ޚަބަރު

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުން ވަނީ 2020 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި އެ މަރުކަޒުން ހިންގާ ކޯސްތަކުގެ ތަފްސީލްތައް މިހާރު ހާމަކޮށްފައެވެ. އެގޮތުން ދެ ވަނަ ސެމިސްޓަރގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ހިންގާ ކޯސްތަކަކީ، ޤިރާޢަތު ސެޓްފިކެޓް 1، ޤިރާއަތު ސެޓްފިކެޓް 2، ޤިރާއަތު ސެޓްފިކެޓް 3 އަދި ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓްގެ ކޯހެވެ. ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މި ކޯސްތައް ހިންގުމަށް ހަމަޖެހިފައި ވަނީ މާލޭގައި ހުންނަ ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒާއި، ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ ގޮފީގައިކަމަށެވެ.

މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2020 އޮގަސްޓް 11 ވާ އަންގާރަ ދުވަހުން ފެށިގެން މަރުކަޒުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތުދެއެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2020 ސެޕްޓެންބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު [email protected] އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

މެއިލް ކުރާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި “Semester 2, 2020” ޖެއްސެވުމަށް އެ މަރުކަޒުން އަންގައެވެ. މި ކޯސްތަކަށް ހޮވޭ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެކަމަށް ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ.