމުގެ މުހިންމުކަމަށް އެޗް.އާރް.ސީ.އެމުން ވިދާޅުވެއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، އެމަރުކަޒުގެ ވަސީލަތްތައް ފުޅާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް އެ ކޮމިޝަނުން ގޮވާލައްވާފައި ވެއެވެ. ދޮށީ އުމުރުގެ މީހުން ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތަކާ އަދި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި މެދު މުޖުތަމަޢު ހޭލުންތެރި ކުރުމަށް މަދަނީ ޖަމުޢިއްޔާތަކާއި މީޑިއާތަކުން ކުރަމުންދާ މަސައްކަތް މިހާރަށް ވުރެ އިތުރުކުރުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ބައިނަލްއަޤްވާމީ ދޮށީއުމުރުގެ މީހުންގެ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ، ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރި މުޖުތަމަޢުއެއް ބިނާކޮށް، ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ދޮށީ އުމުރުގެ މީހުން ކޮށްފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ބައިވެރިވުން ތަފާތު ދާއިރާތަކުގައި އިތުރުކުރުމަށް ބާރުއެޅުމެވެ.

މިއަހަރުގެ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ ޝިޢާރަކީ "ޕެންޑަމިކްސް: އާލަމީ ވަބާ ގެ ސަބަބުން، އުމުރުން ދުވަސް ވުމާއި، ދޮށީ އުމުރުގެ މީހުންނާއި މެދު އަމަލު ކުރެވޭގޮތް ބަދަލުވޭތަ؟" މި ޝިއާރެވެ. މި ޝިޢާރުގެ މައިގަނޑު މަޤްސަދަކީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19 ގެ ބަލި މަޑުކަމުގައި ދޮށީ އުމުރުގެ މީހުންނަށް ކުރިމަތިވެފައިވާ ޞިއްޙީ ނުރައްކާތެރިކަމާއި، ތަޙައްމަލު ކުރަންޖެހިފައިވާ ތަފާތު ދަތިތަކަށް ހޭލުންތެރިކުރުވައި، ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރި މާހައުލެއް ހޯދައި ދިނުމާއި އަދި ކުރިއަށް އޮތްތާގައި ވެސް ކުރިމަތިވެދާނެ މިފަދަ ޞިއްޙީ ކާރިސާތަކުގެ ސަބަބުން ދޮށީއުމުރުގެ މީހުންނަށް ދިމާވެދާނެ ގޮންޖެހުންތަކުން ރައްކާތެރިކުރުމަށްޓަކައި ތައްޔާރުވެ ތިބުމަށް ބާރުއެޅުމެވެ.

މުޅި ދުނިޔޭގައިވެސް ދޮށީ އުމުރުގެ މީހުންގެ އާބާދީ އަންނަނީ އެއް ދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. މިހާރު ދިވެހިރާއްޖޭގެ އާބާދީގެ 5 އިންސައްތަ ހިއްސާކުރަނީ ދޮށީ އުމުރުގެ މީހުން ކަމުގައި ވީހިނދު، 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބަށް ބަލާއިރު، 2040 ވަނަ އަހަރު ދިވެހިރާއްޖޭގެ އާބާދީގެ 10 އިންސައްތަ ހިއްސާކުރާނީ ދޮށީއުމުރުގެ މީހުންކަމަށް އަންދާޒާކުރެވެއެވެ.