ކޯވިޑް-19

ކޯވިޑް-19 : މިހާތަނަށް ހޯނޑެއްދޫގެ 75 ގޭބިސީއަކަށް ހޯމް ވިޒިޓްކޮށްފައި ވޭ: އެޗް.އީ.އޯ.ސީ


ގދ. ހޯނޑެއްދޫގައި ކޯވިޑް-19 އަލާމަތްތައް ހުރި މީހުން ދެނެގަތުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 75 ގޭބިސީއަކަށް ހޯމް ވިޒިޓްކޮށްފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހު ހޯނޑެއްދޫއިން ޕޮޒިޓިވްވި މީހާގެ ފަހުން އިތުރު މީހަކު އަދި އެރަށުން ޕޮޒިޓިވްވެފައި ނުވާކަމަށެވެ. ރަށު ތެރޭގައި ބަލީގެ އުޅޭ މިންވަރު ދެނެގަތުމަށް ކުރާ މަސައްކަތުގެ ދަށުން އެ ރަށުގައި ހަރަކާތްތެރިވާ ޓީމްތަކުން މިހާތަނަށް ރަށުގެ 75 ގޭބިސީއަކަށް ހޯމް ވިޒިޓްކޮށްފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި ވިޒިޓްތަކުގެ ތެރެއިން ބަލީގެ ޢަލާމާތްތައް ހުރި އިތުރު 4 މީހަކު ފާހަގަކުރެވިގެން އެމީހުންގެ ސާމްޕަލްތައް މިހާރު ނަގާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ގދ. ހޯނޑެއްދޫގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 45 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 32 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 13 މީހުންކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދު ފިޔަވައި އަތޮޅުތަކުގެ ރަށަކުން އެންމެ ގިނަ ޢަދަދެއްގެ މީހުން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ ގދ. ހޯނޑެއްދޫއިންނެވެ. ހޯޑެއްދޫގައި ބޮޑު ކްލަސްޓަރއެއް އުފެދުނީ ސެޕްޓެމްބަރު 4 ގައި އެރަށުން ޕޮސިޓިވްވި 2 މީހުންގެ ކޮންޓެކްޓުންގެ ތެރެއިންނެވެ. މި ކްލަސްޓަރގެ ތެރެއިން އެކަނިވެސް ޖުމްލަ 40 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި މި ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި 200 އަށްވުރެ ގިނަ މީހުން އެރަށުގައި ތިބިކަމަށް އެޗް.އީ.އޯ.ސީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހޯނޑެއްދޫއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ގިނަ ބަޔަކު އަންނަނީ ބަލިން ފަސޭހަވަމުންނެވެ. އެޗްއީއޯސީން ހާމަކޮށްފައިވާގޮތުގައި އެރަށުގެ %6 ގެއިން ކޯވިޑް-19ގެ ޕޮސިޓިވް ކޭސްތައް ފެނިފައިވެއެވެ. އަދި %19 ގޭގައި ބަލިމީހާ އާއި ކޮންޓެކްޓްވި މީހުން އެބަތިއްބެވެ. ހޯނޑެއްދޫ އަދިވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.