ޚަބަރު

ކޯވިޑް-19ގެ ތަޖުރިބާ : "އައިސޮލޭޝަނަކީ ޗުއްޓީއެއް ނޫން، ހާސްވުމާއި ނުތަނަވަސްކަން"


މުޅި ދުނިޔޭގެ ހިންގުން ހުއްޓުވާލި ކޯވިޑް-19އާ ގުޅޭ މަޢުލޫމާތާއި ޚަބަރު ޢާއްމުންނާ ހަމައަށް ގެނެސްދިނުމުގައި ފާއިތުވެދިޔަ 8 މަސްދުވަހު އަޅުގަނޑު މަސައްކަތްކުރިއިރު އެއްވެސް ވަރަކަށް ވިސްނުން ހިންގާލެވިފައި ނެތީ މިބައްޔަށް އަޅުގަނޑު ޕޮޒިޓިވްވާ ހިސާބުން ވާނެގޮތަކާ މެދުގައެވެ.

މިދިޔަ އޯގަސްޓް މަހުގެ 31ވަނަ ދުވަހުން ފެށިގެން ކަރުގައި ރިއްސައި ހުން އައުމުން ފްލޫ ކްލިނިކަށް ދައްކައި ކޯވިޑް-19އަށް އަޅުގަނޑު ކުރި ޓެސްޓުގެ ނަތީޖާއާއެކު ކޯވިޑް-19ގެ ޙާލަތުގެ އަޅުގަނޑުގެ އެންމެ ހިތި ތަޖުރިބާ ކުރަންޖެހުނެވެ. އެންމެ ފުރަތަމަވެސް ހިތަށް އެރީ އަޅުގަނޑުގެ ސަބަބުން މިބައްޔަށް މީހަކު ޕޮޒިޓިވްވެއްޖެނަމަ ހަދާނެ ގޮތެކެވެ. އެއީ ދަންނަވަން ނޭނގޭ އިޙްސާސްތަކެއްވި، އަދި އަމިއްލަ ނަފްސު ކުށްވެރިކުރެވުނު ދަނޑިވަޅެކެވެ. މިއީ އެތައް ސަބަބުތަކާހެދި މީހާ ނަފްސާނީ ގޮތުން ބަލިކަށިކޮށްލާ ބަލީގެ ނުރައްކާ ބޮޑުވެއްޖެނަމަ ފުރާނައަށް ނުރައްކާވާ ބައްޔެއްކަމާއި އޭގެ ހަގީގަތް އެނގިހުރެ ބައްޔަށް ޕޮޒިޓިވްވުމުން ކުރެވުނީ ބިރުވެރި އިހުސާސެކެވެ.

އަޅުގަނޑަކީ ދަތުރުކުރުމާއި ރަށްރަށަށް ދިޔުމަށް ވަރަށްބޮޑަށް ޝައުޤުވެރިވާ މީހަކަށްވިޔަސް މި ސެޕްޓެމްބަރު 2ވަނަ ދުވަހު ފަން އައިލެންޑު ރިސޯޓުގައި ޤާއިމުކޮށްފައިވާ ކޯވިޑް-19ގެ އައިސޮލޭޝަން ފެސިލިޓީއަށް އަޅުގަނޑު ދިޔައީ މީގެކުރިން ދަތުރަކު ފުރަންވުމުން ދުވަހަކުވެސް ނުވާވަރުގެ ނުތަނަވަސް ހިތަކާއެކުއެވެ.

ޢާއްމުގޮތެއްގައި ކޯވިޑް-19 ފެސިލިޓީތަކުގައި ޚިދުމަތް ހުންނަ ގޮތާމެދު މީހުންކުރާ ޝަކުވާވެސް އަޅުގަނޑަށް ވަރަށް ގާތުން އަޑުއިވިފައި ހުރުމުން އެކަނިގޮސް އެފަދަ ތަނެއްގައި ގޮތްނޭނގޭ ބައްޔަކާއެކު އުޅޭނެ ގޮތާމެދު ވަރަށްބޮޑަށް ފިކުރުކުރެވުނެވެ. އަޅުގަނޑާ ޑައިރެކްޓް ކޮންޓެކްޓުވީ މީހުންގެ ނަތީޖާ ލިބޭނެ ގޮތާމެދުވެސް ވަރަށް ވިސްނުނެވެ.

އެހެންނަމަވެސް ފަން އައިލެންޑުގައި ޚިދުމަތްތައް އަޅުގަނޑަށް އަޑުއިވުނު ވާހަކަތަކަށްވުރެ މާބޮޑަށްވެސް ރަނގަޅެވެ. ކެއުމުގެ ކަންކަން އިންތިޒާމުކޮށް ގަޑިން ގަޑިއަށް ޚާއްސަ މެނޫތަކަކަށް ކާއެއްޗިހި ގެނެސްދެއެވެ. އަޅުގަނޑުގެ ކަރުތެރެ ހަލާކުވެފައި ހުރުމާއެކު ކުޅިކޮށްކާން ދަތިވުމުން ކުޅިމަޑުކޮށްvެސް ކާއެއްޗިހި ގެނެސްދިނެވެ.

