ޚަބަރު

ކޭސްތައް މަދުވިނަމަވެސް ފިޔަވަޅުތަކަށް ލުއިދިނުން އަދި، ރައްކާތެރިއެއްނޫން - ޑރ. ޝީނާ


ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިވަގުތަށް މަދުވެފައިވީނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދު އަދިވެސް ގްރީން ޒޯނަށް ނުދާތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އެއްކޮށްއުވާލުން ރައްކާތެރިނޫންކަމަށް ޑރ.ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ހެލްތު އެކްސްޕަރޓް ޑރ. ޝީނާ މޫސާ ވިދާޅުވީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ބަލިޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުކުރެވިފައިވާކަމަށެވެ. އެހެން ނަމަވެސް ރައްކާތެރި މިންގަނޑެއްގެ ގޮތުގައި ބަލާ ގުޅުންނެތް ކޭސްތައް 20 އިންސައްތައަށްވުރެ އަދި ދަށްވެފައި ނުވާކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ބަލިފެތުރުން ބޮޑުތަނުން މަދުކުރެވޭނީ ހުރިހާއެއްންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯ ލަނބައިގެން ކަމަށާ، ބަލީގެ ޙާލަތު ބަދަލުވަމުންދާ މިންގަނޑަށް ބަލާއިރު، އަދިވެސް ގްރީން ޒޯނަށް ނުދާކަމަށެވެ. އަދި ރައްކާތެރިކުރުމުގެ ފިޔަވަޅުތައްއެޅި ކަމުގައި ވިޔަސް، ކޯވިޑު-19ގެ ކުރިން އުޅުން ގޮތަށް އާންމު ދިރިއުޅުމަށް ދެވޭނީ މިބައްޔަށް ވެކްސިންއެއް ލިބިގެންކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޯވިޑްގެ ތެރޭގައި އަމަލުތައް މިބަހައްޓާ ގޮތާއި ނިއުނޯމަލްގައި މި ދަސްވި އާދަކާދަތަކާއެކު އަދި އެބަޖެހޭ ދުވަސްކޮޅަކަށް ހިފަހައްޓާލަން، ވެކްސިންއެއް ލިބެންދެން. އެއީ ކުރިއަށް އެންމެ ބޮޑަށް ވިސްނާލަންވީކަމަކީ. ޕޮއިންޓަކީ އަދި ސޭފެއް ނޫނޭ، ނަބަރުތައް މަދުވަނީއޭ، ޔޭސް އެއީ ރަނގަޅު ނިޝާނެއް. އެކަމަކު އަދި ރަނގަޅަށް ކޮންޓްރޯލްވަންދެން އެޗްޕީއޭގެ އުސޫލުތަކާއެއްގޮތަށް އުޅެލަން އެބަޖެހޭ" ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ބަލިޖެހޭ މީހުންގެ ނިސްބަތް ގްރީން ޒޯނަށްދާ ހިސާބުން ފިޔަވަޅުތައް އުވާލައިފިނަމަ ބަލިފެތުރެންފަށާނެކަމަށެވެ. އެހެން ނަމަވެސް ގްރީން ޒޯނުގައި ވައިރަސްގެ ދެ އިންކިއުބޭޝަން ޕީރިއަޑް ނިމުމުން ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅޭގޮތުން އެޗްޕީއޭއިން ވިސްނާނެކަމަށެވެ.

އެހިސާބުން ފިޔަވަޅުތަކަށް ލުއިދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެންތޯ ނުވަތަ ދެން އަޅާނީ ކޮންކޮން ފިޔަވަޅުތަކެއްތޯ ބެލިދާނެކަން ފާހަގަކުރައްވަމުން ޑރ. ޝީނާ ވިދާޅުވީ މިހާރުވެސް ރާއްޖޭގައި، ޚާއްސަކޮށް މިބަލި އެންމެ ބޮޑަށް ފެތުރެންފެށި މާލެ ސަރަހައްދުގައި އަޅާފައިވަނީ މާހަރުކަށި ފިޔަވަޅުތަކެއް ނޫންކަމަށެވެ. އެހެންނަމަވެސް އެންމެންގެ އަމަލުތައް އުސޫލުތަކާއެއްގޮތް ނުވުމުގެ ސަބަބަނުން ބަލި ފެތުރުން ކޮންޓްރޯލްކުރެވޭ މުއްދަތު ލަސްވާކަމުގައި ވިދާޅުވިއެވެ.

"މިހާރު ހުރި ފިޔަވަޅުތަކަށް ގިނަ ބޭފުޅުން އަމަލުނުކުރާނަމަ އަޅުގަނޑުމެން ގްރީން ޒޯނަށް ދެވޭނެ ރޭޓުވެސް ކުޑަކޮށް ސްލޯވާހެން ހީވަނީ މިހާރު ޓްރެޖެކްޓްރީ ހުރިގޮތުން ފުރަތަމަ ފިޔަވަޅުތައް އިއުލާންކުރި ދުވަސްވަރު ފުދޭވަރަކަށް ބާރަށް ތިރިވަމުންއައިސް އަނެއްކާ މިހާރު ތިރިވާ ނިސްބަތް ތަންކޮޅެއް މަޑުޖެހިއްޖެ. އެހެންވީމަ އަދިވެސް ހަމަ ހިތްވަރުކޮއްލައިގެން މިހާރުހުރި ފިޔަވަޅުތަކަށް ތަބާވެވިއްޖެޔާ އެގޮތުގައި ދެމިތިބެވޭނެ" ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާގެ މިވާހަކަތަކަށް ބާރުދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ މިހާރު މަޝްވަރާކުރެވިފައިވާ ގޮތުން ކޭސްތައް އަންނަބަދަލުގެ ގިނަ އިންޑިކޭޓާސްތައް ދެ ހަފްތާވަންދެން ގްރީންޒޯނުގައި ހިފެހެއްޓިއްޖަނަމަނޫނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރުލުޔެއް ނުވަތަ ބަދަލުތަކެއް ނުގެންނާނެކަމަށެވެ. ނަމަވެސް އޭގެފަހުން ފިޔަވަޅުތަކަށް މަޑުމަޑުން ލުއިދެމުންދާނެކަމަށާއި ފަހަރަކު ކަމަކަށް ލުއިދިނުމަށްފަހު ފިޔަވަޅުތަކަށް ބަދަލުގެނައުމުގައި އަންނަ ބަދަލަށް ރިޢާޔަތްކުރެވޭނެކަމަށްވެސް އެޗްއީއޯސީގެ ތަރުޖަމާން ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރުން މަދުކުރުމަށް މިހާރު އަޅާފައިވާ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ މާސްކްއެޅުމާއި ރޭގަނޑު 20:00ގެ ފަހުން މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރުމުގެ އިތުރުން ރޭގަނޑު 22:00ގެ ފަހުން އާންމުން ބޭރުގައި އުޅުން މަނާކޮށް އަޅާފައިވާ ފިޔަވަޅެވެ.