ޚަބަރު

ލިލީން ސުކޫލްތަކަށް 100،000 މާސްކު ހަދިޔާކޮށްފި


ލިލީ އެންޓަރޕްރައިސަސް އަދި ލިލީ ޝިޕިންގ އެންޑް ޓްރޭޑިންގގެ ފަރާތުން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާ ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ސްކޫލްތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ލިލީން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. މި މާސްކްތައް ބަހާނެގޮތުގެ ތަފްސީލް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރައްވާފައެއް ނުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޓުވީޓް

ލިލީން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާ ކޮށްފައި މިވަނީ މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައިވާ ދުވަސްވަރެއްގައެވެ. އެހެން ނަމަވެސް އޭލެވެލް އަދި އޯލެވެލްއަށް ތައްޔާރުވާ ދަރިވަރުންނަށް ސްކޫލުތަކުގައި ދަނީ ކިޔަވައި ދެމުންނެވެ.

ސްކޫލްތައް އަލުން ހުޅުވައި އާއްމު ހާލަތެއްގައި ކިޔަވައި ދެވޭން ފެށޭނެ ތާރީޚެއް މިނިސްޓްރީން ހާމަކުރައްވާފައި ނުވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ސުކޫލު މާޙައުލަކީ ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ސްކޫލަށް ވަނުމުގެ ކުރިން ޓެމްޕަރޭޗަރ ޗެކުކުރުމާއި، މާސްކް އެޅުން އަދި ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.