ޚަބަރު

ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާއާއިގުޅޭ ދެ މައްސަލައެއްގެ ތަހުޤީޤު ކުރަމުންދޭ: ފުލުހުން


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތަކުގައި ހުރި ފައިސާތަކާއި ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް ދައުލަތުން އެދިފައިވާ މައްސަލައިގެ ފަހު އަޑު އެހުމުގައި އެމައްސަލަ ބައްލަވާ ފަޑިޔާރުންގެ ބެންޗުންވަނީ ގިނަ ސުވާލުތަކެއް ދައުލަތަށާއި، ފުލުހުންނަށާއި، އަދި ދައުވާ ރައްދުވާ ފަރާތުގައިވެސް ކޮށްފައެވެ.

މި މައްސަލަބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ޙުޞްނުއްސުއޫދު ވަނީ ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާތަކުގެ މައްސަލަ ތަހުޤީޤު ކުރަމުންދޭތޯ ސުވާލު ކުރައްވާފައެވެ. މިކަމުގައި ފުލުހުން ވިދާޅުވީ ރައީސް ޔާމީންގެ އަށް އެކައުޓެއްގައި ހުރި ފައިސާތަކާއި ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުގީގް ކުރަމުންދާކަމަށެވެ. ނަމަވެސް އެއީ ކޮން ދެ މައްސަލައަކާއި ގުޅުންހުރި ފައިސާތަކެއް ކަމެއް ފުލުހުން ވިދާޅު ވެފައި ނުވެއެވެ.

ފުލުހުންގެ މިވާހަތަކާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ފުލުހުން އެހެން ވިދާޅުވި ނަމަވެސް އެއްވެސް ބޭންކެއްގައި ހުރި އެމަނިކުފާނުގެ ފައިސާތަކާއި ގުޅޭ ތަހުގީގެއް ނުކުރައްވާކަމަށެވެ. ނަމަވެސް ފުލުހުން ވަކި މައްސަލައަކާއި ގުޅިގެން ވަރަށް ޖެނެރަލް ތަހުގީގެއް ހިންގަމުންދާކަމަށާއި، ވަކި ކަމާއި ގުޅިގެން އެއްވެސް އެކައުންޓެއްގައި ހުރި ފައިސާގެ ތަހުގީގެއް ފުލުހުން ހިންގަމުން ނުދާކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ ދައުލަތުގެ ވަކީލުންނާއި އަދި މިމައްސަލަ ތަޙުޤީގުކުރި އިންވެސްޓިގޭޝަން އޮފިސަރުންނާއިވެސް ސުވާލުކުރައްވާފައެވެ. އެގޮތުން ޝަރީއަތާއި ހިއްސާކުރެއްވި މައުލޫމާތުން ހިފަހައްޓަން ބޭނުންވާ ފައިސާ ނުވަތަ ދައުލަތަށް ލިބެންޖެހޭކަމަށް ތުހުމަތުކުރެވިފައިވާ ފައިސާއަކީ އެއް މިލިއަން ޑޮލަރުކަން ޔަގީންވެފައިވާއިރު އެއަށްވުރެ ބޮޑު އަދަދެއް ފްރީޒްކުރަން އެދުނީ ކީއްވެތޯވެސް ފަނޑިޔާރު ޙުސްނުއްސޫޢޫދު ވަނީ ސުވާލު އުފައްދަވާފައެވެ.

މިއަދުގެ އަޑުއެހުމުގައިވެސް މިމައްސަލާގައި ދަޢުލަތާއި މައްސަލަ ރައްދުވާ ފަރާތުން އިސްތިއުނާފާއި ގުޅޭ ނުކުތާތައް ހާމަކުރެއްވުމުން މައްސަލަބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ޙުޞްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަަދު ވަނީ ދަޢުލަތަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ. މިއަދުގެ އަޑު އެހުމަށްފަހު ދެން މިމައްސަލާގައި އޮންނާނީ ހުކުމް ކުރާ އަޑުއެހުމެވެ.