ޚަބަރު

ކޯވިޑް-19 : ފްލެޓްތަކުގެ ކުލި ދެއްކުން އިތުރު 3 މަހަށް ފަސްކޮށްދީފި


ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ފްލެޓާއި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި އިތުރު 3 މަސް ދުވަހަށް ފަސްކޮށްދީފިއެވެ.

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެއާއި، އަތޮޅު ތެރެއިން ދޫކޮށްފައިވާ ފްލެޓާއި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ މިދިޔަ މާރޗު މަހުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަކަށް ފަސްކޮށްދީފައެވެ. ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުން ދެއްވި 06 މަސް ދުވަހުގެ ކުލި ފަސްކުރުމުގެ މުއްދަތު 31 އޯގަސްޓް 2020 އަށްވަނީ ހަމަވެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކަކުން މުއްދަތު އިތުރު ކޮށްދެއްވުމަށް އެދެމުންދާތީ، ސެޕްޓެމްބަރު 2020 އިން ނޮވެމްބަރު 2020 ނިޔަލަށް 03 މަހަށް ކުލި ނެގުން ފަސްކުރުމަށް ނިންމާފައިވާކަމަށެވެ. ކުލި ދެއްކުން ފަސްކޮށްފައިވީނަމަވެސް ކުލި ފަސްކުރާ މުއްދަތުގައި މެއިންޓަނެންސް ފީ ދައްކަންޖެހޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ކުރިން އައި.ޑީ.ކާޑުގެ ކޮޕީއާއި ހައުސިންގ މިނިސްޓްރީއާއެކު ކޮށްފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެގޮތަށް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ހައުސިންގ މިނިސްޓްރީން ވަނީ އަންގަވާފައެވެ.