ތަރައްްޤީ

އިންޑިއާ ސަރުކާރުގެ އެހީގައި މ.ކޮޅުފުށީގައި ހިންގާ މަގުބައްތި ޖެހުމުގެ މަޝްރޫއު ނިމިއްޖެ


އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މ. ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ހިންގި މަޝްރޫއު ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު ވަނީ ވަރޗުއަލް ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު އާއި ކޮޅުފުށި ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮޅުފުށިގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަޝްރޫޢަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް މުހިއްމު މަޝްރޫޢެއްކަން ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ އެހީ ހަމަޖައްސަވައިދެއްވިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ކޮޅުފުށީގެ މަގުތައް އަލިކުރެވުމުން، އެރަށުގައި ހިންގާ ކުށްތައް މަދުކުރެވި، ރަށުގެ ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވި ގޮތުގައި ކޮޅުފުށީގައި ހިންގި މިމަޝްރޫޢަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ސްކީމްގައި ބައިވެރި ކުރުމަށް އެންމެ އެކަށޭނެ އެއް މަޝްރޫޢެވެ.

މި މަޝްރޫއުގެ ސަބަބުން ކޮޅުފުށީގެ ހުރިހާ ރައްޔިތުންނަށް ފައިދާވެގެންދާނޭ ކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންޑިއާއިން މާލީއެހީދޭ މިފަދަ ހުރިހާ މަޝްރޫޢަކީ ދިވެހި ސަރުކާރާއި، ލޯކަލް ކޮމިއުނިޓީއާއި ލޯކަލް ކައުންސިލްތަކާއި ގުޅިގެން ހުރިހާ ސްޓޭކްހޯލްޑަރުން ބައިވެރިވާގޮތަށް ހިންގޭ މަޝްރޫއުތަކެއް ކަމަށް އިންޑިއާ ސަފީރު ވިދާޅުވިއެވެ.

1.5 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫޢަކީ އިންޑިއާއިން 2019 ވަނަ އަހަރު ދެއްވާފައިވައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހިންގި މަޝްރޫއެކެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެއްވާފައިވާ 106 މިލިއަން ރުފިޔާގެ ތެރެއިން ހިންގާ މަޝްރޫއުތައް ބަލަހައްޓަމުންދަނީ މަޝްރޫޢު ހިންގާ ރަށްތަކާއި، ސަރުކާރުގެ އިދާރާތައް ގުޅިގެންނެވެ.

މި މަޝްރޫއުގެ ދަށުން ކޮޅުފުށީގެ މަގުތަކުގައި 115 ލައިޓް ވަނީ ހަރުކޮށްފައެވެ. ކޮޅުފުށްޓަކީ 2004 ވަނަ އަހަރުގެ ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެކެވެ. ރަށުގެ ރައްޔިތުންނަށް ޚާއްސަކޮށް ރަށުގެ އަންހެނުންނާއި، ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ލިއްބައިދޭނެ މި މަޝްރޫއުގެ ހިއްސާއަކަށްވުމުގެ ފުރުސަތު ލިބުމަކީ އިންޑިއާއަށް ލިބޭ ފަޚުރެއްކަން އެ ޤައުމުން ފާހަގަކުރެއެވެ.

ގްރާންޓް މަޝްރޫއުތަކަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ގުޅުމުގެ މުހިންމު ބައެކެވެ. އަދި މަޝްރޫއުތައް ބިނާވަނީ ރަށު ރައްޔިތުންގެ އަސާސީ ބޭނުންތަކުގެ މައްޗަށެވެ. އަދި ހަމަ އެހެންމެ މިފަދަ ކޮންމެ މަޝްރޫޢެއް ހިންގާ ތަންފީޒުކުރަނީ ލޯކަލް ކައުންސިލްތަކާއި ކަމާގުޅޭ މިނިސްޓްރީތަކުންނެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުގެ ލާމަރުކަޒީ ތަސައްވުރު އިތުރަށް ފުރިހަމަވެ ކުރިއެރުން ލިބިގެންދެއެވެ.

ކޮޅުފުށި މަގުމަތީ ލައިޓް ހަރުކުރުމުގެ މި މަޝްރޫއުއަކީ ގްރާންޓް ފަންޑިންގެ އަދަދު ނިސްބަތުން މަދު ނަމަވެސް ރަށުގެ ރައްޔިތުންނަށް ކުރާ ފައިދާ ބޮޑު މަޝްރޫއުތަކުގެ ފުރިހަމަ މިސާލެކެވެ.