ތިމާވެށި

ޤަވާއިދާ ޚިލާފަށް ރުއްގަސް ކެނޑި މައްސަލައިގައި ނަޑެއްލާ ކައުންސިލް ޖޫރިމަނާކޮށްފި


ޤަވާއިދާ ޚިލާފަށް ރުއްގަސް ކެނޑި މައްސަލައެއްގައި ގދ. ނަޑެއްލާ ކައުންސިލު 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ވިދާޅުވީ، ނަޑެއްލާ ކައުންސިލް ޖޫރިމަނާކުރަން ނިންމީ އީ.ޕީ.އީގެ ހުއްދަނެތި ނަޑެއްލާ ކައުންސިލުން އެރަށުގެ ވަށައިގެން މަގެއް ހެދުމަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނަގާފައިވާކަން އެ އެޖެންސީ ބެލި ބެލުމުން ފާހަގަކުރެވިފައިވާތީކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޖުމްލަ 20،000 ދިވެހި ރުފިޔާއިން ގދ. ނަޑެއްލާ ކައުންސިލް ޖޫރިމަނާކޮށްފައިވާކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ.

އީ.ޕީ.އޭއިން ވަނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ ދެއްކުމަށްވެސް ނަޑެއްލާ ކައުންސިލަށް އަންގަވާފައެވެ.