އަތޮޅުތައް

ކެލާގެ ތުނޑި- އިނގިރޭސިންނާއި ގުޅުންހުރި ތާރީޚީ ވާހަކަތަކެއް


ހއ ކެލާގެ ތުނޑި އެރަށުގެ މީހުންގެ މެދުގައި ބޮޑަށް މަޝްހޫރު ވެގެން ގޮސްފައިވަނީ، ހިތް އުފާކޮށްލަން ނުވަތަ ޕިކްނިކް ދާން ގޮސް އުޅޭ ހިތްފަސޭހަ، ގުދުރަތީ ރީތިކަމެއް ލިބިގެންވާ ތަނެއްގެ އިތުރުން، އެއް ޒަމާނެއްގައި އެރަށުގެ މީހުން ސިއްސުވާލި މަންޒަރު ތަކެއް ފެނިގެން ދިޔަ ތާރީޚީ ތަނެއްގެ ގޮތުގައެވެ.ކެލާ ތުނޑިއޭ ބުނުމުން ރަށުގެ ހަރުކުލައިގެ މީހުން އެންމެ ފުރަތަމައިނުންވެސް ސިފަކުރާނީ އެއީ، ކެލާގައި އިނގިރޭސިން ތިބި ތަނުގެ ގޮތުގައެވެ. ފަހަރުގައި ގިނަ ބަޔަކަށް މިކަމުގެ މަޢުލޫމާތު އެނގިފައި ނެތުމަކީ އެކަށީގެންވާކަމެކެވެ.އެހެންނަމަވެސް، ކާފައިންނާއި މާމައިންގެ ފަރާތުން މިވާހަކަތައް ވަނީ މިރަށުގެ މިއަދުގެ ޖީލާއިހަމައަށް ވެސް ވާސިލުވެފައެވެ.ކެލާއަކީ އެރަށަކަށް ނިސްބަތްވާ ރީތި އަދި ބޮޑު ގުދުރަތީ ފަޅެއް ލިބިފައިވާ ރަށެކެވެ. އަދި ދިގުމިނުގައި 3.6 ކިލޯމީޓަރު ހުންނަ މިރަށުގެ ތުނޑިއަކީ ވެސް އެހާމެ ރީތި ތަނަވަސް ތުނޑިއެއް އެކުލެވިގެންވާ ސަރަހައްދެކެވެ.އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުންއަންނަ މި ރަށަކީވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއިން އިނގިރޭސީން ހަނގުރާމަމަތީ މަންޒިލަކަށް ބޭނުންކޮށްފައިވާ ތަނެއްކަމަށް ތާރީޚީ ލިޔުންތަކުން އެނގެން އޮވެއެވެ.1887 ގައި އިނގިރޭސިންނާއި ރާއްޖެއާ ދެމެދު ވެވުނު މުއާހަދާއަށް ފަހު އިނގިރޭސިން ރާއްޖޭގެ ރައްތަކުގެ ސަރވޭކޮށް އިންޑިއާކަނޑުގައި ދަތުރުކުރާ ދުޝްމަނުންގެ އުޅަނދުތަކަށް ފާރަލާނެ އަދި، އިނގިރޭސި އުޅަނދު ފަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާނެ މަންޒިލަކަށް ރާއްޖޭގެ ބައެއް ސަރަހައްދުތައް ހެދުމަށް އިނގިރޭސިން ވަނީ ބަލަމުން ގެންގޮސްފައެވެ.އެކަމުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ބޮޑުހަނގުރާމައިގެ ބިރުވެރިކަން ވެރިވަމުން ދިޔައިރު، އިނގިރޭސިން އައްޑު އަތޮޅުގެ އިތުރުން ކެލައަށްވެސް ފައިބާ އަސކަރީ ހަރަކާތްތަކެއް ވަނީ ހިނގާފައެވެ. ބައެއް ލިޔުންތަކުގައި ވާގޮތުގައި، 1934 ވަނަ އަހަރުން ފެށިގެން ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެކަށް ކެލާގެ ތުނޑި ސަރަހައްދުގައި އިނގިރޭސިން "ސްޓޭޖިން ޕޮއިންޓް" އެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔައެވެ.އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އިނގިރޭސި އުޅަނދު ފަހަރަށް ތެޔޮ އަޅާ ދިނުމާއި، އިނގިރޭސި ރޯޔަލް އެއަރ ފޯސްގެ "ސީ ޕްލޭން" ތައް ކެލާގެ ބަނދަރަށް އެދުވަސްވަރު އައިސް ގޮސް އުޅޭކަމަށް ބުނެވެއެވެ.