ތިމާވެށި

ދުނިޔޭގެ ކަނޑުތަކުގެ %30 ހިމާޔަތްކުރުމަށް ލަނޑުދަނޑިއެއް ފާސްކުރުމަށް ރާއްޖެއިން ގޮވާލައިފި


ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ލަނޑުދަނޑިއެއް ފާސްކުރުމަށް ދިވެހިރާއްޖެއިން ދުނިޔޭގެ ޤައުމުތަކަށް ގޮވާލައިފިއެވެ.
ރާއްޖޭގެ ފަރާތުން މިކަމަށް ގޮވާލާފައިވަނީ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބަޔޯޑައިވަރސިޓީ ސަމިޓްގެ ހަވާސާގައި ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގެ ބަޔޯޑައިވަރސިޓީ ސަމިޓްގެ ހަވާސާގައި އޮންލައިންކޮށް ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލް ކުރައްވަމުން އެންވަަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ކަނޑަކީ ދިވެހިންގެ ދިރިއުޅުން އޭގެ މައްޗަށް ބިނާވެފައިވާ ތަނެއްކަމަށެވެ. ނަމަވެސް އައި.ޕީ.ބީ.އީ.އެސްގެ ރިޕޯޓާއި އެހެނިހެން ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކަނޑުތަކަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ކަނޑުގެ ރޯދި ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނީ އެންމެ މަދުވެގެން ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކޮށްގެންކަމަށް ސައިންސްވެރިން ފާހަގަކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ" އިން 2021 ން 2030އަށް ކަނޑައަޅާ ބައިނަލްއަގްވާމީ ލަނޑުދަނޑިތަކުގެ ތެރޭގައި ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ލަނޑުދަނޑިއެއް ފާސްކުރުމަށް ދިވެހިރާއްޖެއިން ޤައުމުތަކަށް ގޮވާލާކަމަށް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވިއެވެ. އަދި މިކަމަށް އިތުރަށް ތާއީދު ހޯދުމަށްޓަކާ ދިވެހިރާއްޖެއިން "ގްލޯބަލް އޯޝަން އެލިއަންސް" އާއި މިހާރު ގުޅިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޤައުމުތަކުގެ އިޤްތިޞާދީ ސަރަހައްދުން ބޭރުގައިވާ ކަނޑުގެ ސަރަހައްދުތަކުގެ ދިރޭތަކެތަކެއްޗާއި ގުޅޭގޮތުން މިހާރު އ.ދ ގައި ކުރިއަށްދާ މަޝްވަރާތަކަކީ އިޤްތިސާދީ ސަހަރައްދުން ބޭރުގެ ސަރަހައްދުތައް ހިމާޔަތްކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި 2023 ވަނަ އަހަރަށް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭގޮތަށް ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ވަޢުދެއްކަމަށާއި، ފާއިތުވި ދޮޅުއަހަރުގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން 7 އަތޮޅުގައި މިކަންތައް ހާސިލުކޮށްފައިވާކަމަށް މި ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ބާކީ ހުރި އަތޮޅުތަކުގައިވެސް މިކަންތައް ހާސިލުކުރުމަށް މަސައްކަތްކުރެވެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ، ރާއްޖޭގެ ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އަދި އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ރާއްޖޭގެ ފަރުގެ 10 އިންސައްތަ އަދި ކަނޑޫފާތަކުގެ 20 އިންސައްތަ 2025 ވަނަ އަހަރު އަންނަންވާއިރަށް ހިމާޔަތްކުރަން ހިމަނާފައިވާނެކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް ޖުމްލަ 17 ސަރަހައްދު ހިމާޔަތްކޮށްފައިވާއިރު ރާއްޖޭގެ ފަރުތަކުގެ 6 އިންސައްތަ އަދި ކަނޑޫފާތަކުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި މިހާރު ހިމާޔަތްކުރެވިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރުގެ އެންމެ ބޮޑު އަމާޒަކީ މިހާތަނަށް ހިމާޔަތްކޮށްފައިވާ ތަންތަން މެނޭޖްކުރުން އިތުރަށް ހަރުދަނާކުރުންކަމަށާއި އެތަންތަން ހިމާޔަތްކުރުމުގެ އެންމެ މުހިއްމު ބޭނުން ހާސިލުވާނީ އޭރުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ތައްޔާރުކަމަށާއި އެހެންކަމުން ކަނޑުތަކުގެ 30 އިންސައްތަ ރައްކާތެރިކުރުމަށް ހުރިހާ ޤައުމަކަށް ގޮވާލައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ކޮންފަރެންސް ސީރީސް ކަމަށްވާ އަވަރ އޯޝަންސް، ޔޫއެން އޯޝަން ކޮންފަރެންސް އަދި ވަރލްޑް އޯޝަން ސަމިޓް ބާއްވާ ޤައުމުތަކުން ގުޅިގެން އ.ދގެ 75 ވަނަ އާއްމު ބައްދަލުވުމުގެ "ބަޔޯޑައިވާސިޓީ ސަމިޓް"ގެ ހަވާސާގައި ބޭއްވި ބައްދަލުވުމެކެވެ. މިއީ ދިރޭތަކެއްޗާއި ތިމާވެށި ހިމާޔަތްކުރުމާއި އާއްމު ދިރިއުޅުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުތަކާއި ވާ ގުޅުމުގެ މައްޗަށް ބަލައި، ޤައުމުތަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރުއެޅުމަށް ބޭއްވި ބައްދަލުވުމެކެވެ.