ވިޔަފާރި

ސަޤާފީ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ސަޤާފީ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއި ހެރިޓޭޖް މިނިސްޓްރީން މަޝްވަރާކުރައްވައިފިއެވެ.

ވަރޗުއަލްކޮށް އިއްޔެ ބޭއްވި މަޝްވަރާގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއާއި މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި ދެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއިން ވިދާޅުވީ، މި ބައްދަލުވުމުގައި އާ އާންމު ހާލަތުގައި ފަތުރުވެރިކަން އަލުން ހުޅުވިގެންދާއިރު، ސަގާފީ ފަތުރުވެރިކަން ފުޅާކުރުމާއި ގުޅެގޮތުން މަޝްވަރާކުރެއްވިކަމަށެވެ. މީގެ އިތުރުން ފަންނާނުންނަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާއި ގުޅެގޮތުންވެސް މިނިސްޓަރ ޔުމްނާ ވަނީ ޓޫރިޒަމް މިނިސްޓަރާއި މަޝްވަރާކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ކަލްޗަރަލް އަދި އެކޯޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމަށް އެ މިނިސްޓްރީން ބޭނުންވާކަމަށާއި މިކަމުގައި އެ މިނިސްޓްރީން ދެވެންއޮތް އެއްބާރުލުމެއް ދޭނެކަމަށެވެ. އަދި ކަލްޗަރަލް ޓޫރިޒަމް ފުޅާކޮށް ވަކިވަކި ރަށްރަށަށް ފަތުރުވެރިކަމުގެ ސަބަބުން ލިބޭ މަންފާ އިތުރުކުރުމަކީވެސް ޓޫރިޒަމް މިނިސްޓްރީން ބޭނުންވާކަމެއްކަމަށް ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން މީގެކުރިންވެސް ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ޘަޤާފަތާއި އާދަކާދަ އިޝްތިހާރުކުރުމަށްޓަކައި ކަލްޗަރަލް ޓުރިޒަމްގެ ދާއިރާއިން މާކެޓިންގ ހަރަކާތްތަކެއް ކުރިއަށްގެންދިއުމާއި ސްޕޯޓްސް ޓޫރިޒަމް އަދި މައިސް ޓޫރިޒަމްގެ ދާއިރާއިން ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސް ކޯވިޑް19ގެ ސަބަބުން މި މަސައްކަތައް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް ވަނީ އައިސްފައެވެ.