އައިސޮލޭޝަންގައި ހުރިއިރު އެންމެ ފާހަގަކުރެވުނީ ފަން އައިލެންޑުގައިހުރި މެޑިކަލް ފެސިލިޓީގެ މުވައްޒަފުންގެ ޚިދުމަތެވެ. ކޮންމެ ދުވަހަކުވެސް ހާލު ބަލަން ގުޅައި ހުން ހުރިނަމަ ވައިޓްލްސް ބަލަން މެޑިކަލް ރޫމަށް ގަވާއިދުން ގެންގޮސް ހެދިއެވެ. އަދި ހާސްވެ ކަންބޮޑުވުމުގެ ވަގުތުތަކުގައި އައިޖީއެމްއެޗްގެ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ޚާއްސަ އެހީތެރިކަމާއެކު އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

އައިސޮލޭޝަންގައި އެންމެ ހިތްދަތިކަމަކަށްވީ އެކަނިވެރިކަމުގެ އިހުސާސެވެ. މިއީ ރިސޯޓެއްގެ ކޮޓަރިއަކަސް އެތަނުގެ ވެރެންޑަރއިން ބޭރަށް ދިޔުމުގެ ހުއްދައެއް ނޯވެއެވެ. އަދި އެގަވާއިދާ ޚިލާފުވެއްޖެނަމަ ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ފުލުހުންނަށް އޮވެއެވެ. އެހެންކަމުން އެކަނިވެރިކަމުގެ ނުތަނަވަސްކަން ކުޑަކުރަން ވަރަށް މަސައްކަތްކުރަންޖެހުނެވެ.

ފޯނާއި ޓީވީގެ ހިދުމަތް ލިބެން ހުރުމުން ފޫހި ނުވެ 14 ދުވަސް ގުނާލެވިދާނެކަމަށް ހީކުރާ މީހުން ވަރަށް ގިނައެވެ. އަޅުގަނޑުވެސް ފުރަތަމަ އެހެން ހިތައް އެރިއެވެ. އެތަނުގައި ކާގަޑިތަކުގައި ކާލައިގެން ނިދާލާ ދަންނަ މީހުންނާއި ގުޅާލާ ފޯނުން ފޭސްބުކާއި އެހެންނިހެން އެފްތައް ބޭނުން ކޮށްލުމުން ދުވަސް އިސާހިތަކު ހިގައިދާނެ އޭހީކުރެވުނެވެ. ނޫނެކެވެ. މި ހުރިހާކަމެއް ކުރި ނަމަވެސް ބާކީވެސް އަދި ކޮންމެ ދުވަހަކު 24 ގަޑިއިރު އޮންނަހެން ހީވެއެވެ. 14 ދުވަސް މަސްދުވަހަށް ވުރެ ދިގެވެ. އެކަނިމާއެކަނި އިންނަޖެހުމުންނާއި އެހެން މީހަކު އާއްމުކޮށް ނުފެނުނުމުން ކުރެވޭ އިހްސާސްތަކާއި ވިސްނުންތައް އިތުރުވެގެންދިޔައެވެ. ބޮލުގެ ތެރޭގައި އެތައް ހާސް ވާހަކައެއް ހިނގާ ހިތްނުތަވަނަސް ކަން ބޮޑެވެއެވެ.

ހިތަށް ހަމަޖެހުމެއް ގެނައުމަށް ނަމާދުކޮށް ޤުރްއާން ކިޔަވައި، ފޮތް ކިޔުމާއި ފިލްމު ބަލާލުންފަދަ ކަންކަމުގެއިތުރުން މިމުއްދަތުގެ ތެރޭގައި ކާން ގެނައި ބައެއް މޭވާގެ އޮށް އިންދައި އެއަށް ފެންދިނުންފަދަ ކަންކަން ކުރީމެވެ.

އެކަނި މިހެން ތަނެއްގައި ހުރުމަކީ ބުނެލަން ފަސޭހަ އެހެންނަމަވެސް އިންތިހާއަށް ނުތަނަވަސްކަން ވެރިވެ ހިތްދަތިވި ކަމެކެވެ. މިދުވަސްތަކުގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައީ އަޅުގަނޑުގެ ހާލުބަލަން ގުޅި އެކިމީހުންގެ ސަބަބުންނެވެ. ވަކިން ޚާއްސަކޮށް ކޮންމެ ދުވަހަކު ޙާލުބަލަން ގުޅާ މެސެޖުކުރި ޢާއިލާއާއި ރައްޓެހިންނާއި އޮފީހުގައި އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަބަބުން ޕޮޒިޓިވް ވިސްނުމެއްގައި ހުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ.

