ޚަބަރު

ގެވެށި އަނިޔާ ލިބޭ މީހުންނަށް އެހީވުމަށް އަމާންހިޔާގެ ގޮތުގައި ފަސްތަނެއް ކަނޑައަޅައިފި


ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ދިރިއުޅުން އަނބުރާ ގެނައުމަށް އެހީތެރިވެދިނުމަށް އެފަދަ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ދޭނެ މަރުކަޒުތައް ފަސް ރަށެއްގައި ގާއިމްކުރަން ނިންމައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުގެ ގޮތުގައި ފަސް ރަށެއްގައި ހުރި އަމާން ހިޔާތައް ކަނޑައަޅާފައިވާކަމަށެވެ. އެއީ ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ތ. ވޭމަންޑޫ، ގދ. ތިނަދޫ އަދި ވިލިމާލޭ އަމާންހިޔާއެވެ.

އަދި މިހާރު މިތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމުގައި އެމިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މިނިސްޓްރީން ވިދާޅުވީ އެ މަރުކަޒުތަކުގައި ޤާއިމްކުރެވިފައިވާ އަމާންހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތްތައް ދެވޭނެ ވަސީލަތްތައް ހުރި ތަންތަން ކަމުގައި ނުވާތީ، ޚިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއާ ޕްރޮޖެކްޓްގެ އެހީގެ ދަށުން މިހާރު ލިބިފައިވާ ކަމަށެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެފަަދަ އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ދިރިއުޅުން އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި އެފަދަ މީހުން ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ހަދައި، އެ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުސޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.