ކޯވިޑް-19

ކޯވިޑް-19 : 12 ޖުލައި އިން ފެށިގެން މިހާތަނަށް 66 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދީފައިވޭ


މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 66 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދޭން ޖެހުނުކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ފުރަަބަންދުގެ ފިޔަވަޅުތަކަށް ދެވުނު ލުއިތަކާއެކު މިދިޔަ ޖުލައިމަހުން ފެށިގެން ސެޕްޓެމްބަރު މަސް ފެށުމާއި ހަމައަށް ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗް.އީ.ސޯ.ސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ޖުލައިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހާލުދެރަވެގެން އައި.ސީ.ޔޫގައި 66 މީހަކަށް ފަރުވާ ދޭން ޖެހުނުކަމަށެވެ. އޭގެ ތެރެއިން 9 މީހަކު ވެންޓިލޭޓަރަށް ލާން ޖެހުނުއިރު، އައި.ސީ.ޔޫގައި ފަރުވާ ދެމުންދަނިކޮށް މި މުއްދަތުގެ ތެރޭގައި 4 މީހަކު ނިޔާވެފައިވާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި 2 މީހަކު ރަނގަޅުވެގެން ވެންޓިލޭޓަރުން ނަގާފައިވާކަމަށާއި، 3 މީހަކަށް ވެންޓިލޭޓަރުގައި މިހާރުވެސް ފަރުވާ ދެމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ނިމުނު އޮގަސްޓްމަހުގެ ތެރޭގައި ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު، މިހާރު އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް މުޖުތަމަޢުގެ ތެރޭގައި މި ބަލި ފެތުރެމުންދާ މިންވަރުވެސް ހަފްތާއަކަށްފަހު ހަފްތާއެއް ދަށްވާން ފަށާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

"މިހާރުގެ އެންމެފަހުގެ ކަލްކިއުލޭޝަންސްއަށް ބަލާއިރު، 1 އަށްވުރެ ކުޑަތަންކޮޅެއް މަތީގައި ވޭރީވަމުން މިދަނީ. 1.3 އެހާކަށްހާ ވަރުގައި ވީކްލީކޮށް ބަލާއިރު އަޅުގަނޑުމެންގެ އާރް ވެލިއު މި އުޅެނީ. އަދިވެސް 1 އަށްވުރެ މަތީގައިވީމައި އަދިވެސް ހަމަ ފެތުރެމުންމިދަނީ. އެހެންނަމަވެސް މި ވެލިއުވެސް ވީކްލީކޮށް ކޮންމެވެސް ވަރަކަށް ދަށްވަމުން އެބައާދޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ކުޑަނަމަވެސް ކުރިއެރުމެއް ލިބެމުން މިދަނީ މިކަމުގައި ކުރީ ސަފުގައި ތިއްބެވި ފަރާތްތަކުން ބަލި ކޮންޓްރޯލްކުރުމަށް ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ ބޭފުޅުންވެސް ޢަމަލުކުރައްވާތީކަމަށެވެ. އެހެންނަމަވެސް އަދިވެސް މުޖުތަމަޢުގެ ތެރޭގައި ބަލި އުޅޭކަން އެއީ އެންމެންވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތެއްކަމަށާއި، ޢަދަދުތައް ދަށްވުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ފަރުވާ ކުޑަ ކުރަންޖެހޭ ސަބަބެއް ނޫންކަމަށް ޑރ. ނަޒްލާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

"އަދިވެސް ހަމަ އަޅުގަނޑުމެންގެ ތެރޭގައި ބަލި އެބައުޅޭ. ބަލި ފެތުރޭ މިންވަރުވެސް އަދިވެސް މިއުޅެނީ ހަމަ މަތީގައި. އެހެންވީމަ ޒަރޫރީ ބޭނުމަކާ ނުލާ ބޭރަށް ނުނިކުންނަވަން އަޅުގަނޑުމެން ދަންނަވަން. ޕާޓިތަކާއި އާއިލީ އެއްވުންތަކާއި އަދި އެނޫންވެސް އެއްވުންތައް ބާއްވާ ޙާލަތަކަށް އަދި އަޅުގަނޑުމެން ނުދޭ. މިވަގުތު ފަރުވާ ކުޑަ ކުރެވިއްޖެނަމަ ހަމަ އަނެއްކާވެސް ކޭސްތައް އިތުރުވުމުގެ ފުރުޞަތު އެބައޮތް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްއެއް ފެނުނުތާ މިހާރު 189 ދުވަސްވެފައިވާއިރު، ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 9000 އަށްވުރެ މައްޗަށް އަރާފައެވެ. ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 21 އަހަރާއި 50 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. މީގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، ވަޒީފާ އަދާ ނުކުރާ މީހުންނާއި އަދި އެކި ކަހަލަ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންވެސް ނިސްބަތުން ގިނަކަން ފާހަގަކޮށްލެވެއެވެ.