ޚަބަރު

އަތޮޅުތެރޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ގަޑި އިތުރުކޮށްފި


އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތައް އަންނަ ހަފްތާއިން ފެށިގެން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމަވައިފިއެވެ. އެމިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ ނުރައްކާ ނެތް އަތޮޅުތެރޭގެ ރަށްރަށުގައި އަންނަ ހަފްތާއިން ފެށިގެން ކިޔަވައިދޭ ގަޑި 5 ގަޑިއިރަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ މިހާރު މަސައްކަތްކުރަމުން ގެންދަވަނީ އާޢާއްމު ޙާލަތަކުން ޢާއްމު ޙާލަތަކަށް ދާންކަމަށެވެ. އޭގެ ދަށުން ދަރިވަރުންނަށް އަންނަ ހަފްތާއިން ފެށިގެން ކޯވިޑް-19ގެ ކޭސްތައް ނެތް ރަށްރަށުގައި ސްކޫލަތަކުގައި ކޔަވައިދޭ ގަޑި އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އެއާއެކު އަންނަ ހަފްތާއިން ފެށިގެން އަތޮޅުތެރޭގެ ސްކޫލްތަކަށް ގޮސްގެން ދަރިވަރުންނަށް 5 ގަޑިއިރަށް ކިޔަވއިދޭގޮތަށް މިހާރު ނިންމާފައިވާކަމަށެވެ. ކޯވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު ސްކޫލްތަކުގެ ކިޔެވުން ފެށީ 4 ގަޑިއިރަށް ކިޔަވައިދޭ ގޮތަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ އޮންލައިން ވަޞީލަތްތައް މެދުވެރިކޮށް ކިޔަވައިދިނުމަށްވުރެ ދަރިވަރުންނަށް އެންމެ ފައިދާ ބޮޑު ގޮތެއްގައި ކިޔަވައިދެވޭނީ ސްކޫލަށް ކުދިން ހާޒިރުވެގެން މުދައްރިސާއެކު ވަގުތު ހޭދަކުރެވިގެންކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"މީގެކުރިން ގަޑިތައް ނަގަމުން އައީ ކްލާހަށް ހާޒިރުވެގެން ވަކި ގަޑިތަކެއް އަދި އޮންލައިންކޮށް ވަކިގަޑިތަކެއް. މިހާރު މިއޮތް ގޮތުން އަންނަ ހަފްތާއިން ފެށިގެން އަތޮޅުތެރޭގައި އޮންލައިންކޮށް ކިޔަވާ ގަޑިތައް މަދުކޮށް ކުލާސްތަކަށް ހާޒިރުވެގެން ކިޔަވާ ގަޑިތައް އިތުރުވާނީ." މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އަންނަ ހަފްތާގައި މާލޭގައި ކީސްޓޭޖް 4 ގެ ދަރިވަރުންގެ ކިޔެވުން ފެށުމަށްވެސް ތައްޔާރުވަމުންނެވެ. މި ސްތެޖުގައި ހިމެނޭ ގުރޭޑު 9 އާއި 10 ގެ ދަރިވަރުންގެ ކިޔެވުން ފެށުމަށް ތައްޔާރުވެފައިވާއިރު އޯގަސްޓް މަހުގެ ތެރޭގައިވަނީ ގުރޭޑު 11އާއި 12 ގެ ދަރިވަރުންގެ ކިޔެވުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭންވަނީ ފަށާފައެވެ. އަންނަ ހަފްތާގައި މާލޭގެ ކީ ސްޓޭޖް 4 ގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭ ފަށާއިރު އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތައް އެކަމަށް ތައްޔާރުވެފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19އާ ގުޅިގެން މިއަހަރުގެ މެއި މަހާއި ޖޫން މަހުގެ އޭލެވެލް އިމްތިޙާނު ފަސްކުރުމަށްފަހު އަންނަ ހަފްތާގައި މިއިމްތިހާން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އަތޮޅުތަކުގެ 33 ސެންޓަރަކާއި މާލޭގެ 4 ސެންޓަރެއްގައި އިމްތިޙާނު ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ ރައްކާތެރިކަމާއެކު އިމްތިޙާނުގެ ކަންކަން ކުރިއަށްގެންދިޔުމަށްވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާކަމަށެވެ. އަދި މިހަފްތާގެ ނިޔަލަށް ހުރިހާ ސެންޓަރަކަށްވެސް ފޮނުވަންޖެހޭ އިމްތިޙާނު ކަރުދާސް ފޮނުވާ ނިމޭނެކަމަށް އިޙްސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިމްތިޙާނަށް ވާންޖެހޭ ފުރިހަމަ ތައްޔާރީ މިހާރު މިވަނީވެފަ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް އިމްތިޙާނު ހަދާ ދަރިވަރުންގެ ތެރެއިން ކުއްޖަކު ޕޮޒިޓިވްވެ ކަރަންޓީނަށް ދާންޖެހޭ ހިސާބުން އެކުއްޖަކު އިމްތިޙާނު ހަދާ ސެންޓަރަކަށް އެކަން އަންގަވައިދެއްވުންއެއީ. އަދި ޓެސްޓަށް އަންނަ އިރު ކުޑަ ހޭންޑް ސެނިޓައިޒަރ ފުޅިއެއް ދަރިވަރުގެ މަޢުލޫމާތު ޕާމަނަންޓް މާކަރަކުން ޖެހުމަށްފަހު ގެނައުމަކީ އެދޭކަމެއް" މުޙައްމަދު އިޙްސާން ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ތަޢުލީމީ ދާއިރާއަށްވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އެހެންނަމަވެސް ޙާލަތާ ގުޅޭގޮތުން އެޗްޕީއޭގެ ގައިޑްލައިންތަކާއެކު އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް ކިޔވައިދިނުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.