ކޯވިޑް-19

ކޯވިޑް-19 : އެންޓިޖެން ޓެސްޓް ހެދުމާ ގުޅޭ ގައިޑްލައިން ވަރަށް އަވަހަށް އާއްމުކުރާނަން - ޑރ. ނަޒްލާ


ރާއްޖޭގައި ކޯވިޑް-19ގެ އެންޓިޖެން ޓެސްޓް ހެދުމާގުޅޭ ޚާއްސަ ގައިޑްލައިނެއް ވަރަށް އަވަހަށް އާއްމުކުރައްވާނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

"ބައިނެކްސްނައު ކޯވިޑް19 އޭޖީ ކާޑު" ނުވަތަ އެންޓިޖެން ޓެސްޓް ކިޓް ރާއްޖެއަށް ތަޢާރަފުކޮށްފައިވަނީ މެޑިކަލް ސާމާނު ސަޕްލައިކުރާ އަމިއްލަ ކުންފުންޏެއްކަމަށްވާ މެޑްޓެކް ކުންފުނިންނެވެ. މި ޓެސްޓް ކިޓަކީ ކޯވިޑް-19 ހަށިގަނޑުގައި ހުރިކަން 15 މިނެޓުން ދެނެގަނެވޭ ޓެސްޓް ކިޓްތަކެކެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19 އަކީ އައު ބައްޔެއްކަމުން، މި ބައްޔާގުޅިގެން ޓެސްޓްކުރުމާއި ފަރުވާގެ ހުރިހާކަމަކީވެސް ވަރަށް ބަލައިގެން ކުރަންޖެހޭ ކަންތައްތަކެއްކަމަށެވެ. އެންޓިޖެން ޓެސްޓް ރިކަމެންޑް ކުރުމާގުޅޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އާއްމުކޮށްފައިވާ ގައިޑެންސްތަކާގުޅިގެން ބަލަންޖެހޭ ކަންކަން އެޗް.ޕީ.އޭއާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބަލަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓާއި ޚިލާފަށް މި ޓެސްޓަކީ ކޮންމެ ކޮންމެ މީހަކަށް ހެދޭނެ ޓެސްޓެއްނޫންކަމުން، ރާއްޖޭގައި އެންޓިޖެން ޓެސްޓް ހެދުމާގުޅޭ ގައިޑްލައިން ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެބައޮތް ޓެގްގެ ރިކޮމަންޑޭޝަނެއް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑުމެން ގައިޑްލައިނެއް ނެރޭނަން. ކޮންކޮން ޙާލަތެއްގައިތޯ އެންޓިޖެން ޓެސްޓް ކުރެވޭނީ. އެންޓިޖެން ޓެސްޓްކުރެވޭނެ ވަކި ޙާލަތްތަކެއް މި ހުންނަނީ. ޕީ.ސީ.އާރް ޓެސްޓް މިކުރާގޮތަށް ކޮންމެ ކޮންމެ މީހަކަށް އެ ޓެސްޓެއް ނުކުރެވޭނެ. އެގޮތަށް ކޮށްގެން އޭގެ ވެލިއުއެއް އެހާ ބޮޑަކަށް ނާންނާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޕޯޓަބަލް އެންޓިޖެން ޓެސްޓް ކިޓްތައް އުފައްދަނީ ލެބޯޓްރީ ތަހުލީލުކުރުމަށް ބޭނުންކުރާ އާލަތްތައް އުފެއްދުމުގައި އެމެރިކާގެ މަޝްހޫރު އެބޮޓް ލެބޯޓްރީންނެވެ. މި އެންޓިޖެން ޓެސްޓް ކިޓަކީ ނޭސަލް ސްވަބް ބޭނުންކޮށްގެން ހަދާ ކިޓެކެވެ. އެބޮޓުން ވަނީ ޓެސްޓާ ގުޅޭ ހާއްސަ އެޕެއް ތައާރަފްކޮށް ފޯނުން ޓެސްޓުގެ ނަތީޖާ ފެންނާގެ ގޮތްވެސް ހަދައިފައެވެ. އެބޮޓް ކުންފުނިން ހާމަކޮށްފައިވާގޮތުގައި މި ޓެސްޓުގެ ސެންސިޓިވިޓީއަކީ 97.1 ޕަސެންޓެވެ. އަދި ސްޕެސިފިޓީއަކީ 98.5 ޕަސެންޓެވެ. މި ޓެސްޓް ކިޓް އެމެރިކާ އާއި ޔޫރަޕުން މިހާރުވެސް އަންނަނީ ބޭނުންކުރަމުންނެވެ.

ރާއްޖޭގައި ކޯވިޑް-19 ހުރިތޯ ދެނެގަތުމަށް މިވަގުތު ހަދަމުން އަންނަނީ ޕީ.ސީ،އާރް ޓެސްޓް އެކަންޏެވެ. ނަމަވެސް މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 ފެތުރިފައިވަނީ ކިހާވަރަކަށްތޯ ދެނެގަތުމަށްޓަކާ ދިރާސާއެއްގެގޮތުގައި އޮކްޓޯބަރުމަހުގެ ތެރޭގައި އެންޓިބޮޑީ ޓެސްޓް ހެދުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަން އެޗް.އީ.އޯ.ސީން މީގެކުރިން ވަނީ ހާމަކުރައްވާފައެވެ.