ކޯވިޑް-19

ޕާޓީތަކާއި، އެއްވުންތައް ބާއްވާ ފަރާތްތަކުގެ މަޢުލޫމާތު އެޗް.އީ.އޯ.ސީއާއި ހިއްސާކުރުމަށް އެދިއްޖެ


މިދުވަސްވަރު ޕާޓީ ހަފްލާތަކާއި، އެކި ކަހަލަ އެއްވުންތައް ބާއްވާ ފަރާތްތަކުގެ މަޢުލޫމާތު ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރާއި ހިއްސާކޮށްދެއްވުމަށް އެ ސެންޓަރުން އެދިއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިންފަހުން، ވަކިން ޚާއްސަކޮށް މާލޭ ސަރަޙައްދުގައި އެކިކަހަލަ ޕާޓީތަކާއި، އެއްވުންތައް ބާއްވާ މިންވަރު ވަނީ އިތުރުވެފައެވެ.

އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިދަނޑިވަޅުގައި އެއްވުންތައް ބާއްވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗް.ޕީ.އޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޕާޓީތަކާއި އެކި ކަހަލަ އެއްވުންތަކަށް ދާ މީހުންނާމެދު ހަރުކަށި ފިޔަވަޅުތަކެއްއެޅިނަމަވެސް، ރާއްޖޭގައި އެފަދަ މީހުންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުން އަދި އެ ސެންޓަރުން ނުގެންގުޅޭކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި، މުޖުތަމަޢުގެ ތެރެއިން ފެންނަކަންކަމާމެދު އެޗް.އީ.އޯ.ސީގެ ތެރޭގައި މަޝްވަރާކުރަމުންދާކަމަށާއި، ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާގުޅޭގޮތުންވެސް ކޮންމެ ދުވަހަކު މަޝްވަރާކުރަމުންދާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މި ޙާލަތުގައި ބޮޑެތި އެއްވުންތައް ނުބޭއްވުމަށް އަންގާފައިވަނިކޮށްވެސް ބައެއް ފަރާތްތަކުން އެފަދަ ކަންކަން ކުރިނަމަވެސް، ޕާޓީތަކާއި އެއްވުންތަކަށް ދާ މީހެއްގެވެސް ފަރުދީ ޒިންމާއެއް އޮންނަކަން ހަނދާނުގައި ބަހައްޓާ، ބަލިފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް އެފަދަ ތަންތަނަށް ނުދިއުމަކީ އެއީ ފިޔަވަޅުތަކެއް ނޭޅިނަމަވެސް ކޮންމެ ފަރުދަކަށްވެސް ކުރެވިދާނެކަމެއްކަމަށެވެ. އަދި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްވުރެ އަދިވެސް ބޮޑަށް އިސްކަންދޭނީ އާއްމުންނަށް ބަލީގެ ނުރައްކާ ވިސްނައިދީގެން ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ދެ ފަރާތުންވެސް އެއްބަސްވެގެން މިފަދަ އެއްވުންތަކެއް މި ބާއްވަނީ. މާނައަކީ އެއްވުން ނުވަތަ ޕާޓީ ބާއްވާ މީހަކާއި، އެތަނަކަށް ދާ މީހުން. އެ ދެ ފަރާތުގެވެސް ސަޕޯޓާއެކު ހަޤީޤަތުގައި ބޮޑު ގެދަރިންގއެއް ހިނގާނީ. އޭގައި ޕާޓީދޭ މީހާ އެކަންޏެއްނޫން ކުށްވެރިވާނީކީވެސް. އެހެން ޤައުމުތަކުގައި އެކަން މަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ. ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އެ ހިސާބަށް ނުގޮސް، އަދިވެސް އާއްމުންނަށް މި ބަލީގެ ނުރައްކާ ވިސްނައިދީގެން ކޮންޓްރޯލްކުރަން" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ޕާޓީތަކާއި އެއްވުންތައް އިންތިޒާމްކުރާ މީހުންނާއި، އެތަންތަނަށް ދާ މީހުންނާއިމެދު އަދި ފިޔަވަޅުތަކެއް ނޭޅިނަމަވެސް، އެފަދަކަމެއް ހިނގާނަމަ އެކަން އެޗް.އީ.އޯ.ސީއާއި ހިއްސާކުރުމަކީ އެ ސެންޓަރުން އެދޭކަމެއްކަމަށެވެ. އަދި މިހާރު ހުރި ފިޔަވަޅުތައް އިތުރަށް މުރާޖާކޮށް ހަރުކަށިކުރަން ޖެހިއްޖެ ހާލަތެއްގައިވެސް އެފަދަ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް އަޅާނެ ފިޔަވަޅުތަކުގެ ކުޑަބޮޑުމިން ކަނޑައެޅުމަށް އޭރުން ފަސޭހަވެގެންދާނެކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ޕަބްލިކްގެ ސަޕޯޓް އަޅުގަނޑުމެން ބޭނުންވާނެ އެފަދަ ކަންކަން އަޅުގަނޑުމެންނަށް އެންގުމުގައި. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ ކިހާ ޢަދަދެއްގެ މީހުން އެބައުޅޭކަން ޕާޓީ ބާއްވާ، ބޮޑެތި ގެދަރިންގްސްތައް ބާއްވާ. އެކަންކަމަށް ބަލާފައި އަޅުގަނޑުމެންނަށް ފަސޭހަވާނެ އިތުރަށް ފިޔަވަޅެއް އަޅަން. އަދި ހަރުކަށިވާއިރުވެސް އަޅުގަނޑުމެންނަށް ބުނެވެން އޮންނާނެ މިހާތަނަށް މިގޮތަށް މިތައް ޕާޓީތަކާއި އެއްވުންތައް ބާއްވާފައިވެއޭ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ތަބާވުމުގައި މިހާރަށްވުރެ ބޮޑަށް ނަމޫނާ ދެއްކުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މަގުމަތީގައި އުޅޭއުޅުން ވީހާވެސް މަދުކޮށް ކޮންމެހެން ނުކުންނަންޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ޑރ. އަފްޒަލް ވަނީ ތަކުރާރުކޮށް ނަޞޭޙަތްތެރިވެފައެވެ.