ވިޔަފާރި

ކޯވިޑް 19ގެ ހާލަތާއި ގުޅިގެން މިއަހަރު މަންތާ ފެސްޓިވަލް ނުބާއްވަން ނިންމައިފި


2018 ވަނަ އަހަރުން ފެށިގެން ބ.އަތޮޅުގައި ބާއްވަމުން އަންނަ މަންތާ ފެސްޓިވަލް މިއަހަރު ނުބާއްވަން ނިންމައިފިއެވެ.

ބ.އަތޮޅު ބަޔޯސް ފިއަރ ރިޒާވް އޮފީހާ، މަޑީގެ ނަސްލު ދެނެގަތުމަށް މަސައްކަތް ކުރާ އިނގިރޭސި ވިލާތުގެ ޖަމްއިއްޔާއެއް ކަމަށްވާ މަންތާ ޓްރަސްޓް އާއި ގުޅިިގެން ބާއްވަމުން އަންނަ މަންތާ ފެސްޓިވަލް މިއަހަރު ނުބާއްވަން ނިންމީ ކޯވިޑް 19 ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.

ބ.އަތޮޅު ބަޔޯސްފިއަރ ރިސާވް އޮފީހުން ބުނީ އަންނަ އަހަރު މަންތާ ފެސްޓިވަލް ބާއްވާނީ ވޯލްޑް މަންތާ ޑޭ އާއި ގުޅުވައިގެން ކަމަށެވެ. އެންމެ ފުރަތަމަ މަންތާ ފެސްޓިވަލް ބާއްވާފައި ވަނީ ދަރަވަންދޫގައެވެ. ދެވަނަ ފެސްޓިވަލް އޭދަފުށީގައި ބާއްވާފައިވާއިރު، މި އަންނަ އަހަރު މިފެސްޓިވަލް ބާއްވާނެ ވަކި ރަށެއް އަދި ކަނޑައެއްނާޅައެވެ.

މަންތާ ފެސްޓިވަލަކީ، ރާއްޖޭގެ ކަނޑުގެ ދިރުމުގެ މުއްސަދިކަމާއި، މި މުއްސަދިކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ފައިދާތައް އާންމުންނަށާއި، ސުކޫލް ތަކުގެ ދަރިވަރުންނަށް ކިޔައިދީ ހޭލުންތެރި ކުރުމުގެ ބޭނުމުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. އަދި ވަކިން ހާއްސަކޮށް ބ.އަތޮޅުގައި ހިމާޔަތްކޮށް ބަލަހައްޓަމުން ގެންދާ ތަންތަނުގެ މައުލޫމާތާއި އެތަންތަން ބެލެހެއްޓުމުގައި ކުރަމުން ގެންދާ މަސައްކަތްތައް މިފެސްޓިވަލްގެ ތެރެއިން އާންމުންނަށް އަންގައިދޭނެއެވެ.

ބ.އަތޮޅަކީ ރާއްޖޭގައި އޮތްހަމައެކަނި ބަޔޯސް ފިއަރ ރިޒާވް އަތޮޅެވެ.