ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ އިތުރު ބޭސް ފިހާރައެއް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވައިފިއެވެ. މި ބޭސް ފިހާރަވެސް ހުންނަނީ ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރީގައެވެ.
އެސްޓީއޯއިން ވިދާޅުވީ، މި ބޭސް ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯއިން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
އެސްޓީއޯއިން ވިދާޅުވީ، އެ ކުންފުނިން ހުޅުމާލޭގައި ހުޅުވި ބޭސް ފިހާރަ "އެސްޓީއޯ ފާމަސީ ސެންޓްރަލް"އިން މިހާރު ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މި ބޭސް ފިހާރައަކީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހާމަކުރެއްވި ގޮތަށް ކުރިން އެސްޓީއޯ ސްމާޓް ސްޓޯރ ހިންގަމުން އައި ތަނުގައި ޤާއިމްކުރެވިފައިވާ ފާމަސީއެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެސްޓީއޯގެ އެހެނިހެން ބޭސް ފިހާރަތަކެކޭ އެއްފަދައިން، މި ބޭސް ފިހާރައިންވެސް ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒަރ ފަދަ ތަކެތި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މިބޭސް ފިހާރަ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 މެންދަމު 12:00 ހަމައަށެވެ.
އެސްޓީއޯއިން ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްދުމަށްކަމަށެވެ. އެގޮތުން އެސްޓީއޯއިން މިހާރުވެސް ދަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލު ކައިރީގައި ބޭސް ފިހާރައެއް ހިންގަމުންނެވެ.