ޚަބަރު

ކޯވިޑް-19 : މާޅެންދޫން ޕޮޒިޓިވްވި ދެމަފިރިއަކު އިތުރު ފަރުވާއަށް ފުނަދޫ ފެސިލިޓީއަށް ގެންގޮސްފި


ނ މާޅެންދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެމަފިރިއަކު އިތުރު ފަރުވާއަށް ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.

މި ދެމަފިރިން ށ. ފުނަދުއަށް ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ޕީއެސްއެމް ނިއުސް އާއި މަޢުލޫމާތު ހިއްސާކުރައްވަމުން ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ޒަމްރަތު ވިދާޅުވީ، ނ މާޅެންދޫން ޕޮޒިޓިވްވި ދެމަފިރިއަކު އިތުރު ފަރުވާއަށް ރޭގެ 07:50 ހާއިރު އެރަށަށް ގެނެސްފައި ވާކަމަށެވެ. މި ދެމަފިރިން އިތުރުފަރުވާއަށް ފެސިލިޓީއަށް ގެނެސްފައި ވަނީ އަންހެން މީހާއަށް ނޭވާލާން އުުނދަގޫވުމުގެ ސަބަބުންކަމަށާއި، މިހާރު ދެ މީހުންގެ ޙާލުވެސް ރަނގަޅުކަމަށް ޒަމްރަތު ވިދާޅުވިއެވެ. އަދި ދެ މަފިރިންގެ ހާލުވެސް ގާތުން ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަކީ ޒޯން 1ގެ ރަށްތަކަށް ޚާއްސަކޮށްފައިވާ ކޯވިޑް ފެސިލިޓީއެވެ. މި ފެސިލިޓީގައި އައިސީޔޫ 20 އެނދާއި އައިސޮލޭޝަން 37 އެނދު ހުރެއެވެ. މި ފެސިލިޓީގައި މިގެ ކުރިންވެސް ވަނީ 2 މީހަކަށް ފަރުވާ ދީފައެވެ. އެ ދެމީހުންނަށް ފަރުވާދީ ބަލިން ރަނގަޅުވެފައިވާތީ ދެ މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވެފައިވާއިރު، މި ބައްޔަށް އަތޮޅުތަކުގައި ހޯމް ކަރަންޓީންގައި ތިބޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އިން އާދިއްތަ ދުވަހުގެ، އިރުއޮއްސި 18:00 އާއި ދެމެދު، 121 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން 19 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުންނެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 25 ރަށަކުންނާއި، 32 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ ގދ.ހޯނޑެއްދޫ އާއި، ގދ. މަޑަވެލި އަދި ނ.މަނަދޫއެވެ.