ރާއްޖޭގެ އެންމެ އުތުރުން ހއ. ހޯރަފުށީގައި ތަރައްޤީކުރަމުންދާ އެއަރޕޯޓާއި ހދ. ކުޅުދުއްފުށީ އެއަރޕޯޓުގައި ރެސްޓޯރެންޓެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ.
ހޯރަފުށި އެއަރޕޯޓާއި ކުޅުދުއްފުށި އެއަރޕޯޓްގައި ރެސްޓޯރަންޓް ހަދައި ހިންގާނެ ފަރާތެއް ހޯދުމަށް ރީޖަނަލް އެއަރޕޯޓްސްއިން މިހާރު ވަނީ އިޢުލާންކޮށްފައެވެ. މި ދެ އެއަރޕޯޓުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން އެއްފަހަރާ 50 މީހުންނަށް ޚިދުމަތް ދެވޭނެ ރެސްޓޯރެންޓެކެވެ. މި މަޝްރޫޢަކީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއެވެ.
މި ދެ އެއަރޕޯޓުގައި ރެސްޓޯރަންޓެއް ހަދައި ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 8 ވާ ބުރާސްފަތި ދުވަހު ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންނަމަހުގެ 20 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށައެޅުމަށް ރީޖަނަލް އެއަރޕޯޓްސްއިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭ އަޅާފައިވަނީ އެރަށުގެ އުތުރު ކޮޅުގައި އޮންނަ ގުދުރަތީ ބޮޑު ކުޅިން 9 ހެކްޓަރުގެ ބިމާއި، މޫދުން 6 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ވަނީ ހަދާފައެވެ.
ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާއި، 8636 އަކަމީޓަރުގެ އޭޕްރަންއަކާއި، ޓެކްސީވޭއާއި، ސަރވިސް މަގުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 9473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔަރ އެކްސެސް މަގެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ. ތާރުއެޅުމުގެ މަސައްކަތާއެކު މުޅި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހަށް ނިމުމަށް އެއަރޕޯޓުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީން ދަނީ މަސައްކަތް ކުރަމުންނެވެ.