އަޅުގަނޑުގެ ކޯވިޑް-19ގެ ތަޖުރިބާއަކީ ނޫސްވެރިއެއްގެ ގޮތުގައިވެސް އަދި ދަރިވަރެއްގެ ޙައިސިއްޔަތުންވެސް އަޅުގަނޑަށް ލިބުނު ތަފާތު ތަޖުރިބާއެކެވެ. އައިސޮލޭޓްކޮށް ދުވަސްތައް ގުނަން ފެށި ހިސާބުން ސިމްޓަމްސްތައް ރަނގަޅުވާން ފެށުމުން މަސައްކަތްކޮށް ކިޔެވުންވެސް ކުރިއަށް ގެންދިޔައީމެވެ. ރަށުން ބޭރަށް ގޮސް މީގެކުރިން މަސައްކަތް ކުރިނަމަވެސް މުޅި ދުނިޔެ އެބައްޔަކާ ހަނގުރާމަކުރަމުން އަންނަ ކޯވިޑް-19އަށް ޕޮޒިޓިވްވެ އެކަހެރިކޮށްފައި ހުރެ މަސައްކަތްކުރުންވީ ތަފާތު ތަޖުރިބާއަކަށެވެ.

އެޗްއީއޯސީ ޕްރެސްކޮންފަރެންސްއަށް ވަނުމާއި އޮންލައިން ކްލާސްތަކަށް ވަނުން ވެގެންދިޔައީ ވަރަށްވެސް ތަފާތުކަމަކަށެވެ.

އައިސޮލޭޝަންގައި ހޭދަކުރި ދުވަސްތަކުގައި ވަރަށް ގިނަ ކަންކަމާ ވިސްނާ ފިކުރު ކުރެވުނެވެ. އެގޮތުން އަޅުގަނޑުގެ ކިބައިގައި ބަލީގެ ޢަލާމާތްތައް އެހާ ބޮޑު ނޫންއިރު އަދި ބައްޔާ ގުޅިގެން މާބޮޑުވަރު ނުވިނަމަވެސް އަޅުގަނޑަށް އެކަނި ހުންނަންވުމުން ކުރެވުނު އިހުސާސްތަކާމެދު ވިސްނާލެވުނެވެ. އެކަނި މާއެކަނި އައިސޮލޭޝަން ފެސިލިޓީތަކުގައި މިބައްޔަށް ފަރުވާ ހޯދަމުންދާ އުމުރުން ދުވަސްވީ މީހުންނާއި ބަލީގައި ބޮޑުވަރުވާ މީހުންހެ ޙާލާމެދު ފިކުރުކުރެވުނެވެ.

ކޯވިޑް ބަލިޖެހިގެން އައިސޮލޭޝަންއަށް ދާނަމަ ޢާއްމުކޮށް ބޭނުންކުރާ ޒަރޫރީ ތަކެއްޗާ ވަކިއެއްޗެއް ކެއުމުގައި ބޭނުންކުރާނަމަ އެފަދަ އެއްޗިއްސާއި ޑޮކްޓަރެއްގެ ލަފައާއި އިރުޝާދާއެކު ބޭސް ގެނައުމަކީ ވަރަށް މުހިއްމުކަމެކެވެ.

އަޅުގަނޑު އައިސޮލޭޓްކޮށްފައިހުރީ ރާއްޖޭގެ ރީތިކަން ފެންނަ ރިސޯޓެއްގައިނަމަވެސް އެއީ އެއްގޮތަކަށްވެސް އަޅުގަނޑު ކުރަން ބޭނުންވި ދަތުރެއް ނޫނެވެ. ހިތަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބުނު ދަތުރެއްވެސް ނޫނެވެ. ހިތްދަތި އުނދަގޫ ދަތުރެކެވެ. ދެންދުވަހަކުވެސް އެފަދަ ތަޖުރިބާއެއް ކުރަން ނޭދޭ ދަތުރެކެވެ. އަޅުގަނޑު އެދެނީ މިފަދަ ހިތްދަތި ދުވަސްތަކެއް އެހެން މީހަކު ތަޖުރިބާކުރަން ނުޖެހުމެވެ.

މިބަލި ހުއްޓުވޭނީ އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެންނެވެ. ކަމާބެހޭ ފަރާތްތަކުން ދެއްވާ ނަސޭޙަތް އަޑުއަހައިގެނެވެ. މިބަލި ހުއްޓުވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންނެވެ. މިހަޤީޤަތް މިއަދު ދުނިޔޭގެ އެކި ހިސާބުތަކުން މިދަނީ ފެނި ތަޖުރިބާ ކުރަމުންނެވެ. އަޅުގަނޑުމެންނަށް މިކަން ވާނެއެވެ.