ޚަބަރު

ފެނަކައިގެ ބޭނުންކުރާ ހަރުމުދަލުގެ އަގު 2 ބިލިއަން ރުފިޔާގައި


ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ހަރުމުދަލުގެ އަގު ދެބިލިއަން ރުފިޔާއަށްވުރެ ބޮޑުކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ، އޭޑީބީގެ އެހީއާއިއެކު ފެނަކައިގެ ވަޞީލަތްތައް އަގުމަގުކުރުމަށް އެމިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސެއިން ރަޝީދު ޙަސަންއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ ފެނަކަ ކުންފުނި އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރުމަށް ކުންފުނީގައި ހުރި ހަރުމުދަލުގެ އަގު ދެނެގަތުމަކީ މުހިއްމު ކަމެއްކަމަށެވެ. އެގޮތުން ބޭރުގެ އެހީތެރިކަމަށް އެދޭއިރުގަޔާއި ލޯނު ހަމަޖެއްސުމަށް ކުންފުނީގެ މާލީ ޙާލަތު އެނގެންޖެހޭކަމަށެވެ. އަދި އެކުންފުނި އުފައްދައި ރާއްޖޭގެ ޔޫޓިލިޓީގެ ޚިދުމަތްތައް ފެނައިގެ ދަށަށް ބަދަލުކޮށްފައިވާއިރު މިދިޔަ 8 އަހަރުތެރޭގައި އެކުންފުނީގައި ހުރީ ކިހާ މުދަލެއްކަމެއް އެނގެން ނެތްކަމަށެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީއާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ފެނަކަ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ހަރުމުދަލުގެ އަގުމަގުކޮށް ނިންމާލާފައިވާއިރު ކަރަންޓު ޚިދުމަތްދިނުމަށް ބޭނުންކުރާ އެކުންފުނީގެ ހަރުމުދަލުގެ އަގު 2.1 ބިލިއަނަށްވުރެ މައްޗެެވެ. ފެނަކައިގެ ހަރުމުދާ އަގުމަގުކޮށް ނިންމުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ މިމަސައްކަތް ނިމުމާއިއެކު ފެނަކައަށް ތަރައްޤީގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

"ފެނަކައިގެ އެސެޓް ވެލިއު އިނގެން ނެތުމުން ކުންފުނި ހަރުދަނާކުރުމަށް ލޯނުދޭ ފަރާތްތަކުން ލޯނުދިނުމުގައި ގޮންޖެހުން އެބަކުރިމަތިވޭ. މިނިމިގެންދިޔައީ ފެނަކައިގެ ކުރިއެރުމަށް މުހިއްމު މަސައްކަތެއް. މިހާހިސާބުން ފެނަކަ ކުންފުނިން އެދޭ އެހީތަކާއި ލޯނުގެ ފުރުސަތުތަށް ހަމަޖެހުމަށް ހުރި ދަތިތައް ހައްލުވެގެންދާނެ." މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، މިހާރު އަގުމަގުކޮށް ނިމިފައިވަނީ އެކުންފުނީގެ ފަރާތުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ މުދަލުގެ އަގުކަމަށާއި ކުރިއަށް އޮތް 6 ވަރަކަށް މަހުގެ ތެރޭގައި އެކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމުގައި ބޭނުންކުރާ މުދަލުގެ އަގުދެނެގަތުމުގެ މަސައްކަތްނިމޭނެކަމަށެވެ.

"މިސަރުކާރުން ޙަވާލުވިއިރު ފެނަކައިގެ ހުރި މުދަލުގެ އަގެއް ނޭނގެ. އެކަން ކުރުމަށް ބަޔަކާ ޙަވާލުކޮށްފައި އޮތްނަމަވެސް އެކަން ކުރިއަކަށް ނުދޭ. ކުންފުނީގައި ހުރީ ކޯޗެއްކަމެއް ނެތީ ކޯޗެއްކަމެއް އިނގޭކަށް ނެތް. މިއަދު ފެނިގެން މިދިޔައީ ފެނަކައިގައި ހުރި މުދަލާއި އޭގެ އަގު ކަރުދާސްކުރެވި ލިޔެކިޔުމަށް ބަދަލުވެގެންދިޔަތަން." ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.

މިއާއިއެކު ފެނަކައަށް ބޮޑެތި ޕްރޮޖެކްޓްސް ލިބޭނެކަމުގެ އުއްމީދު ބޮޑުވެފައިވާކަމަށް ފެނަކައިން ހާމަކުރައްވައެވެ. ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގައި މީހުން ދިރިއުޅޭ 152 ރަށަކަށް ކަރަންޓުގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ރާއްޖޭގެ ޔޫޓިލިޓީގެ ޚިދުމަތްތައް 7 ޒޯނަކަށް ބަލާހައިގެން 2009 ވަނަ އަހަރު ފެށިނަމަވެސް މި ހަތް ޒޯން ބެލެހެއްޓުމަށް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފައި ވަނީ 2012 ވަނަ އަހަރުގައެވެ.

ރާއްޖެއަކީ ކަރަންޓުގެ ޚިދުމަތްދިނުމަށް ބޮޑު ހޭދައެއް ކުރާ ޤައުމެކެވެ. ތެޔޮ އަންދައިގެން ހަކަތަ އުފެއްދުމުން ކުރާ ހޭދަ ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކަށް މިދިޔަ އަހަރުވެސް ސަރުކާރުންވަނީ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ހަކަތާއިގެ ހަތްދިހަ އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.