ވިޔަފާރި

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނޮވެމްބަރުމަހު ހުޅުވުމުގެ އުއްމީދު އެބައޮތް: މިނިސްޓަރ

ކޯވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް 5 އިންސައްތައަށްވުރެ ދަށްވެއްޖެނަމަ މާލެ ސަރަހައްދުގެ ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަން ނޮވެމްބަރުމަހު ހުޅުވުމުގެ އުއްމީދު ބޮޑުކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ ހޮޓެލް، ގެސްޓްހައުސް އަދި ޓޫރިސްޓް ފެސިލިޓީތައް ނޮވެމްބަރުމަހުގެ ކުރީކޮޅު ހުޅުވޭނެކަމަށް އުންމީދުކުރާކަމަށެވެ. މިކަން ކުރުމަށް ބޭނުންވަނީ ކޯވިޑް19އަށް ފޮޒިޓިވްވާ މީހުންގެ އިންސައްތަ 5 އިންސައްތައަށް ނާރުވާ ވިދިވިދިގެން 2 ހަފްތާ ހިފަހައްޓާލުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ އެންމެން ގުޅިގެން ކުރެވިދާނެކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި ކޯވިޑް19 ހަލުވިކަމާއިއެކު އަންނަނީ ފެތުރެމުންނެވެ. ރާއްޖޭގައި މިހާރު ކޯވިޑް19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 9400 އަށްވުރެ މައްޗަށް އަރާފައެވެ. މީގެތެރެއިން ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ.

ރާއްޖޭގައި ކޯވިޑް19 ފެތުރެމުންދާ ގޮތައް ބަލައި އަންނަ މަހުގެ 15 ވަނަ ދުވަހު އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. މިކަމާއި ގުޅެގޮތުން ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާއި ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައްވެސް އޮޅުންފިލުވާފައެވެ.