މިމަންޒަރުތަކަކީ އެދުވަސްވަރު ކެލާގައި އުޅުނު ރައްޔިތުންނަށް ކަންބޮޑުވުމާއި، ބިރުވެރިކަން އިހުސާސް ކުރަން ޖެހުނު ކަންކަމަށް ވެގެން ދިޔަ ނަމަވެސް، އިނގިރޭސިން ތިބި ދުވަސްވަރަކަށް ރަށަށް ފާހަގަތި ދުވަސްތަކެއްގެ ގޮތުގައި އެބައިމީހުން ސިފަކުރެއެވެ. ތާރީޚީ ބައެއް ލިޔުންތަކުގައި ކެލާގައި އިނގިރޭސިން 1934 އިން ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެން ހަރަކާތްތެރިވި ކަމަށް ބުނެފައިވީނަމަވެސް، އެދުވަސް ވަރުގެ ކަންކަން އަދިވެސް ހަނދާން ހުރި ދުވަސްވީ މީހުން ބުނާ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކެލާ ތުނޑީގައި އިނގިރޭސިން ހޭދަކޮށްފައިވަނީ ދެ އަހަރެއްހާ ދުވަހެވެ.އިނގިރޭސީން ފުރަތަމަ ކެލައަށް އައުމަށްޓަކައި ރާއްޖޭގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވި އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކެލަޔަށް ވަޑައިގެން  އިނގިރެސިން އެރަށަށް އަންނަ ކަމުގެ ޚަބަރު ދެއްވާފައިވާކަމަށް ކެލާގެ ދުވަސްވީ މީހުން ބުނެއެވެ.ޕީއެސް އެމް އަށް މިވާހަކަތައް ހިއްސާކުރަމުން، ކެލާގެ ކުރީގެ ކުޑަކަތީބު އަދި އިނގިރޭސީންނާ އެކު މަސައްކަތްކުރެއްވި އިސްމާއިލް މޫސާ މަނިކު ވިދާޅުވީ އެދުވަސްވަރު ތުނޑީ އަވަށަށް ޢާާންމުން ދިޔުން މަނާކޮށްފައިވާކަމަށެވެ. އަދި އެސަރަހައްދަށް މީހުންނަށް ދެވެނީ އިނގިރޭސީންގެ އެދުމުގެ މަތިން މަސައްކަތް ކުރުމަށްކަމަށެވެ.ިސްމާއިލް މޫސާ މަނިކު ވިދާޅުވީ އިނގިރޭސީން އައިސް އުޅުނު ދުވަސްވަރު ކެލާ ރައޔްިތުންނަށް ފާގަތި ދުވަސްތަކެއް ފެނިގެން ދިޔަކަމަށެވެ.އިނގިރޭސީން ކެލައަށް އައި ދުވަހުގެެ ހަނދާންތައް ހިއްސާކުރައްވަމުން ކެލާގެ ދުވަސްވީ ހަދީޖާ އައިސާ މަނިކެ  ބުނެފައިވަނީ އެއީ، ހަނދާނުން ފޮހެލަން އަދި އެހާމެ ބިރުވެރި ގޮތަކަށް ދިޔަ ދުވަހެއްކަމަށެވެ. އަދި އެދުވަސްވަރު ޢާންމުކޮށް ނުފެންނަ ގިނަ ކަންތައްތަކެއް ފެނިގެން ދިޔަކަމަށްވެސް ހަދީޖާ އައިސާ މަނިކެ ކިޔައިދިނެވެ.ކެލާގައި އިނގިރޭސިން އުޅުނު ތަންތަން ހުރި ނަމަވެސް ގިނަ ތަންތަން މިހާރުވަނީ ވީރާނާވެ ނެތިގެން ގޮސްފައެވެ. މިއީ، ކެލާގެ ތާރީޚް ދައްކުވައިދޭކަމަކަށްވާއިރު، މި ހާދިސާއާއި ގުޅޭ މި ތަންތަން ހިމާޔަތްކުރެވިފައިނެތްކަން ފާހަގަކޮށްލެވެއެވެ.ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު ވިދާޅުވީ އިނގިރޭިސިން އުޅުނު އިރުގެ ތަންތަން ހިމާޔަތްކުރުމަށް ސަރުކާރާ ވާހަކަ ދައްކާފައިވާކަމަށާއި، އަދި މިހާތަނަށް އަލި މަގެއް ފެނިފައިނުވާކަމަށެވެ.ކެލާގައި އިނގިރޭސި ސިފައިން ހަރަކާތްތެރިވިކަމަށް ބުނާ ކެލާގެ ތުނޑި ސަރަހައްދު ފަތުރުވެރިކަމަށް ތަރައްޤީ ކުރުމުގެ ޕްލޭނެއް އެބައޮތެވެ. އަދި، މިހާރު އެސަރަހައްދު އޮތީ ޓުއަރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. މި ސަރަހައްދުގައި ސިޓީ ހޮޓަލެއް އެޅުމަށް ނިންމާފައިވާއިރު، މިތަނުން އެންމެ އެކަށޭނަ މަންފާއެއް ހޯދުމަށް ގިނަ ކަންތައްތަކެއް ރާވަފައިވާކަމަށް ކެލާ ކައުންސިލުން ބުނެއެވެ.