ތަރައްްޤީ

ޅ. ކުރެންދޫ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމާ ޓެސްޓްކޮށްފި


ޅ. ކުރެންދޫގައި ޤާއިމުކުރަމުންދާ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމައި، ކޮމިޝަން ކުރުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއްޖެއެވެ.

ކުރެންދޫ ނަރުދަމާ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތްކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާއި، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ޓީމުންނެވެ. މިއީ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ރަށުގެ ރައްޔިތުން ބޭނުންކުރުމަށް ސަރުކާރާއި ޙަވާލުކުރުމުގެ ކުރިން ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ޓެސްޓްކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތެއްކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.

ކުރެންދޫގައި ނަރުދަމާ ނިޒާމް ޤާއިމުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން 6000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކާއި، 720 މީޓަރުގެ ޕަންޕިން ލައިން އަދި 2 ޕަންޕިންގ ސޭޓްޝަން ވަނީ ޤާއިމުކޮށްފައެވެ. އަދި ސީ އައުޓް ފޯލް އަޅާ، އިދާރީ މަސައްކަތްތަކަށް ޚާއްސަ އިމާރާތެއްވެސް އެ ރަށުގައި ވަނީ ތަރައްޤީކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ 366 ގެއެއްގައި ޖަންކްޝަން ބަހައްޓާ، އެ ގެތަކަށް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅާފައެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި، ވެހިކަލްވެސް ފޯރުކޮށްދީފައިވެއެވެ.

މި މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 29 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ކުރެންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.